Advertisement

ރައީސް ޞާލިހްގެ ސަރުކާރުން އިންޑިއާ މީހުން އާބާދުކުރަންއުޅޭ ވާހަކަ ތަރުޖަމާނު ދޮގުކުރައްވައިފި

26 Jul 2020 | 16:31

އުތުރުގެ ރަށެއްގައި އިންޑިޔާ މީހުން އާބާދުކުރަނީކަމަށް ދައްކާ ވާހަކަ އަކީ ބުހުތާނު ދޮގެއްކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވެއްޖެ އެވެ.

ހޫދު މިވާހަކަ ދޮގުކުރައްވާފައިމިވަނީ ދުވަހު ނޫސް "ދިޔަރެސް" އިން ގެނެސްދީފައިވާ ހަބަރަކަށް ރައްދުދެއްވައި ކުރެއްވި ޓުވީޓެއްގައެވެ.

“އުތުރުގެ ރަށެއްގައި އިންޑިއާ މީހުން އާބާދު ކުރަނީ؟!” މިސުރުހީގެ ދަށުން ގެނެސްދީފައިވާ ހަބަރެއް ހިއްސާ ކުރައްވާ ހޫދު ބުނެފައިވަނީ އެއީ “ރޯ ބުހުތާނު ދޮގު” ކަމަށެވެ.

"ރާއްޖޭގެ އެއްވެސް ސަރަޙަދެއްގައި ބޭރު މީހުން އާބާދުކުރުމުގެ އެއްވެސް ވިސްނުމެއް އެއްވެސް އިރަކު ސަރުކާރުން ގެންގުޅެފަ އެއް ނޯނާނެ. އެއީ ދުވަހަކު ކުރާނެ ކަމެއް ވެސް ނޫން" މިއަދު ހޫދު ކުރެއްވި ޓުވީޓެއްގައި ބުނެފައިވެއެވެ.

ސަރުކާރު ތަރުޖަމާނު މިފަދައިން ވިދާޅުވިނަމަވެސް ރިސޯޓް ވިލާ އަދި އެޕާޓްމެންޓްތައް އެޅުމުން، އެތަންތަން ގަންނަ ފަރާތްތަކަށް ރެސިޑެންސް ވިސާ ދިނުމުގެ ވިސްނުމެއް ސަރުކާރުން ގެންގުޅޭކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް އަލްއުސްތާޛު ފައްޔާޒް އިސްމާއިލް ރައްޔިތުންގެ މަޖިލިސް ކޮމިޓީއެއްގައި ވާހަަކަފުޅުދައްކަވަމުން ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރ ފައްޔާޒް ވިދާޅުވި ގޮތުގައި ހއ. ދައްޕަރުގައި ވިލާ އަދި އެޕާޓްމެންޓްތައް އެޅުމުން، އެތަންތަން ގަންނަ ފަރާތްތަކަށް ރެސިޑެންސް ވިސާ ދިނުމުގެ ވިސްނުމެއް ސަރުކާރުން ދަނީ ގެންގުޅެމުންނެވެ. ސެކަންޑް ހޯމް ޕައިލެޓް ޕްެރޮޖެކްޓެއްގެ ގޮތުގައި އެކަން ފެށުމުގެ ކުރިން ރެސިޑެންސީއާއި ބެހޭ ގާނޫނެއް އެކުލަވާލުމަށްފަހު، ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި ތިން ލައްކައެއްހާ ޑޮލަރު އެއީ އިންވެސްޓްމެންޓަކަށް ވާން ޖެހޭ. އެއީ އެކަހަލަ ތަނަކުން އަޅުގަނޑުމެން އުފައްދާ ވިލާއެއް ނުވަތަ އެޕާޓްމެންޓެއް ތިން ލައްކައެއްހާ ޑޮލަރަށް ގަތީމަ އައިސް ވަދެވޭގޮތަށް އިންވެސްޓްމެންޓެއް ގޮތުގައި ބެލުމަށް،" ފައްޔާޒު ވިދާޅުވި އެވެ.

ހއ. ދައްޕަރުގައި ސެކަންޑް ހޯމް ޕްޖެކްޓެއްގޮތުގައި ކުރިއަށް ގެންދިޔުމަށް ސަރުކާރުން ތައްޔާރު ވަމުން ދާއިރު މިޔާއެކުއެކީ ހަނިމާދޫ އެއާޕޯޓް އިންޑިއާއަށް ތަރައްޤީކޮށް ހިންގުމަށް ހަވާލުކުރުމަށް ވަނީ ސަރުކާރުން ނިންމާފައެވެ.

“ދިޔަރެސް” އަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު އިންޑިއާ އިން ދިވެހިރާއްޖެއަށް ހުށަހަޅާފައިވަނީ ދައްޕަރުގައި ވިލާތަކެއް އެޅުމަށްފަހު އެތަންތަން މިލްކުކުރެވޭ ގޮތަށް ނޫނީ ދިގު މުއްދަތަށް ބޭރުގެ ފަރާތްތަކަށް ކުއްޔަށް ދިނުމަށެވެ. އަދި އެގޮތަށް ދޫކުރާ ފަރާތްތަކަށް ރާއްޖެއިން ރެޒިޑެންސް ވިސާ ދިނުމަށް ހުށަހަޅާފައިވެއެވެ. އެތަންތަނުގެ މިލްކުވެރިންނަށް، އެމީހުންގެ އާއިލާ އަދި ރަށްޓެހިންވެސް އެތަންތަނަށް ގެނެވޭނެފަދަ ގޮތަކަށް ޤާނޫނުތަކަށް ބަދަލު ގެނައުމަށްވެސް އިންޑިއާ ސަރުކާރުން ހުށަހަޅާފައިވާކަމަށް ދިޔަރެސް ނޫހުން ރިޕޯޓްކުރެއެވެ.

ދައްޕަރަކީ ހއ.ފިއްލަދޫގެ އުތުރުން އެ ރަށާއި ގުޅިފައި އޮންނަ ބޮޑު ފަޅުރަށެކެވެ.

ސަރުކާރުން މިކަންތައް ދޮގުކުރިކަމުގައި ވީނަމަވެސް މިނިސްޓަރ ފައްޔާޒާއި، މަޖިލީހަށް ހުށަހަޅަން ތައްޔާރުވާން އަންނަ ރެސިޑްނސް ވިސާއާއި ބެހޭ ޤާނޫނަށް ގެންނަ ބަދަލުތަކަށް ބަލާއިރު ސަރުކާރުން އަންނަނީ ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި އާބާދުވެވޭނެ މަގު ފަހިކުރުމަށް މަސައްކަތްކުރަމުންކަމަށް ބެލެވެއެވެ.

Advertisement

ކޮމެންޓް