ޝައިޚް އިމްރާން އުޅުއްވަނީ ޑޮކްޓަރަކަށް ވެގެން: ނަޝްވާ
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ބޭސްފަރުވާގެ ކަންކަމާއި ގުޅިގެން ހޯމް މިނިސްޓަރ އައްޝައިޚް އިމްރާން އަބްދުﷲ އުޅުއްވަނީ ޑޮކްޓަަރަކަށް ވެވަޑައިގެންކަމަށް، އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ވިދާޅުވެއްޖެއެވެ.
ނަޝްވާ މިހެން ވިދާޅުވީ، އަދީބު ޖަލަށް އަނބުރާ ބަދަލުކުރުމާއި ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މިއީ ރިޔާސީ އިންތިޚާބު ނިމިދިޔަފަހުން، އަދީބްގެ ފަރާތުން ބޭއްވި ފުރަތަމަ ބައްދަލުވުމެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ނަޝްވާ ވިދާޅުވީ ހޮނިހިރު ދުވަހު ކުއްލިއަކަށް އަނބުރާ ޖަލަށް ގެންދިއުމުން އަދީބު ޑިސްޗާޖް ކުރުމާ، އަދީބު ޖަލަށް ގެންދިއުމާ މިހުރިހާ ކަމެއް ޑޮކްޓަރަކަށް ވެގެން ކުރައްވަނީ ކޮން ބޭފުޅެއްކަން ސާފުވެފައިވާކަމަށެވެ.
"މިކަންކަން ކުރައްވަނީ ހަމަ ސީދާ ޝައިޚް އިމްރާން." ނަޝްވާ ވިދާޅުވިއެވެ.
ނަޝްވާ ވަނީ އަދީބު ހޮސްޕިޓަލްގައި އޮންނެވި ކޮޓަރި ކައިރީގައި ހުރި ކޮޓަރީގައި ޝައިޚް އިމްރާންގެ އާއިލީ ބޭފުޅަކުވެސް އޮންނެވިކަމަށެވެ. އެެހެންކަމުން އަދީބްއާއި ބައްދަލުނުވެ ދިއުމަށް، އިމްރާންގެ އާއިލާ ބޭފުޅާގެ ކޮޓަރި އަޕްގްރޭޑްކުރިކަމަށްވެސް ނަޝްވާ ވަނީ ފާހަގަކުރައްވާފައެވެ.
ރޭ ނަޝްވާ ވަނީ އަދީބު މިހާރު ޖަލުގައި ހުންނެވި ހާލަތުވެސް ހިއްސާކުރައްވާފައެވެ. އެގޮތުން ނަޝްވާ ވިދާޅުވީ އަދީބުގެ ގޮޅީގެ ކުރިމަތީ ފާރުގައި އިންޑަސްޓްރިއަލް ފޯން ޖޭމަރ އެއް ހުންނަކަމަށާއި އޭގެ ރޭޑިއޭޝަންގެ ސަބަބުން އަދީބަށް ގެއްލުންވާނެކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް