ގާނޫނުތަކަށް ބޯލެނބުމަށް ދަތުރުވެރިންނަށް ގޮވާލައިފި
ކަނޑުދަތުރު ކުރާ ފަރާތްތަކުގެ ރައްކާތެރިކަމަށްޓަކައި ހެދިފައިވާ ގާނޫނުތަކާއި ގަވާއިދުތަކަށް ފުރިހަމައަށް ބޯލެނބުމަށް ފުލުހުން އިލްތިމާސް ކޮށްފިއެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސްއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ ސަލާމަތީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރެވިފައިވޭތޯ ޔަގީންކުރުމަށް، ވަކިން ހާއްސަކޮށް މުދާ އުފުލާ އުޅަނދުތައް ބަރުކުރުމުގައި ހުއްދަ ދީފައިވާ މިންގަނޑަށްވުރެ ބަރު ނުކުރުމަށާއި، ފަސިންޖަރުން އުފުލާ އުޅަނދުފަހަރުގައި ސަލާމަތީ އާލާތްތައް ފަސޭހައިން އަތުޖެހޭ ގޮތަށް ބެހެއްޓުމަށް އިލްތިމާސްކުރާ ކަމަށެވެ.
އޭގެ އިތުރުން، މުވާސަލާތު ކުރުމަށް ބޭނުންކުރާ ސެޓްފަދަ ތަކެތި ރަނގަޅަށް މަސައްކަތްކުރޭތޯ ޔަގީންކުރުމަށްފަހު ނޫނީ ދަތުރު ނުފެށުމަށް ވެސް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ. އަދި ކަނޑު ގަދަ ކަމުގައިވާނަމަ ދަތުރު ނުކުރުމަށާއި ދަތުރު ކުރާނަމަ، ލައިފް ޖެކެޓު އަޅައިގެން ދަތުރު ކުރުމަށްވެސް ފުލުހުން އިލްތިމާސް ކޮށްފައިވެެއެވެ.
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވިއްސާރަކޮށް ވައިގަދަވާނެކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ. މެޓު އޮފީހުން ވަނީ ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށްވެސް އެދިފައެވެ.
މިއަދާއި މާދަމާވެސް އުތުރުގެ ބައެއް އަތޮޅުތަކަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ. އޭގެ އިތުރުން މިއަދު 15:00 އިން 18:00 އަށް އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީއަށް ޔެލޯ އެލާޓް ވަނީ ނެރެފައެވެ.
މޫސުމަށް އަންނަ ބަދަލާއެކު ފަޅުތެރޭގެ އޮޔަށް ބަދަލުއައިސް ދިމާވާ ހާދިސާތަކުގެ ސަބަބުން، ފަޅުގައި އަޅާފައިއޮންނަ އުޅަނދުފަހަރަށް މީގެ ކުރިންވެސް ގެއްލުންތައް ލިބިފައިވުމާއެކު، އުޅަނދުފަހަރު އެޅުމުގައި ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ނަގިލި ކަހާލުމާއި ދިޔަވުންފަދަ ކަމެއް ދިމާވެދާނެކަމަށްޓައި ސަމާލުވެ، ރަނގަޅަށް ބެލެހެއްޓުމަށްވެސް ފުލުހުން މިއަދު ނެރުނު ބަޔާނުގައި އިލްތިމާސް ކޮށްފައިވެއެވެ.
މޫސުން ގޯސްވުމުގެ ސަބަބުން، ދަތުރުވެރިން ސަމާލުވުމަށް ފުލުހުން އިލްތިމާސް ކޮށްފައިވާއިރު،
ހދ. ނޮޅިވަރަންފަރުން ފުރައިގެން އެއަތޮޅު ހަނިމާދުއަށް 10 މީހުންނާއެކު ދަތުރު ކުރަމުން ދިޔަ ކުޑަ ލޯންޗެއް ބަންޑުން ޖަހާލައި މިއަދު ހިނގި ކަނޑުމަތީގެ ހިތާމަވެރި ހާދިސާއެއްގައި ފަސް މީހަކު ވަނީ ނިޔާވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް