ގޫގުލް މީޓް ކޯލްތަކުގައި ބައިވެރިވެވޭ ގޮތަށް އެންތްރޮޕިކުން 'ކްލޯޑް މީޓިންގްސް' ތައާރަފުކޮށްފި
މަޝްހޫރު އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ކުންފުންޏެއް ކަމަށްވާ އެންތްރޮޕިކުން، ޓީމްތަކުގެ ވީޑިއޯ ކޯލްތަކުގައި އެ ކުންފުނީގެ އޭއައި އެސިސްޓެންޓް ބައިވެރިކުރެވޭ އައު ފީޗާއެއް ކަމަށްވާ "ކްލޯޑް މީޓިންގްސް" ތައާރަފުކޮށްފިއެވެ.
ޓެކްނޮލޮޖީގެ ދާއިރާއަށް އިންގިލާބީ ބަދަލުތަކެއް ގެނެސްދޭނެ ކަމަށް ބެލެވޭ މި ހިދުމަތް އެންމެ ފުރަތަމަ ލިބިގެންދާނީ ގޫގުލް މީޓް ބޭނުންކުރާ ފަރާތްތަކަށެވެ.
ބީޓާ ވާޝަނެއްގެ ގޮތުގައި މިހާރު ތައާރަފުކޮށްފައިވާ މި ހިދުމަތް މިވަގުތު ލިބެން ހުންނާނީ ކްލޯޑް ޓީމް އަދި އެންޓަޕްރައިޒް ސަބްސްކްރައިބަރުންނަށް އެކަންޏެވެ. ނަމަވެސް ކުރިއަށް އޮތްތަނުގައި އެހެނިހެން ވީޑިއޯ ކޮންފަރެންސިން ޕްލެޓްފޯމްތަކަށްވެސް މި ހިދުމަތް ފުޅާކުރުމަށް އެންތްރޮޕިކުން ދަނީ ތައްޔާރުވަމުންނެވެ.
ގޫގުލް މީޓް ކޯލެއްގެ ތެރެއަށް ކްލޯޑް ވެއްދުމުން، އެ އެސިސްޓެންޓް ފެންނަން ހުންނާނީ ބައްދަލުވުމުގެ އާންމު ބައިވެރިއެއްގެ ގޮތުގައެވެ. ބައްދަލުވުން ކުރިއަށްދާ ވަގުތު އަނގަބަހުން ނުވަތަ މީޓިންގ ޗެޓް މެދުވެރިކޮށްވެސް ކްލޯޑާ ސުވާލުކުރެވޭނެއެވެ. މީގެ އިތުރުން، ބައްދަލުވުމުގައި ދެކެވޭ ވާހަކަތަކަށް ބިނާކޮށް ލިޔެކިޔުންތަކާއި ވައިޓްބޯޑްތައް ވަގުތުން ތައްޔާރުކޮށް، ކޯލުގައި ތިބޭ އެހެން ބައިވެރިންނަށް އެ ލިޔުންތަކަށް ބަދަލު ގެނައުމުގެ ފުރުސަތުވެސް މި ފީޗާ މެދުވެރިކޮށް ލިބިގެންދެއެވެ.
މަސައްކަތުގެ މާހައުލަށް ލުއިފަސޭހަކަން ގެނެސްދިނުމުގެ ގޮތުން، ބައްދަލުވުމުގެ ޓްރާންސްކްރިޕްޓާއި، ހުލާސާ އަދި ކުރަންޖެހޭ މުހިންމު ކަންކަން (އެކްޝަން އައިޓަމްސް) ކްލޯޑް.އޭއައި ގައި ރައްކާކޮށްދޭނެއެވެ. މީގެ ސަބަބުން ބައްދަލުވުން ނިމުމަށްފަހުވެސް ބައިވެރިންނަށް އެ މައުލޫމާތުތައް ބަލައި، ދެކެވުނު ވާހަކަތަކާ ގުޅޭގޮތުން އިތުރަށް ސުވާލުކުރުމުގެ ފުރުސަތު ފަހިވެގެންދެއެވެ.
މައުލޫމާތުގެ ރައްކާތެރިކަމަށް ހާއްސަ އިސްކަމެއް ދީގެން ފަރުމާކޮށްފައިވާ މި ފީޗާގައި، ޑިފޯލްޓްކޮށް ކުންފުނިން ބޭރުގެ ފަރާތްތައް ހިމެނޭ ބައްދަލުވުންތަކުގައި ކްލޯޑް ބައިވެރިއެއް ނުވާނެއެވެ. އަދި ބައްދަލުވުން ކުރިއަށްދަނިކޮށް ބޭރުގެ މީހަކު ގުޅިއްޖެނަމަ، ކްލޯޑް އަމިއްލައަށް ކޯލުން ވަކިވާނެއެވެ. އަދި ކްލޯޑް ބައްދަލުވުމާ ގުޅޭއިރު ޗެޓް މެދުވެރިކޮށް އެކަން އަންގައިދޭނެއެވެ. މި ފީޗާގެ ދަށުން އޯޑިއޯ ރެކޯޑް ނުކުރި ނަމަވެސް، ދައްކާ ވާހަކަތައް ލިޔުމަށް ބަދަލުކޮށް، ސްކްރީން ޝެއާކުރާ ތަކެތި ސިފަކޮށްދޭނެތީ، ބައްދަލުވުމުގެ އެހެން ބައިވެރިންނަށް އެކަން އަންގައި ހުއްދަ ހޯދުމަށް އެންތްރޮޕިކުން އިރުޝާދު ދެއެވެ.
އެންތްރޮޕިކުން ހާމަކޮށްފައިވާ ގޮތުގައި، ބީޓާ މަރުހަލާގައި މީޓިންގ ޓްރާންސްކްރިޕްޓާއި ނޯޓުތަކަށް އެއްވެސް އިތުރު އަގެއް ނުނަގާނެއެވެ. އަދި ބައްދަލުވުންތަކުގެ ތެރޭގައި ތައްޔާރުކުރާ ލިޔެކިޔުންތަކާއި ވައިޓްބޯޑްތައް 2027 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހާ ހަމައަށް މުޅިން ހިލޭ ބޭނުންކުރެވޭނެ ކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް