މިއޮތީ މީރުކޮށް ކްރީމީ ވައިޓް ސޯސް ޕާސްތާ ތައްޔާރު ކުރާނެ ގޮތް

ވައިޓް ސޯސް ޕާސްތާ

މިއަދު "ވޮއިސް"ގެ ކިޔުންތެރިންނާއި މި ހިއްސާކޮށްލަނީ ވައިޓް ސޯސް ޕާސްތާ ވަރަށް މީރުކޮށް ތައްޔާރުކުރާނެ ގޮތެވެ. 

ބޭނުންވާ ތަކެތި:

1 ޕެކެޓު ޕެނޭ ޕާސްތާ 

1 މޭޒުމަތީ ސަމުސާ ފުށް

1 ޖޯޑު ފުލް ކްރީމް ކިރު 

1/2 ޖޯޑު ޗީޒް (ގާނާފައި)

1 ދަޅު ނެސްލޭ ކްރީމް

1 ބޮނޑި ލޮނުމެދު (ކުދިކޮށް ކޮށާފައި)

1 މޭޒުމަތީ ސަމުސާ އަސޭމިރުން

250 ގްރާމް ކުކުޅު

10 ސޮސެޖު (ކޮށާފައި)

1 ދަޅު ޕީލްޑް ޓޮމާޓޯ

3 މޭޒުމަތި ސަމުސާ ބަޓަރު

ކުޑަ ތެޔޮ ފޮދެއް

ލޮނު ކޮޅެއް

ހިކި މިރުސް (ބޮޑެތި ކޮށް ކޮށާފައި)

1 ސައި ސަމުސާ އޮރެގާނޯ ޕައުޑަރ

ފެން (ޕާސްތާ ކައްކަން) 

1 ސައި ސަމުސާ ގާލިކް ޕޭސްޓް (ކުކުޅަށް)

1/2 ބެލް ޕެޕަރ (ކިޔުބް ކޮށް ކޮށާފައި)

ތައްޔާރު ކުރާނެ ގޮތް:

1) ފެން ގަނޑުގެ ތެރެއަށް ލޮނާއި، ތެޔޮ ފޮދެއް އަދި 1/2 ސަމުސް އޮރެގާނޯ ޕައުޑަރ އެޅުމަށްފަހު ޕާސްތާ ފެނު ކައްކާށެވެ. ޕާސްތާ ރަނގަޅަށް މަޑުވުމުން ފެން ފޮދު އުކާލުމަށްފަހު ބަހައްޓާށެވެ.

2) ބޯތަށްޓެއްގައި އެއް ސައިސަމުސާ ތެޔޮ، ލޮނު އަދި އަސޭމިރުސް އެއްކުރުމަށްފަހު ބަހައްޓާށެވެ.

3) ކުކުޅު ކޮޅު ކުދިކޮށް ކޮށާލުމަށްފަހު، އޭގެ ތެރެއަށް ގާލިކް ޕޭސްޓް އަދި ކުރިން އެއްކުރި ލޮނާއި އަސޭމިރުސް އެއްކޮށްލުމަށް ފަހު ކުޑަ ތެޔޮ ފޮދެއްގެ ތެރޭގައި ފްރައި ކޮށްލާށެވެ. ރަނގަޅަށް ފްރައި ވުމުން އޭގެ ތެރެއަށް ސޮސެޖު އެޅުމަށްފަހުވެސް ފްރައި ކޮށްލާށެވެ. 

4) ވައިޓް ސޯސް ތައްޔާރު ކުރުމަށް، ތެއްޔަކަށް ބަޓަރު އަޅައި އެއަށް ލޮނުމެދާއި ހިކިމިރުސް އަދި ބެލްޕެޕާރ އެޅުމަށް ފަހު، ލޮނުމެދަށް ކުޑަކޮށް ރަން މުށި ވަންދެން ކައްކާލާށެވެ. 

5) ދެން ފެނާއި ފުށް އެއްކޮށް ގިރުމަށްފަހު އޭގެ ތެރެއަށް އަޅާށެވެ. ޕޭސްޓު ގަނޑު ކުޑަކޮށް ތަތް ވަންދެން ހަލުވަމުން ގެންދާށެވެ.

6) އެއަށްފަހު އޭގެ ތެރެއަށް ކިރާއި، އަސޭމިރުސް، ނެސްލޭ ކްރީމް ދަޅާއި، 1/2 ސައި ސަމުސާ އޮރެގާނޯ ޕައުޑަރ އާއި، ޕީލްޑް ޓޮމާޓޯ، ޗީޒް އަދި ލޮނު އެއްކުރުމަށް ފަހު މަޑު ގިނީގައި 15 ވަރަކަށް މިނެޓު ކައްކާލާށެވެ.

7) އެއަށްފަހު ސޮސެޖާއި ކުކުޅު ކޮޅު އަޅާފައި އެއްކޮށްލުމަށްފަހު ޕާސްތާ އަޅައި ރަނގަޅަށް އެއްކޮށްލާށެވެ. ބޭނުން ނަމަ، ފަހު ކަމަކަށް އޭގެ މައްޗަށް ގާނާފައި ހުރި ޗީޒް އަޅާލެވިދާނެއެވެ. އޭރުން ވައިޓް ސޯސް ޕާސްތާ ތައްޔާރުކޮށް ނިމުނީއެވެ.

Advertisement

ކޮމެންޓް

Advertisement