Advertisement

އަމިއްލަ ގޮތުން ނައިފަރު ދާއިރާއަށް އިންތިހާބުވި ޔާސީން ޕީއެންސީއަށް ސޮއިކޮށްފި

ރައީސް ޑރ.މުޢިއްޒު އަދި ނައިފަރު ގޮނޑި ކާމިޔާބު ކުރެއްވި ޔާސީން-- ފޮޓޯ: ޕީޕީއެމް/ޕީއެންސީ

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަމިއްލަ ގޮތުން ނައިފަރު ދާއިރާއަށް ވާދަކުރައްވާ، އިންތިޚާބު ކާމިޔާބު ކުރެއްވި، ޔާސީން އަބްދުﷲ މިއަދު ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީ އަށް ސޮއިކުރައްވައިފިއެވެ.

މިކަން ކަށަވަރުކޮށްދެއްވައި ޔާސީންގެ އިންތިހާބީ އެޖެންޓް، ޒަކަރިއްޔާ ރިމްޒާން ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޔާސީން ޕީއެންސީ އަށް ސޮއިކުރެއްވީ އެއްވެސް ޝަރުތަކާއި ނުލައި ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ ކުރިފުޅުމަތީކަމަށެވެ. އަދި ޔާސީން ބޭނުންފުޅު ވަނީ ނައިފަރަށް ތަރައްގީ ގެނައުމަށާއި  ނައިފަރުގައި ހުއްޓިފައިވާ ތަރައްގީގެ މަޝްރޫއުތައް ފަށައި، ވައުދުވެފައިވާ ކަންކަން ވަގުތުން ފެށުމަށް ކަމަށް ވެސް ރިމްޒާން ވިދާޅުވިއެވެ.

"ފުރަތަމަ ދުވަހުވެސް ބުނީން ޝައްކުވެސް ނުކުރައްވާށޭ. ޔާސީން އަބްދުﷲ ގޮނޑި ރައީސް ޑޮކްޓަރ މުޢިއްޒު އަށް ވެދުމަށް އަރުވާނަމޭ."

ރިމްޒާން ވިދާޅުވިއެވެ.

މިދިޔަ ދެ ދައުރުގައި ވެސް މިހާރުގެ ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ފުރުއްވަމުން ގެންދެވި ނައިފަރު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި ޔާސީން އަކީ މިހާރު ވެސް ޕީޕީއެމްގެ މެންބަރެއްގެ ގޮތުގައި ޅ. އަތޮޅު ކައުންސިލްގެ ރައީސްކަމުގައި ހުންނެވި ބޭފުޅެކެވެ.

މަޖިލިސް އިންތިހާބުގައި ނައިފަރު ގޮނޑި ޔާސީން ކާމިޔާބު ކުރެއްވީ 1،038 ވޯޓާ އެކުއެވެ. ޕީއެންސީގެ ކެންޑިޑޭޓު  ހައްސާން އަލިފުޅު އަށް މި އިންތިހާބުގައި ލިބިފައިވަނީ 880 ވޯޓެވެ.

ޔާސީން ޕީއެންސީއަށް ސޮއިކުރައްވާފައިވާއިރު، މި މަހުގެ 16 ވަނަ ދުވަހު ރައީސް ޑރ.މުޢިއްޒު ވަނީ ޕާޓީ ބަދަލުކޮށްފި ނަމަ މެމްބަރެއްގެ ގޮނޑި ގެއްލޭ ގޮތަށް މަޖިލީހުން ފާސްކުރި ބިލު ތަސްދީގު ކުރައްވާފައެވެ.

އެއާއިއެކު، އެ ބިލު ގާނޫނަކަށް ވެފައިވާއިރު، އެ ގާނޫނުގައިވާ ފަސް ހާލަތުން ކުރެ ހާލަތެއް މެދުވެރިވެއްޖެނަމަ، ލަސްވެގެން ހަތް ދުވަސް ތެރޭގައި އިލެކްޝަންސް ކޮމިޝަން(އީސީ)އިން އެކަން ރައްޔިތުންގެ މަޖިލީހަށް އަންގަންވާނެ ކަމަށާއި އީސީން އެކަން އަންގާ ދުވަހުން ފެށިގެން، އެމީހަކު މަޖިލީހުގެ މެންބަރުކަމުން އިސްތިއުފާ ދޭން ވާނެ ކަމަށް ގާނޫނުގައި ބަޔާންވެފައިވެއެވެ. މިފަދައިން އަމަލުކުރަން ޖެހޭނީ  އެމީހަކު އިންތިހާބުވި ދައުރުގެ ތެރޭގައި ޕާޓީ ބަދަލު ކުރާނަމައެވެ.

މަޖިލީހަށް އަލަށް އިންތިހާބުވި މެންބަރުންގެ ދައުރު ފެށޭނީ އަންނަ މަހު 28ގަ އެވެ.

Advertisement

ކޮމެންޓް

Advertisement