ވުލްވްސް އަތުން މޮޅުވެ އާސެނަލް އެއްވަނައަށް

21 Apr 2024 | 05:28
ވުލްވްސް ކޮޅަށް ލަނޑުޖެހުމަށްފަހު އާސެނަލްގެ ކުޅުންތެރިން އުފާފާޅުކުރަނީ

އިގިރޭސި ޕްރެމިއާ ލީގުގައި ހޮނިހިރު ދުވަހުގެ ރޭ ރަށުން ބޭރުގައި 2-0 ގެ ނަތީޖާއަކުން ވުލްވްސް އަތުން މޮޅުވެ އާސެނަލް އިން ލީގު ތާވަލުގެ އެއްވަނައަށް ކުރިއަށް ޖެހިލައިފިއެވެ.

މެޗުގެ ފުރަތަަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ މެޗު ޑޮމިނޭޓުކުރީ އާސެނަލް އިންނެވެ. ނަމަވެސް މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. 

އެގޮތުން މެޗުގެ 20 ވަނަ މިނެޓުގައި އާސެނަލްގެ މިޑްފީލްޑަރު ޑެކްލަން ރައިސް އަށް ލިބުނު ހުސް ފުރުސަތުގައި އޭނާ ފޮނުވާލި ހަމަލާ ގޯލާއި އަމާޒުނުވެ ދަނޑިކައިރިން ބޭރަށް ދިޔައިރު، އޭގެ 10 މިނެޓު ފަހުން ވުލްވްސްގެ ބްރެޒިލް މިޑްފީލްޑަރު ޖޮއާއު ގޯމޭޒަށް ލިބުނު ހުސް ފުރުސަތުގައި އޭނާ ފޮނުވާލި ބޯޅަ އާސެނަލްގެ ކީޕަރު ޑޭވިޑް ރަޔާ ވަނީ ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

Advertisement

އާސެނަލް އިން މެޗުގެ ލީޑު ހޯދި ލަނޑު ފުރަތަމަ ހާފުގެ 45 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ މިޑްފިލްޑަރު ލިއަންޑުރޯ ޓްރޮސާޑް އެވެ. މިއީ އެޓީމުގެ ބްރެޒިލް ފޯވާޑް ގެބްރިއަލް ޖީސަސް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން އާސެނަލް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުގައި ވެސް ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅެ އާސެނަލް އިން މެޗު ޑޮމިނޭޓުކުރި އިރު އެޓީމުން ލީޑު ފުޅާކުރި ލަނޑު ދެވަނަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން މާޓިން އޮޑެގާޑް އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން އާސެނަލް ކުރީގައި އޮވެގެންނެވެ.

މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ލީގުގައި ކުޅުނު 33 މެޗުން އާސެނަލް އަށް 74 ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ އެއްވަނައިގައެވެ. އަދި މިމެޗުން ބަލިވި ވުލްވްސް އިން ލީގުގައި ކުޅުނު 33 މެޗުން ލިބުނު 43 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ 11 ވަނައިގައެވެ.

Advertisement

ކޮމެންޓް

Advertisement

Advertisement