ޣައްޒާގެ ގަތުލުއާއްމާއި ދެކޮޅަށް ދަރިވަރުން ކުރަމުން އަންނަ މުޒާހަރާ ޖަޕާނާއި ހިސާބަށް!

އިސްރާއީލާއި ދެކޮޅަށް ޖަޕާނުގައި ކުރިއަށް ދިޔަ ހަރަކާތް-- ފޮޓޯ: އަނަޑޯލޫ

ހައްދުފަހަނައަޅާފައިވާ ޔަހޫދީން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ގަތުލުއާއްމާއި ދެކޮޅަށް ޖަޕާނުގެ ޔުނިވާސިޓީ ދަރިވަރުންތަކެއް ވެސް މުޒާހަރާ ކުރަން ފަށައިފިއެވެ.

ޖަޕާނުގެ ވެރިރަށް ޓޯކްޔޯ ގައި ހުންނަ ވަސެދާ ޔުނިވާސިޓީ ގައި ކުރިއަށް ދިޔަ މި އިހުތިޖާޖުގައި ފަލަސްތީނުގެ ރައްޔިތުންނަށް ތާއީދުކޮށް ދަރިވަރުންތަކެއް ވަނީ ފަލަސްތީނު މިނިވަން ކުރުމަށާއި، ފަލަސްތީނު މިނިވަންވާނެ ކަމަށް ގޮވާލާފައެވެ. އެމީހުންވަނީ ފަލަސްތީނު މިނިވަން ކޮށް، ޣައްޒާ ސަލާމަތް ކުރުމަށް ގޮވާލާ ބެނާ ތަކެއް ވެސް މި މުޒާހަރާގެ ތެރޭގައި ބޭނުންކޮށްފައެވެ.

ޖަޕާނުގެ އިތުރުން، އޮސްޓްރޭލިއާގެ ސިޑްނީ ފަދަ ސިޓީ ތަކުގައި ފަލަސްތީން  މިނިވަން ކުރުމަށް ގޮވާލަމުން އަންނަ އިރު، އެމެރިކާގެ ގިނަ ޔުނިވާސިޓީ ތަކެއް ހިމެނޭ ގޮތަށް 150 ހަރަކާތެއް ވަނީ މިކަމާއި ގުޅިގެން ކުރިއަށް ގެންގޮސްފައެވެ. 

ހަމައެއާއިއެކު މި ހަރަކާތް ފުޅާ ވެގެން ގޮސް ކެނެޑާ ފަދަ ގައުމުތަކުގައި ވެސް ޔުނިވާސިޓީ ދަރިވަރުން އަންނަނީ މުޒާހަރާ ކުރަމުންނެވެ.

އެމެރިކާގެ ކޮލަމްބިއާ ޔުނިވާސިޓީގައި ފެށުނު މި މުޒާހަރާ މިހާރު އެގައުމުގެ 9 ޔުނިވާސިޓީއެއްގައި ކުރިއަށްދާއިރު، އޭގެ ތެރޭގައި ނަން މަޝްހޫރު ހާވާޑް ޔުނިވާސިޓީ އާއި ޔޭލް ޔުނިވާސިޓީ އާއި ނިއު ޔޯކް ޔުނިވާސިޓީ ހިމެނެއެވެ.

މުޒާހަރާގެ ބައިވެރިން ދަނީ ޔުނިވާސީޓީ ތަކުން އިސްރާއީލާއި ގުޅުން ހުރި ކުންފުނިތަކާއި މީހުންނާއި އޮތް ގުޅުން ކަނޑާލުމަށާއި، އެމެރިކާއިން އިސްރާއީލަށް ދޭ އެހީތައް ހުއްޓާލުމަށް ގޮވާލަމުންނެވެ.

އެމެރިކާގެ އިތުރުން ދާދި ފަހުން ފްރާންސްގެ ޕެރިސްގައި ވެސް ޔުނިވާސިޓީގެ ދަރިވަރުންތަކެއް ޣައްޒާ ގެ ގަތުލުއާއްމު ހުއްޓާލުމަށް ގޮވާލާ މުޒާހަރާ ކުރިނަމަވެސް، މި މުޒާހަރާ ރޫޅިފައިވަނީ ހައްދުފަހަނައަޅާފައިވާ އިސްރާއީލަށް ތާއީދު ކުރާ ބަޔަކު އައިސް މުޒާހަރާގެ ބައިވެރިންނަށް ހަމަލާދީ ހަމަނުޖެހުން ހިންގުމާއި ގުޅިގެންނެވެ. ނަމަވެސް ފަހުން އަނެއްކާ ވެސް ގަތުލު އާއްމާއި ދެކޮޅަށް އެގައުމުގެ ދަރިވަރުން އަޑުއުފުލަމުންދާއިރު، މިކަމާއި ގުޅިގެން ފްރާންސްގެ މަޝްހޫރު ސައިންސަސް ޕޯ ޔުނިވާސިޓީން ވަނީ އެ ޔުނިވާސިޓީގެ ޕެރިހުގެ މައި ސައިޓް ވެސް ބަންދުކޮށްފައެވެ.

ދާދި ފަހުން ޣައްޒާގެ ރައްޔިތުން ވަނީ  ޔަހޫދީން ހިންގަމުންދާ ގަތުލުއާއްމާއި ދެކޮޅަށް އެމެރިކާގެ ޔުނިވާސިޓީތަކުގެ ދަރިވަރުން ކުރަމުންދާ މުޒާހަރާތަކަށް ޝުކުރުއަދާ ކުރުމުގެ ގޮތުން ބެނާތަކެއް ހިފަހައްޓައިގެން ޝުކުރުއަދާކޮށް، އެމީހުން ދިރިއުޅެމުންދާ ވަގުތީ ޓެންޓްތަކުގެ ފޮތިތަކުގައި ވެސް ވަނީ އެމެރިކާގެ ޔުނިވާސިޓީގެ ދަރިވަރުންނަށް ޝުކުރު އަދާކުރުމުގެ ގޮތުން ޝުއޫރު ފާޅުކޮށް، މެސެޖް ލިބިއްޖެ ކަމަށް ބުނެފައެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ޔަހޫދީން ޣައްޒާއަށް މެދުކެނޑުމެއްނެތި ހަމަލާ ދެމުންއަންނައިރު، މި ހަމަލާތަކާއި އެހީ ވެއްދުމަށް އަޅަމުންދާ ދަތިކުރުމުގެ ފިޔަވަޅު ތަކުގެ ސަބަބުން ބަނޑުހައިހޫނު ކަން އިންތިހާއަށް ބޮޑުވެ، އެތައް ބަޔަކު ވަނީ ޝަހީދުވެފައެވެ.

އަނިޔާވެރިކަން ހައްދުފަހަނަ އަޅާގޮސް، އިސްރާއީލުގެ ނިރުބަވެރި ސިފައިން ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް 34,622 މީހުން ޝަހީދުވެފައިވާއިރު، 77,867 މީހަކު ވަނީ ޒަހަމްވެފައެވެ.

Advertisement

ކޮމެންޓް