Advertisement

އެސްއީޒެޑްގެ ފުރަތަމަ ހުއްދަ: މާލޭ ސަރަހައްދުގައި ފްލޯޓިން ސޯލާ ނިޒާމެއް ޤާއިމުކުރަނީ

ރާއްޖޭގެ ރަށެއްގައި ހަރުކޮށްފައި ހުރި ސޯލާ ޕެނަލްތަކެއް - ފޮޓޯ: ސްޓެލްކޯ

މާލޭ ސަރަހައްދުގައި ފްލޯޓިން ސޯލާ ނިޒާމެއް ޤާއިމުކުރުމަށް ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ޤާނޫނުގެ ދަށުން ދޫކުރާ ފުރަތަމަ ހުއްދަ ދޫކޮށްފިއެވެ. 

މި މަޝްރޫޢަށް ހުއްދަ ދޫކޮށްފައިވަނީ އެސްއީޒެޑް ގެ ޤާނޫނުގައިވާ ގޮތުގެ މަތިން އިކޮނޮމިކް މިނިސްޓްރީން އުފައްދާފައިވާ އިންވެސްޓްމެންޓް ބޯޑުގެ 3 ވަނަ ޖަލްސާގައެވެ.

މި މަޝްރޫއަކީ އަބްރަކްޒަސް ޕަވާ ކޯޕަރޭޝަނާއި އެ ކުންފުނީގެ ޓެކްނިކަލް ޕާޓްނަރެއް ކަަމަށްވާ ސަންގްރޯ ޕަވާ ސަޕްލައި ކޮމްޕެނީ ލިމިޓެޑާ ގުޅިގެން ކުރިއަށް ގެންދިއުމަށް ހުށަހަޅާފައިވާ މަޝްރޫއެކެވެ. އަބްރަކްޒަސް އަކީ އެނާޖީ ޓްރާންސިޝަންއާ ގުޅިފައިވާ ގޮންޖެހުންތައް ލީޑްކުރުމާއި ފައިނޭންސް ކުރުމާއި ހައްލު ކުރުމުގެ ގިނަ ތަޖުރިބާތަކެއް ލިބިފައިވާ ކެނެޑާގެ އެނާޖީ ޓްރާންސިޝަން ޑިވެލޮޕަރެކެވެ.

އިއާދަކުރަނިވި ހަކަތައުފެއްދުމުގެ މަޤުސަދުގައި ހިންގާ މި ބިޔަ މަޝްރޫޢު ދަށުން މާލޭ ސަރަހައްދުގައި 150 މެގަވޮލްޓްގެ ފްލޯޓިން ފޮޓޯ ވޯލްޓިކް (ޕީވީ) އިންޖީނުގެއެއް އަޅާ ކަރަންޓު ފޯރުކޮށްދިނުމަށް ބޭނުންވާ އެހެނިހެން އުމްރާނީ ވަސީލަތްތައްވެސް ގާއިމު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫޢަކީ ރާއްޖެއަށް ސްޓްރެޓެޖިކް އަގުހުރި މަޝްރޫޢެއް ކަމަށް ސަރުކާރަށް ޤަބޫލު ކުރެވޭ ކަމަށާއި، މި މަޝްރޫޢުގެ ސަބަބުން ހަކަތަ އުފެއްދުމަށް އިއާދަކުރަނިވި ވަސީލަތްތައް ބޭނުންކުރުމަށް މަގުފަހިވެގެންދާނެ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

ކޮންފަރެންސް އޮފް ދަ ޕާޓީސް ޓު ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ކޮޕް28) ބައްދަލުވުމުގެ މަތީ ފަންތީގެ ސެގްމެންޓްގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ 2028 ވަނަ އަހަރުގެ ކުރިން ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 އިންސައްތަ އުފައްދައިދޭނެ އިއާދަކުރަނިވި ހަކަތައިގެ ނިޒާމެއް ގާއިމު ކުރުމަކީ މި ސަރުކާރުގެ އަމާޒެއް ކަމަށް ވިދާޅުވެފައެވެ. މި މަޝްރޫޢުގެ ސަބަބުން ރައީސްގެ މި އަމާޒުގެ ތަސައްވަރަށް ބޮޑު ކުރިއެރުމެއް ލިބިގެން ދާނެ އެވެ.

Advertisement

ކޮމެންޓް