ރަށުން ބޭރުގައި ލާޒިއޯ އަތުން ބަލިވި ނަމަވެސް ފައިނަލުގެ ޖާގަ ޔުވެންޓަސް އަށް

24 Apr 2024 | 10:24
ލާޒިއޯ އާއި ޔުވެންޓަސް ވާދަކުރި މެޗުގެ ތެރެއިން

ކޮޕާ އިޓާލިއާ ސެމީ ފައިނަލް ދެވަނަ ލެގުގައި އަންގާރަދުވަހުގެ ރޭ ރަށުން ބޭރުގައި 2-1 ގެ ނަތީޖާއަކުން ލާޒިއޯ އަތުން ބަލިވި ނަމަވެސް މުބާރާތްގެ ފައިނަލުން ޔުވެންޓަސް ޖާގަ ހޯދައިފި އެވެ.

މިދެޓީމުގެ މެދުގައި ކުޅެވުނު ފުރަތަަމަ ލެގުގެ މެޗު 2-0 ގެ ނަތީޖާއަކުން ޔުވެންޓަސް ކާމިޔާބުކޮށްފައިވާއިރު، އެޓީމަށް ފައިނަލުގެ ޖާގައެއް ލިބުނީ 3-2 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު މި މެޗުގައި ފުރަތަަމަ ލަނޑުޖަހައި ކުރިހޯދީ ލާޒިއޯ އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 12 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އާޖެންޓީނާ ފޯވާޑް ޓެޓީ ކަސްޓެޔާމޯސް އެވެ. މިއީ އެޓީމަށް ލިބުނު ކޯނަރެއްގައި އެޓީމުގެ ސްޕެނިޝް މިޑްފީލްޑަރު ލުއިސް އަލްބާޓޯ ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅައެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

Advertisement

މީގެ އިތުރުން ވެސް މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން މިހާފުގައި ޔުވެންޓަސް ޓީމުން އެންމެ ހުސް ފުރުސަތެއް ލިބުނީ އެޓީމުގެ ސާބިއާ ފޯވާޑް ޑުސާން ވްލޮހަވިޗް އަށެވެ. ނަމަވެސް އޭނާ ފޮނުވާލި ބޯޅަ މާޒިޔާގެ ކީޕަރު ވަނީ ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

މިއާއެކު ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-0 ގެ ނަތީޖާއަކުން ލާޒިއޯ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފު ފެށިގެން ތިންވަނަ މިނެޓުގައި ލާޒިއޯ އިން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމުގެ ލީޑު ފުޅާކޮށްފައެވެ. މިލަނޑު ވެސް އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ އާޖެންޓީނާ ފޯވާޑް ޓެޓީ ކަސްޓެޔާމޯސް އެވެ. އަދި މިއީ ވެސް ލުއިސް އަލްބާޓޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ޔުވެންޓަސް އިން ނަތީޖާގެ ފަރަގު ކުޑަކުރި ލަނޑު ފަހުހާފުގެ 83 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންނުކުތް ޕޮލެންޑް ފޯވާޑްގެ ތަޖުރިބާކާރު ފޯވާޑް މިލިކް އެވެ. މިއީ އެޓީމުގެ އެމެރިކާ މިޑްފީލްޑަރު ޓިމޮތީ ވެއާ ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅައެއް މުޅިން ހުސްކޮށް ހުރެ ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން ލާޒިއޯ ކުރީގައި އޮވެގެންނެވެ. ނަމަވެސް 3-2 ގެ އެގްރިގޭޓް ނަތީޖާއަކުން ފައިނަލުގެ ޖާގަ ލިބުނީ ޔުވެންޓަސް އަށެވެ.

މުބާރާތުގެ ފައިނަލްގައި ޔުވެންޓަސް ވާދަކުރަންޖެހެނީ މިރޭ ކުޅެވޭ ސެމީފައިނަލްގެ ދެވަނަ މެޗުގައި ފިއޮރެންޓީނާ އާއި އެޓަލާންޓާ ވާދަކުރާ މެޗުން މޮޅުވާ ޓީމަކާއި ދެކޮޅަށެވެ. މިދެޓީމު ފިއޮރެންޓީނާގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗު 1-0 ގެ ނަތީޖާއަކުން ފިއޮރެންޓީނާ ކާމިޔާބުކޮށްދީފައި ވާއިރު، މިރޭ އެޓްލާންޓާގެ ދަނޑުގައި ކުޅޭ ދެވަނަ ލެގުގެ މެޗު ފެށުމަށް ހަމަޖެހިފައިވާ ރާއްޖެ ގަޑިން 00:00 ގައެވެ.

Advertisement

ކޮމެންޓް