އައިޔޫއެމްގެ 2026 ވަނަ އަހަރުގެ ދަސްވެނިވުމުގެ ހަފްލާ މެޑަމް ސާޖިދާ ޝަރަފުވެރިކޮށްދެއްވައިފި
ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީ (އައިޔޫއެމް) ގެ 2026 ވަނަ އަހަރުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު އެ ހަފްލާގައި ބައިވެރިވެވަޑައިގެންފިއެވެ.
މި ރަސްމިއްޔާތު ބޭއްވިގެންދިޔައީ މިއަދު އައިޔޫއެމްގައެވެ.
މި ހަފްލާގެ ތެރެއިން، ޔުނިވަރސިޓީއިން ހާސިލުކުރެވޭ އެންމެ މަތީ ވަނަތައް ހާސިލުކުރި ދަރިވަރުންގެ އަގު ވަނީ ވަޒަންކޮށްފައެވެ. އެގޮތުން، އެކި ދާއިރާތަކުން މަތީ ވަނަތައް ހޯދި 9 ދަރިވަރަކަށް އިނާމާއި އެވޯޑް ހަވާލުކޮށްދެއްވީ މެޑަމް ސާޖިދާއެވެ.
މިއަހަރުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި އައިޔޫއެމްގެ ތަފާތު 4 ކުއްލިއްޔާއަކުން ޖުމްލަ 98 ދަރިވަރަކު ވަނީ ދަސްވެނިވެފައެވެ.
ދަސްވެނިވި ދަރިވަރުން ނިސްބަތްވާ ކުއްލިއްޔާތަކުގެ ތެރޭގައި ކުއްލިއްޔާ އޮފް އެޑިޔުކޭޝަން، ކުއްލިއްޔާ އޮފް އެރަބިކް ލެންގުއޭޖް، ކުއްލިއްޔާ އޮފް ޝަރީއާ އެންޑް ލޯ އަދި ކުއްލިއްޔާ އޮފް އިސްލާމިކް ރިވީލްޑް ނޮލެޖް އެންޑް ހިއުމަން ސައިންސަސް ހިމެނެއެވެ.
އައިޔޫއެމް އަކީ ދިވެހިރާއްޖޭގައި މަތީ ތައުލީމާއި، ހާއްސަކޮށް އިސްލާމީ ތައުލީމު ފޯރުކޮށްދިނުމަށްޓަކައި ސަރުކާރުން 2004 ވަނަ އަހަރު އުފައްދާފައިވާ ތަނެކެވެ. 2004 ވަނަ އަހަރު ކޮލެޖެއްގެ ގޮތުގައި ހުޅުވުމަށްފަހު، ޔުނިވަރސިޓީގެ ލަގަބު އައިޔޫއެމްއަށް ލިބިފައިވަނީ 2015 ވަނަ އަހަރުގައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް