Advertisement

މަޖިލީހުގެ އިންތިޚާބުގެ ނަތީޖާއިން ސާފުވީ ރައީސް އަޒުލުކުރަން ރައްޔިތުން ޖާގައެއް ނުދޭނެކަން: ހީނާ

ހީނާ ޕީއެންސީ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަނީ-- ފޮޓޯ: ޕީއެންސީ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އަޒުލުކުރަން ރައްޔިތުން ޖާގަ ނުދޭނެކަން ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ނަތީޖާއިން ސާފުވެއްޖެ ކަމަށް މަޖިލިސް އިންތިހާބުގެ ޕްރޮގްރެސިވް ކޮންގްރެސްގެ ޗީފް ސްޕޯކްސްޕާސަން އަދި އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހީނާ ވިދާޅުވީ، 5 އަހަރު ދުވަހަށް ރައްޔިތުން ވެރިއަކު ހޮވާ، ޒިންމާތަކެއް ޙަވާލުކުރެވިފައިވަނިކޮށް ޙީލަތްތެރި ރޭވުންތަކުގެ ތެރެއިން ރައީސް އަޒުލުކުރަން ރައްޔިތުން ޖާގައެއް ނުދޭނެކަން އިންތިޚާބުގެ ނަތީޖާއިން ސާފުވެގެން ގޮސްފައިވާ ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ނަތީޖާއިން ސާފުވެގެން ދިޔައީ ރައްޔިތުން 5 އަހަރު ދުވަހަށް ވެރިއަކު ހޮވާ ޒިއްމާތަކެއް ޙަވާލުކުރެވިފައިވަނިކޮށް ޙީލަތްތެރި ރޭވުންތަކުގެ ތެރެއިން ރައީސް އަޒުލުކުރަން ރައްޔިތުން ޖާގައެއް ނުދޭނެކަން. ރައްޔިތުން މި ޤައުމުގައި ހަމަޖެހުމާއި އަމާންކަން ދެމިއޮންނަން ބޭނުންވާކަން."

ހީނާ ވިދާޅުވިއެވެ.

ހީނާ ވިދާޅުވީ، ރައީސް ޑރ.މުޢިއްޒު އަށް ރައްޔިތުންގެ އިތުބާރާއި ލޯބި އޮތްކަމާއި، އެމަނިކުފާނުގެ ސިޔާސަތުތަކަށް ރައްޔިތުން ތާއީދުކުރާކަމާއި މިކުޑަ ދުވަސްކޮޅުގެ ތެރޭގައި ރައްޔިތުންނަށްޓަކައި އެމަނިކުފާނު ކޮށްދެއްވި ކަންކަން ބަލައިގެންފައިވާކަން މި އިންތިޚާބުގެ ނަތީޖާއިން ޔަގީން ވެއްޖެ ކަމަށެވެ.

އިދިކޮޅުން ރައީސް ޑރ.މުޢިއްޒުގެ އަބުރު ކަތިލާ، އެއްވެސް އަމާޒެއް ސިޔާސަތެއްނެތި އެންޓި ކެމްޕެއިން ކޮށް، އެމަނިކުފާނުގެ ބޮލުގައި ދޮގު އިލްޒާމް އަޅުވަން އެކި ރިޕޯޓް ނެރެ،އެކި ދިމަދިމާލަށް މަންދޫބުން ފޮނުވައިގެން އެކިކަހަލަ އުކުޅުތައް ބޭނުންކުރިޔަސް، ދޮގާ މަކަރާ ޙީލަތް ރައްޔިތުން ބަލައިނުގަންނަކަން މި އިންތިޚާބުގެ ނަތީޖާއިން އެނގިގެންދިޔަކަމަށް ހީނާ ވިދާޅުވިއެވެ.

ހީނާ ވަނީ ރައީސް ޑރ.މުޢިއްޒު ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުތައް ރަނުން ރަނަށް ފުއްދަވައިދެއްވާނެ ކަމަށް ވެސް ވިދާޅުވެފައެވެ. 

އިއްޔެ ބޭއްވުނު މަޖިލިސް އިންތިހާބުގައި ޖުމުލަ 90 ދާއިރާއަކަށް ޕީއެންސީގެ ކެންޑިޑޭޓުން ވާދަކުރި އިރު އިދިކޮޅު އެމްޑީޕީން 89 ދާއިރާއަކަށް ވަނީ ވާދަކޮށްފައެވެ. ހަމައެއާއިއެކު، އަމިއްލަ 130 ކެންޑިޑޭޓުންނާއި، ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ 10 ކެންޑިޑޭޓުންނާއި ދަ ޑިމޮކްރެޓްސްގެ 39 ކެންޑިޑޭޓުން ވެސް މި އިންތިޚާބުގައި ވަނީ ވާދަކޮށްފައެވެ.

އިންތިޚާބުގެ ވަގުތީ ނަތީޖާތައް ދައްކާގޮތުން ސަރުކާރު ހިންގާ ޕީއެންސީ އަށް މަޖިލީހުގެ 71 ގޮނޑި ލިބި އެޕާޓީން ވަނީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ސުޕަމެޖޯރިޓީ ހޯދާފައެވެ. އަދި ޕާޓީގެ ތާއީދާއެކު ގޮނޑި ކާމިޔާބު ކުރި ކެންޑިޑޭޓުން ހިމަނައިގެން ސަރުކާރަށް އެއްބާރުލުން ދޭނެ 75 ކެންޑިޑޭޓުން މަޖިލީހުގައި ތިބޭނެއެވެ. 

Advertisement

ކޮމެންޓް

Advertisement