Advertisement

މަޖިލިސް އިންތިޚާބުގެ ނަތީޖާއިން މާޔޫސްކޮށްލައިފި: ފައްޔާޒު

އެމްޑީޕީގެ މިސްރާބު ހަމަ މަގަށް މަޖިލިސް ކެންޕެއިން ނިންމާލުން- ފޮޓޯ/ އެމްޑީޕީ

އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ނަތީޖާއިން މާޔޫސްކޮށްލައިފި ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.

20 ވަނަ މަޖިލިސް އިންތިޚާބުގައި އެމްޑީޕީއަށް ލިބުނު ނާކާމިޔާބީއާއި ގުޅިގެން ފައްޔާޒު އިސްމާއިލް ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އިންތިޚާބުގައި ކާމިޔާބީ ހޯދި އެމްޑީޕީ ކެންޑިޑޭޓުންނަށް މަރުހަބާ ދަންނަވައި ކެންޕެއިން ކޮށްދިން ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.

"މިއަދުގެ ނަތީޖާއިން މާޔޫސްކޮށްލިޔަސް، މިއީ އަޅުގަނޑުމެންގެ ވައުދު އަލުން ކަށަވަރުކޮށްދީ، އަޅުގަނޑުމެންގެ މުޖުތަމަޢުއާއެކު އިތުރަށް ގާތުން މަސައްކަތްކުރަން ޖެހޭ ވަގުތު."

ފައްޔާޒު އިސްމާއީލް

މިއާައެކު ފައްޔާޒު ވަނީ އިންތީޚާބުގައި ކާމިޔާބީ ހޯދި ޕީއެންސީގެ ކެންޑިޑޭޓުންނަށް މަރުހަބާ ދަންނަވާފައެވެ.

އަދި ޑިމޮކްރެސީގެ ހަަމަތައް ހިފެހެއްޓުމަށާއި ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ޒިންމާދާރު އިދިކޮޅެއްގެ ގޮތުގައި ސަރުކާރާއެކު މަސައްކަތް ކުރެއްވުމަށް އެމްޑީޕީ ތައްޔާރަށް އޮތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ވިހިވަނަ މަޖިލީހުގެ 93 ދާއިރާއަށް މެންބަރުން ހޮވަން އިއްޔެ ބޭއްވި އިންތިޚާބުގައި ދެ ލައްކައަށް ވުރެ ގިނަ މީހުން ވޯޓުލައިފައިވާއިރު އެ އިންތިޚާބުގައު ޖުމުލަ 90 ދާއިރާއަކަށް ޕީއެންސީގެ ކެންޑިޑޭޓުން ވާދަކުރިއެވެ. އަދި އިދިކޮޅު އެމްޑީޕީން 89 ދާއިރާއަކަށް ވާދަކުރިއެވެ. 

އަދި، އަމިއްލަ 130 ކެންޑިޑޭޓުންނާއި، ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ 10 ކެންޑިޑޭޓުންނާއި ދަ ޑިމޮކްރެޓްސްގެ 39 ކެންޑިޑޭޓުން އިންތިޚާބުގައި ވާދަކުރިއެވެ.

އިންތިޚާބުގެ ވަގުތީ ނަތީޖާތައް ދައްކާގޮތުން ސަރުކާރު ހިންގާ ޕީއެންސީން ވަނީ މަޖިލީހުގެ 70 ގޮނޑި ލިބި ސުޕަމެޖޯރިޓީ ލިބިފައިވާއިރު، ޕާޓީގެ ތާއީދާއެކު ގޮނޑި ކާމިޔާބު ކުރި ކެންޑިޑޭޓުން ހިމަނައިގެން ސަރުކާރަށް އެއްބާރުލުން ދޭނެ 75 ކެންޑިޑޭޓުން މަޖިލީހުގައި ތިބޭނެއެވެ. 

Advertisement

ކޮމެންޓް
މހނ
ޢަހަރުމެން ބޭނުންވީ ކަލޭމެންނައް މިެިންތިހާބުގަ މާޔޫސްކަންދީ މަޖިލީހުން ކަލޭމެން ފޮހެލަން ﷲގެ އިރާދަ ފުޅުން އަދި އެކަން ކަލޭމެންނައް ދައްކަވާނެ މާލަސްތަކެއްނުވެ.
22 Apr 2024