1965ވަނަ އަހަރުގެ އެއްބަސްވުން މިއަދު ކޮބާ؟

27 Jul 2020 | 00:04

ގައުމެއްގެ ހަޔާތުގައި ދިމާވާނެ އެންމެ ހިތާމަވެރި ވަގުތުތަކަށް ވާނީ އެގައުމެއްގެ ފުރިހަމަ ޚާރިޖީ އަދި ދާޚިލީ މިނިވަންކަމަށް ކުޑަ ނަމަވެސް ބުރުލެއް އަރާ ވަގުތެވެ. ދިވެހިރާއްޖެއަކީ ނިސްބަތުން ކިތަންމެ ކުޑަ ގައުމެއް ނަމަވެސް، މިގައުމުގެ މިނިވަންކަމާއި ސިޔާދަތަށް ބުރޫ އަރާފައިވާ ޚާދިސާތައް ތާރީޚުގެ ތެރެއިން ފެންނަން އެބަހުއްޓެވެ. މިއަދު ފާހަގަކުރެވެމުން މިދަނީ އެފަދަ ކަމަކުން ދިވެހިން މިންޖުވުމެވެ. އިނގިރޭސިވިލާތުގެ "ހިމާޔަތުގެ އުނގުން" ދިވެހިރާއްޖެ ވީއްލުނު އުފާވެރި މުނާސަބާއެވެ.

1887 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހު އިނގިރޭސީންގެ "ހިމާޔަތުގެ" ދަށުގައި އޮންނަ ދައުލަތެއް ދިވެހިރާއްޖެ ހަމަޖެހިގެން ދިޔަ ލިޔުމުގައި ސޮއިކުރެއްވީ އޭރު ތަޚުތުގައި އިންނެވި އައްސުލްތާން މުހައްމަދު މުޢީނުއްދީން 2 އެވެ. ތާރީޚް ލިޔުއްވާ ބައެއް ފަރާތްތަކުން ވިދާޅުވާ ގޮތުގައި މި އެއްބަސްވުމުގައި ރަދުން ސޮއިކުރައްވަން ޖެހުނީ، ވަރަށްވެސް ދެކޮޅު ހެއްދެވުމަށްފަހު އެންމެ ފަހުން ގޮތް ހުސްވެގެންނެވެ.

މަޝްހޫރު ލިޔުންތެރިޔާ އަބްދުލްހަކީމް ހުސައިން މަނިކު 1981 ވަނަ އަހަރު ލިޔުއްވި "ބޮޑުހުޅުގެ ތާރީޚް" ފޮތުގައި ބަޔާންވެފައިވާ ގޮތުގައި އެ ދުވަހު ފުރަތަމަ އެ ލިޔުމުގައި ސޮއިކުރައްވަން ރަދުން އިންކާރުކުރެއްވުމުން، އިނގިރޭސި ވަފުދު އެނބުރި މަނަވަރަށް ވަޑައިގެންނެވިއެވެ. އެއަށްފަހު ދެން ފެނިގެން ދިޔައީ ބިރުވެރި، އެހެނަސް އިނގިރޭސީންގެ މަޝްހޫރު "ގަންބޯޓު ޑިޕްލޮމެސީ" އެވެ. އިނގިރޭސި ވަފުދު ދަތުރުކުރި މަނަވަރުގެ ބަޑިތައް މާލެއާއި ދިމާލަށް އަނބުރާލައި ތޮށިގަނޑު ކައިރީގައި މަޑުކޮށްލިއެވެ. އެއަށްފަހު އެ ވަފުދުން އަނެއްކާވެސް މަތިގެއަށް ދުރުވެ، ހިމާޔަތަަށް އެއްބަސްވުމުގެ ލިޔުމުގައި ސޮއިނުކޮށްފިނަމަ މާލެ ފުނޑުފުނޑު ކޮށްލާނެ ކަމުގެ އިންޒާރު ދިންކަމަށް އެބޭފުޅާ ލިޔުއްވިއެވެ.

މި ބިރުވެރިކަމުގެ މަތީގައި ސޮއިކުރެވުނު ލިޔުމުގައި ރަދުން ސޮއިކުރެއްވިއިރު، މަޝްހޫރު އިލްމުވެރިޔާ ނައިބު ތުއްތު މަތިގެއިން ވަޑައިގެންނެވިކަމަށްވެއެވެ. އެގޮތުން ކާފަރުންގެ އަތުން ޝަހީދުވިޔަސް އޭގައި ސޮއިކުރާނެ ކަމެއް ނެތްކަމަށާއި، ސޮއިކުރާ ތަނުގައި ނީންނާނަމޭ ބުނެ މަތިގެއިން ފައިބައިގެން ވަޑައިގެންނެވި ކަމަށްވެސް މަތީގައި ބަޔާން ކުރެވުނު ފޮތުގައި ލިޔެވިފައިވެއެވެ. އެހެނަސް އެ ލިޔުމެއްގައި އޮންނަނީ ދިވެހިން ހިތުން ރުހުމުން އިނގިރޭސީންގެ ހިމާޔަތަށް އެދުނީ ޔޯލައެވެ.

އެއަށްފަހު އެތަކެއް އަހަރުތަކެއް ފަހަށް ޖެހިލަމާތޯއެވެ. އެތަކެއް މަސްތަކެއްގެ ބުރަ އަދި މިންނެތް ވާހަކަތަކަކަށް ފަހު، ދިވެހިރާއްޖެއަކީ ޚާރިޖީ އަދި ދާޚިލީގޮތުން މިނިވަން މުސްތަގިއްލު ދައުލަތެއްގެ ގޮތުގަައި ބަލައިގަތުމަށް އިނގިރޭސިވިލާތުން ނިންމައިފިއެވެ. މިކަމުގެ އެއްބަސްވުމުގައި 1965 ވަނަ އަހަރުގެ ޖުލައިމަހުގެ 26ވަނަ ދުވަހުގައި ސޮއިކުރެވުނީ ސިލޯނުގެ ވެރިރަށް ކޮޅުނބުގައި ހުންނަ އިނގިރޭސި ސަފީރުގެ ރަސްމީ ގެކޮޅުގައެވެ. ދިވެހިރާއްޖޭގެ ފަރާތުން މި މުހިންމު އެއްބަސްވުމުގައި ސޮއިކުރެއްވީ އޭރުގެ ބޮޑުވަޒީރު ސުމުއްވުލް އަމީރު އިބްރާހިމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނެވެ. އިނގިރޭސި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ސިލޯނުގައި ހުންނަވާ ސަފީރު ސަރ މައިކަލް ވޯކަރއެވެ.

މިފަދަ ކޮންމެ މުހިންމު އެއްބަސްވުމެއް ދެގައުމެއްގެ މެދުގައި ސޮއިކުރެވޭއިރުގައިވެސް އަމަލުކުރެވޭ އުސޫލުތަކެއް އޮވެއެވެ. އެގޮތުން ކޮންމެ ގައުމަކަށްވެސް އެއްބަސްވުމުގެ އަސްލެއް ދިނުމާއި، އދ.އަށް އެ އެއްބަސްވުމުގެ ނަކަލެއް ހުށައެޅުން ހިމެނެއެވެ.

ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާއި ދެމެދު 1965 ވަނަ އަހަރު ސޮއިކުރެވުނު މި އެއްބަސްވުމުގައިވެސް އަމަލުކޮށްފައި ވާނެކަމަށް ބެލެވެނީ މި އުސޫލުންނެވެ. މި އެއްބަސްވުމުގެ އިނގިރޭސިވިލާތަށް ލިބުނު އަސްލު، އިނގިރޭސިވިލާތުގެ ގައުމީ އަރުޝީފްގައި އެބައޮތެވެ. އެހެނަސް، ދިވެހިރާއްޖެއަށް ލިބުނު އަސްލަށް ވީނުވީއެއް އަދި ނޭނގެއެވެ.

ގައުމީ މިފަދަ ލިޔުންތައް ރައްކާތެރިކަމާއި އެކު ބެލެހެއްޓުމުގެ މަތިވެރި ޒިންމާ މަތިކުރެވިފައިވާ އިދާރާއަކީ ދިވެހިރާއްޖޭގެ ގައުމީ އަރުޝީފެވެ. "ވޮއިސް" އާއި ވާހަކަ ދައްކަވަމުން އެ އިދާރާގެ ޑިރެކްޓަރ ޖެނެރަލް މުހައްމަދު އާމިރު އަހުމަދު (ފަރެސް އާމިރު) ވިދާޅުވި ގޮތުގައި މި އެއްބަސްވުމުގެ ދިވެހިރާއްޖެއަށް ލިބެންވީ އަސްލު ހަމަ ގައިމުވެސް ދިވެހިރާއްޖޭގެ ގައުމީ އަރުޝީފުގައެއް ނެތެވެ. ނަމަވެސް މި ލިޔުމުގެ ކޮޕީތައް "ދިވެހި ޑައިޖެސްޓް" ފަދަ މަޖައްލާ ތަކުގައި ޝާއިއު ކުރެވިފައިވާކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

އާމިރު އިތުރަށް ވިދާޅުވީ އެ އެއްބަސްވުން މިހާރު އޮތް ތަނަކާއި، އެ ލިޔުމަށް ވީގޮތެއް ދަންނަވަން ދަތިކަމަށެވެ. ނަމަވެސް ބޮޑަށް ލަފާކުރައްވަނީ ސަމާލުކަން ދޭންވީ މިންވަރަށް އެ ލިޔުމާއި މެދު ސަމާލުކަން ނުދެވުމުން ގޮތެއްވީކަމަށްވެސް އެބޭފުޅާ ވިދާޅުވިއެވެ. އިތުބާރުހުރި މަސްދަރަކުން ވޮއިސްއަށް އެނގިފައިވާ ގޮތުގައި މި އެއްބަސްވުން ހޯދަން ގިނަ މަސައްކަތްތަކެއް ކުރެވުނު އިރު، ސަރުކާރުގެ އެއްވެސް ކަމާއިބެހޭ އިދާރާއެއްގައި މިނިވަންކަމުގެ އެއްބަސްވުމުގެ ރާއްޖެއަށް ލިބުނު އަސްލު އޮތްކަން ވަނީ ކަށަވަރުވާގޮތް ނުވެފައެވެ. އެހެންކަމުން ހިން ދިރުވާލާފައި އަޅުގަނޑަށް ބުރަވެވެން އޮތީ، އެ އެއްބަސްވުން ދިވެހިރާއްޖޭގެ އަތުން "ގެއްލިފައިވާ" ކަމަށެވެ.

މި ލިޔުމުގެ ކުރިން ފާހަގަކުރެވުނު ފަދައިން ދޭދޭ ގައުމުތަކުގެ މެދުގައި ވެވޭ މިފަދަ އެއްބަސްވުންތަކުގެ ނަކަލެއް އދ.އަށް ހުށައެޅެއެވެ. ވޮއިސްގެ ޓީމުން އދ.ގެ އާންމު އަރުޝީފް ހޯދިއިރު، 1965 ވަނަ އަހަރު ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާއި ދެމެދުގައި ވެވުނު އެއްބަސްވުމުގެ ނަކަލަކާއި، ލެޓާސް އޮފް އެކްސްޗޭންޖްތައް ވަނީ ފެނިފައެވެ.

މިއީ ފުދޭވަރަކަށް ދިގު އެއްބަސްވުމެއްކަމުންނާއި، ނިކަމެތި އަޅުގަނޑަކީ ތާރީޚީ މާހިރަކަށް ނުވުމުން އެއްބަސްވުމުގެ މާބޮޑު ތަފްސީލަކަށް ދާކަށް ނެތީމެވެ. އެހެނަސް، މި އެއްބަސްވުމުން، އަޅުގަނޑުގެ ލޮޅުގައި އަޅައިގަތް ތަންކޮޅެއް ފާހަގަކޮށްލާނަމެވެ.

މި އެއްބަސްވުމުގެ ދެވަނަ މާއްދާގައި ބުނެފައިވާ ގޮތުގައި ދިވެހިރާއްޖެއަކީ ފުރިހަމަ މިނިވަންކަން އަދި މުސްތަގިއްލުކަން ލިބިގެންވާ، އެހެނިހެން ގައުމުތަކާއި ބައިނަލްއަގްވާމީ ޖަމާއަތްތަކާއި އެކު ސިޔާސީ އަދި އެހެނިހެން ގޮތްތަކުންވެސް ގުޅުންތައް ބޭއްވުމުގެ ހައްގުއޮތް ގައުމެއްގެ ގޮތުގައި އިނގިރޭސިވިލާތުން ބަލައިގަންނަކަން އެބައިމީހުން ކަށަވަރު ކޮށްދެއެވެ. އެހެނަސް، އެ މާއްދާ ޖެހިގެން އިން މާއްދާއިން މިކަމާއި ކުޑަކޮށް ފުށޫ އަރާ ކަހަލަ ގޮތެއްވެއެވެ.

އެއްބަސްވުމުގެ ތިންވަނަ މާއްދާގަައިވާ ގޮތުގައި 1960 ވަނަ އަހަރު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ދިވެހިރާއްޖެއިން އިނގިރޭސީންނަށް ދީފައިވާ އައްޑޫ އަތޮޅު ގަމާއި ހިތަދޫ މާމެންދޫ ސަރަހައްދަކީ 1986ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހާއި ހަމައަށް، ކުއްޔަކާއި ނުލައި ދެވޭ ތަނެއްކަން ދިވެހި ސަރުކާރުން ޔަގީންކަންދެއެވެ. ނަމަވެސް އެ ބަސްތައް ޖެހިގެން ބުނެފައިވާ ވާހަކައިން ދިވެހިރާއްޖެއަށް އެބައިމީހުން ހަގީގަތުގައިވެސް "ދާޚިލީ އަދި ޚާރިޖީ މިނިވަންކަން" ދިންތޯ ސުވާލު ކުރެވިދާނެއެވެ.

އެބައިގައި ބުނެފައިވާ ގޮތުގައި 1986 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހާއި ހަމައަށް ދިވެހިރާއްޖޭގެ ސަރަހައްދާއި، ކަނޑާއި އަދި ވައިގެ ސަރަހައްދު އެހެން ގައުމެއްގެ އަަސްކަރީ ބަޔަކު ބޭނުންކުރެވޭނީ އިނގިރޭސީން އެކަމަށް ރުހޭނެ ނަމައެވެ.

މިހާ ހިސާބުން ސުވާލު އުފެދެއެވެ. ދިވެހިންނަކީ ހަގީގަތުގައިވެސް ޚާރިޖީ އަދި ދާޚިލީ ގޮތުން މިނިވަން މުސްތަޤިއްލު ގައުމެއްކަމަށް އެބައިމީހުން ގަބޫލު ކުރާނަމަ، އެހެން ގައުމެއްގެ އަސްކަރީ ބަަޔަކު ދިވެހިރާއްޖޭގައި ގާއިމްވެ ތިބެން އިނގިރޭސިވިލާތުގެ ހުއްދައާއި ރުހުން ހޯދަން ޖެހެނީ ކީއްވެގެންތޯއެވެ؟ ހަގީގަތުގައިވެސް މިނިވަން ގައުމެއް ނަމަ ދިވެހިރާއްޖެެއިން އެދޭ ބޭރުގެ ކޮންމެ ބަޔަކުވެސް ދިވެހިރާއްޖޭގައި އިނގިރޭސީން ރުހުނަސް ނުރުހުނަސް ތިބެވެން ވާނެކަމީ ދެބަސްވެވެން އޮތްކަމެއް ނޫނެވެ.

މިފަދަ މުހިންމު ވާހަކަތަކެއް އެކުލެވިގެންވާ މި އެއްބަސްވުމުގެ ދިވެހިރާއްޖެއަށް ލިބުނު އަސްލު ގެއްލިގެން ދިއުމަކީ ހިތާމަހުރި ކަމެކެވެ. އެއީ ހަގީގަތުގައި ކަރުދާސްތަކެއް ނަމަވެސް، ތާރީޚީ މުހިންމު ލިޔުމެކެވެ. އަންނަން އޮތް ޖީލުތަކަށް ދިވެހިންގެ މިނިވަންކަމުގެ ވާހަކަ ކިޔައިދޭން އޮތް އަގުހުރި ޚަޒާނާއެކެވެ. 

Advertisement

ކޮމެންޓް