ބޮޑު އަގު ހުށަހެޅި އިންޑިއާ ކުންފުންޏަކަށް ޕްރޮޖެކްޓެއް ދިންކަން ފަޅާއަރައިފި
އޭޑީކޭ ޖެނެރަލް ޓްރޭޑިންއަށްވުރެ ބޮޑުކޮށް ބީލަން ހުށަހެޅި އިންޑިއާގެ ކުންފުންޏަކަށް މި ސަރުކާރުން ޕްރޮޖެކްޓެއް ދިންކަން ފަޅާއަރައިފިއެވެ.
އެކަން ފަޅާއެރީ އެމައްސަލައާ ގުޅިގެން އޭޑީކޭގެ ސިޓީއެއް ފިނޭންސް މިނިސްޓްރީއަށް ފޮނުވައި، އެކަން ބަލައިދޭން އެދުމުންނެވެ. އޭޑީކޭއިން ވަނީ އެސިޓީ ފޮނުވިކަން ކަށަވަރު ކޮށްދީފައެވެ.
ފިނޭންސް މިނިސްޓްރީން އެމްބިއުލާންސްތަކެއް ހޯދަން ބިޑަށް ހުޅުވާލުމުން، ބޮޑު އަގު ހުށަހެޅި އިންޑިއާގެ މޯހަން މުއްތާ ކުންފުންޏަށް އެ ބިޑް ކާމިޔާބު ކުރެވުނު މައްސަލަ ބެލުމަށް އޭޑީކޭއިން ވަނީ އެދިފައެވެ.
އެ މައްސަލައިގައި އެކުންފުނިން ވަނީ ފިނޭންސް މިނިސްޓްރީއަށާއި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް ސިޓީއެއް ފޮނުވައިފައެވެ. އެ ސިޓީގައި ބުނެފައިވަނީ ފިނޭންސް މިނިސްޓްރީއިން 15 އެމްބިއުލާންސް ހޯދަން ފުރަތަމަ އިއުލާން ކުރިއިރުވެސް އޭޑީކޭއިން ބީލަން ހުށަހެޅި ކަމަށާއި އެފަހަރު އިއުލާން ބާތިލުކޮށް ބީލަންތައްވެސް ބާތިލު ކުރި ކަމަށެވެ. އަދި ދެވަނަ ފަހަރު އިއުލާން ކުރުމުންވެސް އޭޑީކޭއިން ބީލަން ހުށަހެޅި ކަމަށެވެ.
އޭޑީކޭއިން ފޮނުވި ސިޓީގައިވަނީ އެ ކުންފުންޏަށްވުރެ ބޮޑު އަގެއްގައި ބީލަން ހުށަހެޅި އިންޑިއާގެ ކުންފުންޏެއް ކަމަށްވާ މޯހަން މުއްތާއަށް ބިޑް ކާމިޔާބު ކުރެވުމަކީ، ކަންބޮޑުވާ ކަމެއް ކަމުގައި ބުނެފައެވެ.
އެގޮތުން ދިވެހި ކުންފުންޏެއް އެންމެ ދަށް އަގު ހުށަހެޅުމުންވެސް ބޭރު ކުންފުނިތަކަށް ބީލަންތައް ލިބޭ ކަަމަށް ކަމަށްވާނަމަ، މުސްތަގުބަލުގައި މި ރާއްޖޭގެ އިގުތިސާދަށް ގެއްލުންވާނެ ކަމަށް ދެކޭ ކަމުގައި އޭޑީކޭއިން ބުންޏެވެ.
އޭޑީކޭއިން ބުނީ ފިނޭންސް މިނިސްޓްރީއަށް ހުށަހެޅި ބީލަމުގެ އިވެލުއޭޝަން އެ ކުންފުންޏަށް ހުށަހަޅާފައިވާ ކަމަށާއި އޭގައި މިނިމަމް ރެކުޔަރމަންޓަންސްގެ ތެރެއިން ފުރިހަމަ ނުވާ ކަމަށް ބުނެފައިވާ އައިޓަމް އަކީ އޭޑީކޭއިން ބީލަން ހުށަހެޅި އިރު ހިމަނާފައިވާ އޮކްސިޖަން އައިޓަމްގައި ހިމެނޭ އައިޓަމްއެއް ކަމަށްވެސް ވަނީ ބުނެފައެވެ.
އަދި އިވެލުއޭޝަންގައި އޭޑީކޭއިން ހުށަހެޅި އެމްބިއުލާންސްގެ އިނަރ ޑައިމެންޝަންތައް ރަނގަޅު ކަމަށް ހެޔޮ ފާހަގަ ޖަހާފައިވީ ނަމަވެސް، އިވެލުއޭޝަން ޓޭބަލްގެ ތިރީގައި އޭޑީކޭއިން އެމްބިއުލާންސްގެ ފުޅާމިނަށް ދީފައިވަނީ ކުޑަ އަދަދެއް ކަމަށް ބުނެ، އޮޅުވާލަން މަސައްކަތް ކޮށްފައިވާ ކަމަށާއި، އެފަދަ ކަންކަމާ ހުރެ، އެ އިވެލުއޭޝަން އަކީ ނޭޝަނަލް ޓެންޑަރއިން ހެދި އިވެލުއޭޝަންއެއް ކަމާމެދު ސުވާލު އުފެދޭ ކަމަށް އޭޑީކޭއިން ބުނެއެވެ.
އޭޑީކޭއިން އިތުރަށް ބުނީ ކުންފުނިތަކުން ބީލަންތަކުގައި ބައިވެރިވަނީ ބޮޑެތި ހަރަދުތައް ކޮށްގެން ކަމަށާއި، އެހެންކަމުން އެމައްސަލައިގައި އިންސާފުވެރި ހައްލެއް ބޭނުންވާ ކަމަށެވެ. އަދި އިންޑިއާގެ މޯހަން މުއްތާއަށް ޕްރޮޖެކްޓް އެވޯޑު ކޮށްފައި ވިޔަސް، އެމައްސަލަ ބަލައި ނިމެންދެން، އެކަން ހުއްޓުވައި ދޭންވެސް އެދިފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް