Advertisement

ޝާހިދުގެ ބައްޕާފުޅު އަވަހާރަވުމާއި ގުޅިގެން ޕީޕީއެމް/ޕީއެންސީ އިން ތައުޒިޔާ ކިޔައިފި

ޝާހިދު އަދި އެބޭފުޅާގެ ބައްޕާފުޅު--

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދުގެ ބައްޕާފުޅު ޝައިހް މޫސާ ޖަމީލް އަވަހާރަވުމާއި ގުޅިގެން ސަރުކާރު ހިންގާ ކޯލިޝަން ޕީޕީއެމް/ޕީއެންސީ އިން ތައުޒިޔާ ކިޔައިފިއެވެ.

އެ ކޯލިޝަނުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ޝާހިދުގެ ބައްޕާފުޅު އަވަހާރަވި ޚަބަރު ކޯލިޝަންގެ އެންމެހާ މެންބަރުން އެހީ ވަރަށްވެސް ފުން ހިތަމާއާއި އަސަރާއެކުކަމަށެވެ. އަދި މާތްﷲ މަރްހޫމްގެ ފުރާނައަށް ރަޙުމަތް ލައްވާ ފާފަ ފުއްސަވާ ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރެއްވުމަށް އެދި ދުއާ ކުރާކަމަށް ވެސް ކޯލިޝަން ގެ ނޫސް ބަޔާނުގައި ވެއެވެ.

ޕީޕީއެމް/ޕީއެންސީ އިން ބުނީ، ޝާހިދުގެ ބައްޕާފުޅު އަވަހާރަވުމުގެ ހިތާމައިގައި ކޯލިޝަންގެ އެންމެހައި މެންބަރުން ބައިވެރިވާ ކަމަށެވެ. އެގޮތުން ޢާއިލާއަށް ކޯލިޝަންގެ ލީޑަރު، ޕީއެންސީގެ ރައީސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި ކޯލިޝަންގެ ލީޑާރޝިޕާއި، ސެނެޓަރުންނާއި، ޕާލަމަންޓްރީ ގްރޫޕްގެ މެންބަރުންނާއި، ދާއިރާ ރައީސުންނާއި، ސްޓިއަރިންގ ކޮމިޓީތަކާއި އަދި ކޯލިޝަނަށް ނިސްބަތްވާ ދެ ޕާޓީގެ އެންމެހާ މެންބަރުންގެ ނަމުގައި ތަޢުޒިޔާ ދަންނަވާކަމަށެވެ.

ޝާހިދުގެ ބައްޕާފުޅު އަވަހާރަވެފައިވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ. އެބޭފުޅާ އަވަހާރަވެފައިވަނީ އާލާސްކަންފުޅުގައި ދުވަސްކޮޅެއްވަންދެން އުޅުމަށްފަހު އޭޑީކޭ އިން ފަރުވާ ހޯއްދަވަމުން ދަނިކޮށެވެ.

ޝާހިދުގެ ބައްޕާފުޅުގެ ކަށު ނަމާދު މިއަދު އަސުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައި އޮތް އިރު، މޫނު ބެލުމަށް މިއަދު 11:30 އިން ފެށިގެން ޒިޔާރަތް ކުރެވޭނެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ޝައިހް މޫސާ ޖަމީލު ދީދީއަކީ މިވަގުތު ދުނިޔޭގައި ތިއްބެވި ހުރަވީ ދަރިކޮޅުގެ ބޭފުޅުންގެ ތެރެއިން، އެންމެ ދޮށީ ބޭފުޅާ އެވެ. އަދި ދޮންބަންޑާރައިންނަކީ ޝައިހް މޫސާ ޖަމީލު ދީދީގެ ފަސް ވަނަ ކާފާފުޅެވެ.

Advertisement

ކޮމެންޓް

Advertisement