އދ.ދަނގެތީގައި އެފްއެސްއެމްގެ ޝެޑެއް ގާއިމްކޮށް ހިދުމަތްދޭން ފަށައިފި
މަސްވެރިންނަށް ހެޔޮ އަގުގައި ތެޔޮ ފޯރުކޮށްދިނުމުގެ ސިޔާސަތުގެ ދަށުން އދ. ދަނގެތީގައި ބިނާކުރި ފިއުލް ސްޓޭޝަން މިއަދު ރަސްމީކޮށް ހުޅުވައި ޚިދުމަތް ދޭން ފަށައިފިއެވެ.
ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް) އާއި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގުޅިގެން ތަރައްޤީކުރި މި ސްޓޭޝަން އިފްތިތާޙުކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު ޢަބްދުﷲ ރަޝީދެވެ. ދަނގެތީގައި ބޭއްވި އެ ރަސްމިއްޔާތުގައި ރަށު ކައުންސިލް މެންބަރުންނާއި މުއައްސަސާތަކުގެ އިސް ބޭފުޅުންގެ އިތުރުން ގިނަ ޢަދަދެއްގެ ރައްޔިތުން ބައިވެރިވެފައިވެއެވެ.
މި ސްޓޭޝަން ހުޅުވުމާ އެކު މާލެއިން ޑީސަލް ވިއްކާ އަގުގައި ދަނގެތިން ވެސް ތެޔޮ ގަންނަން ލިބޭނޭކަމަށް އެފްއެސްއެމުން ބުންޏެވެ. މިއީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަތޮޅުތެރޭގެ އިޤްތިޞާދީ ޙަރަކާތްތަކަށް ލުއި ހޯއްދަވައިދެއްވުމަށް ވެވަޑައިގެންފައިވާ ވަޢުދުގެ ތެރެއިން ކުރެއްވި މަސައްކަތެކެވެ. ދަނގެތީގެ މަސްވެރިންގެ އިތުރުން އެ ސަރަޙައްދުގައި ދަތުރުފަތުރުކުރާ ފަރާތްތަކަށް ވެސް މި ސްޓޭޝަނުން ހެޔޮ އަގުގައި ފަސޭހަކަމާ އެކު ތެޔޮ ލިބުމުގެ ފުރުސަތު ލިބިގެންދާނެކަމަށް އެސްއެސްއެމުން ފާހަގަކުރެއެވެ.
ކޮންމެ އަތޮޅެއްގައި އެސްޓީއޯ ރޭޓުގައި ތެޔޮ ލިބޭނެ ގޮތް ހެދުމުގެ މަޝްރޫޢުގެ ދަށުން މިހާތަނަށް 9 ރަށެއްގައި އެފްއެސްއެމްގެ ޝެޑްތައް ވަނީ ގާއިމްކޮށްފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް