ރާބަދި ޗެލެންޖް 2024 މާދަމާ ރޭ ފަށަނީ

24 Apr 2024 | 19:56
2023 ވަނަ އަހަރުގެ ރާބަދި ޗެލެންޖު ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން... ފޮޓޯ: ރާބަދި ޗެލެންޖް ފޭސްބު ޕޭޖުން

މީދޫ ޖަމްޢިއްޔަތުއް ޞަލާޙުގެ ފަރާތުން އިންތިޒާމްކޮށްގެން ރ. އަތޮޅުގެ ރިސޯޓްތަކަށް ހުޅުވާލައިގެން ބާއްވާ ރާއްޖޭގެ އެންމެ ބޮޑު އިންޓާ ރިސޯޓް ފުޓްސަލް ޗެލެންޖު "ރާބަދި ޗެލެންޖް 2024" މާދަމާ ރޭ ފެށުމަށް ތައްޔާރުވެއްޖެ އެވެ.

މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ 21:00 ގައި ގުރޫޕް އޭގެ މީދުއްޕަރާއި މާމުނަގައު ވާދަކުރާ މެޗުންނެވެ. އަދި މާދަމާ ރޭ 22:00 ކުޅެވޭ ދެވަނަ މެޗުގައި ވާދަކުރާނީ ގުރޫޕް ބީގެ ރީތިރަށް ރިސޯޓާއި ކުޑަފުށި އެވެ.

ރާބަދި ޗެލެންޖް އެންމެ ފުރަތަަމަ ބާއްވާފައިވަނީ 2019 ވަނަ އަހަރު އެވެ. އެ އަހަރު މުބާރާތުގެ ފައިނަލުގައި މީދުއްޕަރު 4-3 ގެ ނަތީޖާއަކުން ބަލިކޮށް ޗެމްޕިއަންކަން ހޯދީ ދިގަލި މޯލްޑިވްސްއެވެ. އަދި އެކި ސަބަބުތަކާ ހުރެ 2020 އަދި 2021 ވަނަ އަހަރު މުބާރާތް ނުބޭއްވި ދިއުމަށް ފަހު 2022 ވަނަ އަހަރު ވަނީ އަލުން ރާބަދި ޗެލެންޖް ބާއްވަން ފައްޓަފައެވެ. 

މިއަހަރުގެ ރާބަދި ޗެލެންޖްގައި 14 ޓީމެއް ބައިވެރިވެފައި ވާއިރު މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހަތަރު ގުރޫޕަކަށް ބަހާލައިގެންނެވެ. ގުރޫޕް އެކެއް އަދި ދޭއްގައި ހަތަރު ޓީމު ހިމެނޭ އިރު އަނެއް ދެ ގުރޫޕުގައި ހިމެނެނީ ތިން ޓީމެވެ. މުބާރާތް ކުރިއަށް ދާނީ ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެ ޓީމު ކުއާޓާ ފައިނަލަށް ހޮވޭ ގޮތަށެވެ.

މުބާރާތުގެ ގުރޫޕް އޭގައި ހިމެނެނީ މީދުއްޕަރު، މާމުނަގައު، އެމަރަލްޑް މޯލްޑިވްސް އަދި ހެރިޓޭންސް އާރަށެވެ. ގުރޫޕް ބީގައި ހިމެނެނީ ރީތިފަރު ރިސޯޓް، ކުޑަފުށު، ފުރަވެރި މޯލްޑިވްސް ގެ އިތުރުން ޖޯލި ބީއިންގ އެވެ. ގުރޫޕް ސީގައި ހިމެނެނީ ޖޯލި މޯލްޑިވްސް، ކޯރާ ކޯރާ އަދި ދިގަލި މޯލްޑިވްސް އެވެ. އަދި ގުރޫޕް ޑީގައި ހިމެނެނީ އެނަރަލްޑް ފާރުފުށި، ދަ ސްޓޭންޑާޑްގެ އިތުރުން އަލައިލާ ކޮތައިފަރުއެވެ.

މި މުބާރާތަކީ ރިސޯޓުތަކަށް ހުޅުވައިލައިގެން ރާއްޖޭގައި ބޭއްވޭ އެންމެ ޝަރަފުވެރި އެއް މުބާރާތެވެ. އަދި މިއަހަރު މުބާރާތުގެ މީޑިއާ ޕާޓްނަރުންގެ ގޮތުގައި ހަމަޖައްސާފައި ވަނީ ނުކުތާ އަދި ވޮއިސް އެވެ.

Advertisement

ކޮމެންޓް