ކޮރަޕްޝަން ތަހުގީގުކުރާނެ މީހުން ބިނާކުރަން އަންނަ އަހަރު ޑިޕްލޮމާ ކޯހެއް ފަށަނީ
ދިވެހިރާއްޖޭގައި ކޮރަޕްޝަންގެ މައްސަލަތައް ތަޙުޤީޤުކުރުމުގައި ފަންނީ ގޮތުން ޤާބިލު އިންވެސްޓިގޭޓަރުން ލިބެން ނެތުމުގެ ސަބަބުން ކުރިމަތިވެފައިވާ އިންސާނީ ވަސީލަތުގެ ދަތިކަން ޙައްލުކުރުމަށްޓަކައި، އަންނަ އަހަރު "ޑިޕްލޮމާ އިން ކޮރަޕްޝަން އިންވެސްޓިގޭޝަން" ކޯސް ފެށުމަށް ނިންމައިފިއެވެ.
މިކަމާ ގުޅޭގޮތުން މޯލްޑިވްސް ނޭޝަނަލް އެންޓި-ކޮރަޕްޝަން އެކަޑަމީ (އެމްނާކާ) ގެ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް އިބްރާހީމް ޠައްޔިބު ވިދާޅުވީ، ރާއްޖޭގައި ކޮރަޕްޝަން ހުއްޓުވުމަށް އެޅިފައިވާ އެންމެ ބޮޑު އެއް ހުރަހަކީ މި ދާއިރާއަށް ޚާއްޞަވެގެން ތަމްރީނު ލިބިފައިވާ އިންވެސްޓިގޭޓަރުން މަދުވުން ކަމަށެވެ. އެހެންކަމުން މިކަމަށް ހައްލެއް ގެނައުމަކީ، ދައުލަތުގެ ޢަދުލުގެ ނިޒާމަށާއި މުއައްސަސާތަކުގެ އިތުބާރު ދެމެހެއްޓުމަށް ކޮންމެހެން ބޭނުންތެރިކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
އަންނަ އަހަރު ފެށުމަށް ހަމަޖެހިފައިވާ މި ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ) އިން އެކްރެޑިޓްކޮށްފައިވާ ކޯހެކެވެ.
ދިވެހިރާއްޖޭގައި ކޮރަޕްޝަންގެ މައްސަލަތައް ފުރިހަމައަށް ތަޙުޤީޤުކުރުމަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ފަންނީ ގޮތުން ޤާބިލު، ތަމްރީނުވެފައިވާ އިންވެސްޓިގޭޓަރުން ލިބެން ނެތުން. އެމްނާކާއިން ފަށަން މި ތައްޔާރުވާ އެމްކިއުއޭ އެކްރެޑިޓެޑް ޑިޕްލޮމާ ކޯހަކީ މި ޤައުމީ ހުސްކަން ފުރައިލައި، ބައިނަލްއަޤްވާމީ ފެންވަރުގެ ޒަމާނީ ހުނަރުތަކާއެކު އައު ޖީލެއްގެ އިންވެސްޓިގޭޓަރުން ބިނާކުރުމަށް އެޅޭ ވަރަށް މުހިންމު ބިންގަލެއް،"
އޭނާ ވިދާޅުވީ މި ކޯހަކީ ތަޙުޤީޤީ ދާއިރާގެ ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭ ގޮތަށް ފަރުމާކުރެވިފައިވާ ޕްރޮގްރާމެއް ކަމަށާއި، މި ކޯހުގެ ތެރެއިން ތަޙުޤީޤީ މަސައްކަތުގައި ހިފަހައްޓަންޖެހޭ ސުލޫކީ މިންގަނޑުތަކާއި ނަޒާހަތްތެރިކަން ދެމެހެއްޓުމާއި، ހަރުދަނާ އުސޫލުން ކޭސް މެނޭޖްމަންޓް ކުރިއަށްގެންދިއުމުގެ ހުނަރު ދަސްކޮށްދެވޭނެ ކަމަށެވެ.
މީގެ އިތުރުން، ޤާނޫނީ ހަމަތަކުގެ މަތިން ހެކި ހޯދުމާއި ރައްކާތެރިކަމާއެކު ބެލެހެއްޓުމާއި، ޗެއިން އޮފް ކަސްޓަޑީ ކަށަވަރުކުރުމާއި، ޑިޖިޓަލް ފޮރެންސިކްސް އަދި މާލީ މުޢާމަލާތްތަކާއި ލިޔެކިޔުންތައް ފޮރެންސިކް ތަޙުލީލު ކުރުމުގެ ޤާބިލުކަން ބިނާކުރެވޭނެއެވެ. އަދި ދައުލަތުގެ މާލީ ނިޒާމުތަކާއި ޕްރޮކިއުމަންޓް ޤަވާއިދުތަކަށް އަހުލުވެރިކުރުވައި، ޚިޔާނާތާއި ނާޖާއިޒު ފައިދާ ހޯދުމުގެ މައްސަލަތައް ދެނެގަތުމާއި، އިންޓަވިއު ކުރުމާއި ބަޔާން ނެގުމުގެ އިތުރުން އިންޓެލިޖެންސް މަޢުލޫމާތު އެއްކޮށް ތަޙުލީލުކުރުމުގެ ޒަމާނީ ފަންނީ ހުނަރުތައް ވެސް މި ކޯހުގައި ކިޔަވައިދެވޭނެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް