ޕެނަލްޓީގައި ކޮވެންޓްރީ ބަލިކޮށް ޔުނައިޓެޑް އެފްއޭކަޕް ފައިނަލަށް

22 Apr 2024 | 11:01
ބުރޫނޯ ފެނާންޑޭޒް ކޮވެންޓްރީ ކޮޅަށް ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނީ

އިގިރޭސި އެފްއޭކަޕް ސެމީ ފައިނަލު ދެވަނަ މެޗުގައި ހޯމަދުވަހުގެ ޕްރެމިއާޝިޕްގެ ކޮވެންޓްރީ އާއި ޕްރެމިއާ ލީގުގެ މެންޗެސްޓާ ޔުނައިޓެޑް ވާދަކުރި މެޗު 3-3 ގެ ނަތީޖާއަކުން އެއްވަރުވެ ނަތީޖާ ނެރުމަށްޓަކައި ޖެހި ޕެނަލްޓީގައި 4-2 ގެ ނަތީޖާއަކުން މޮޅުވެ ޔުނައިޓެޑް މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.

ޔުނައިޓެޑް ސެމީފައިނަލުން ޖާގަ ހޯދީ ކުއާޓާ ފައިނަލުގައި 4-3 ގެ ނަތީޖާއަކުން ލިވަޕޫލް ބަލިކުރުމަށްފަހު އެވެ. އަދި ކޮވެންޓްރީ ސެމީގެ ފުރުސަތު ހޯދީ ކުއާޓާ ފައިނަލުގައި 3-2 ގެ ނަތީޖާއަކުން ވުލްވްސް ބަލިކުރުމަށްފަހުއެވެ.

މެޗުގެ ފުރަތަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅެ މެޗު ޑޮމިނޭޓްކުރީ މެންޗެސްޓާ ޔުނައިޓެޑުންނެވެ. ނަތީޖާއެއްގެ ގޮތުން ފުރަތަމަ ހާފުގެ 23 ވަނަ މިނެޓުގައި ޔުނައިޓެޑުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ސްކޮޓްލޭންޑް މިޑްފީލްޑަރު ސްކޮޓް މެކް ޓޮމިނޭ އެވެ. އަދި އެޓީމުން ލީޑު ފުޅާކުރި ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ ޑިފެންޑަރު ހެރީ މެގުއާ އެވެ.

Advertisement

މިއާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ވެސް ވަރުގަދަކޮށް ފެށީ ޔުނައިޓެޑުންނެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގެ 58 ވަނަ މިނެޓުގައި އެޓީމުގެ ކެޕްޓަން ބުރޫނޯ ފެނާންޑޭޒް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ޔުނައިޓެޑަށް 3 ލަނޑުގެ ލީޑެއް ހޯދައިދީފައެވެ. 

މިލަނޑާއެކު ކޮވެންޓްރީ އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖައެއްގެ ގޮތުން އެޓީމުން ވަނީ ގާތްގާތުގައި ދެލަނޑު ކާމިޔާބުކޮށް ނަތީޖާގެ ފަރަގު ކުޑަކޮށްދީފައެވެ. އެގޮތުން އެޓީމުގެ ފުރަތަމަ ލަނޑު ފަހުހާފުގެ 71 ވަނަ މިނެޓުގައި މިޑްފީލްޑަރު އެލިސް ސިމްސް ކާމިޔާބުކުރިއިރު، ދެވަނަ ލަނޑު 79 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު ކަލަމް އޯހެއާ އެވެ.

ކޮވެންޓްރީ އިން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު މެޗުގެ އިތުރު ވަގުތުގެތެރޭގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ އެޓީމުގެ ފޯވާޑް ހާޖީ ރައިޓްއެވެ. އަދި މިލަނޑާއެކު މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ނިމިގެންދިޔައީ 3-3 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.

މިއާއެކު މެޗުގެ ނަތީޖާ ނެރުމަށްޓަކައި ކުޅެވުނު އިތުރު ވަގުތު 15 މިނެޓުގެ ދެހާފުގެ ތެރެއިން ދެވަނަ ހާފުގެ އެންމެ ފަހު މިނެޓުގައި ކޮވެންޓްރީން ލަނޑެއް ކާމިޔާބުކުރި ނަމަވެސް ވީއޭއާރުން ބެލުމަށްފަހު ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއްކަމަށެވެ. މިއާއެކު 3-3 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެ ނަތީޖާ ނެރުމަށްޓަކައި ޖެހި ޕެނަލްޓީގައި ޔުނައިޓެޑްގެ ފަސް ޕެނަލްޓީގެ ތެރެއިން ހަތަރު ޕެނަލްޓީ އެޓީމުން ކާމިޔާބުކުރިއިރު، ކޮވެންޓްރީން ޖެހި ހަތަރު ޕެނަލްޓީގެ ތެރެއިން އެޓީމަށް ކާމިޔާބުކުރެވުނީ ދެ ޕެނަލްޓީއެވެ.

Advertisement

ކޮމެންޓް

Advertisement

Advertisement