Advertisement

ނިއުޕޯޓު ހިންގި ތަން އަތުލާފައިވަނީ ރަނގަޅަކަމަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފި

ނިއުޕޯޓް-- ފޮޓޯ: ޕީއެސްއެމް

 ލޮނުޒިޔާރަތްކޮޅުގައި ހަދާފައިވާ ނިއުޕޯޓު ހިންގި ތަން ސަރުކާރުން އަތުލާފައިވަނީ ރަނގަޅަކަމަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފިއެވެ.

އެ ތަނުގައި ފުޑް ކޯޓަކާއި ބްރިޖު ބަލާނެ ތަނެއް އަޅަން ސްޓްރާޑާ އާ ސެޕްޓެމްބަރު 2016 ވަނަ އަހަރު ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމް ގެ ވެރިކަމުގައި ހަވާލު ކޮށްފައިވާއިރު، އެ ބިމުގެ ކުލި ނުދައްކާތީ އެއްބަސްވުން ބާތިލުކޮށް ތަން ހަވާލުކުރަން ކުންފުންޏަށް މިދިޔަ ސަރުކާރުން ވަނީ އަންގާފައެވެ.

މި މައްސަލައިގައި ސްޓްރާޑާގެ ފަރާތުން އެއްބާރުލުން ނުލިބިގެން ހައުސިން މިނިސްޓްރީން ސިވިލް ކޯޓަށް ދިޔައިރު މައްސަލަ ނިމުނީ މިނިސްޓްރީ ކޮޅަށެވެ. މިގޮތުން ކޯޓުން ވަނީ އެ ބިން 15 ދުވަހުގެ ތެރޭގައި ދައުލަތަށް ހަވާލުކޮށް،  އެ ބިން ހަވާލުކުރާ ދުވަހާ ހަމައަށް ބަދަލެއްގެ ގޮތުގައި އިތުރަށް އަރަމުންދާ ކުއްޔާއި ޖޫރިމަނާގެ ފައިސާގެ ގޮތުގައި 1،149،271ރ. 30 ދުވަހުގެ ތެރޭގައި ދެއްކުމަށް ސްޓްރާޑާ އަށް ހުކުމް ކޮށްފައެވެ.

އެހެންނަމަވެސް މި ހުކުމް ސްޓްރާޑާއިން ހައި ކޯޓުގައި އިސްތިއުނާފު ކުރިއެވެ. އެ މައްސަލައިގައި ހައި ކޯޓުން ނިންމީ ދަށު ކޯޓުގެހުކުމް ދަމަހައްޓާށެވެ.

ހަމައެއާއިއެކު، މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އަޣުލަބިއްޔަތުން މިއަދު ސުޕްރީމް ކޯޓުން ވެސް ހުކުމް ކުރީ  ހައި ކޯޓުން ކޮށްފައިވާ ހުކުމަށް ތާއިދުކޮށް އެ ނިންމުމަށް ބަދަލު ގެންނަން ނުޖެހޭ ކަމަށެވެ.

ހައިކޯޓުން ހުކުމް ކުރިތާ ތިން މަސް ފަހުން ހައުސިން މިނިސްޓްރީން ތަން ހުސްކުރަން ސްޓްރާޑާއަށް އެންގި ނަމަވެސް އަދިވެސް އެތަން ހުސްކޮށްފައި ނުވެ އެވެ.

Advertisement

ކޮމެންޓް

Advertisement