ބަންދަށް އަތޮޅުތެރޭގެ ރަށްރަށަށް ދިޔަމީހުން، މާލެ އަންނަން ފަށައިފި
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
ރަމަޟާންމަހުގެ ފަހު ދިހައެއްގެ އިތުރުން ޢީދު ބަންދަށް އަތޮޅުތެރޭގެ ރަށްރަށަށް ދިޔަމީހުންތައް މާލެ އަންނަން ފަށައިފިއެވެ.
ރަމަޟާންމަހުގެ ފަހު ދިހައެއް ސަރުކާރުން ބަންދުކުރުމާ ގުޅިގެން ޢީދު ބަންދާވެސް އެއްކޮށް، ސަރުކާރުގެ އެކި އޮފީސްތަކުގައި ވަޒީފާ އަދާކުރާ ގިނަ އަދަދެއްގެ ބަޔަކުވަނީ އަތޮޅުތެރޭގެ ރަށްތަކަށް ފުރާފައެވެ. އެގޮތުން އަތޮޅުތެރޭގެ ރަށްތަކަށް ޗުއްޓީ ހޭދަކޮށްލުމަށްދިޔަ މީހުން މާލެ އަންނަން ފަށާފައިވާއިރު ގިނަ ބަޔަކު މިއަދުވެސް ވަނީ މާލެ އައިސްފައެވެ.
މާދަމާ ސަރުކާރު ހުޅުވުނު ނަމަވެސް ދިރާސީ އައު އަހަރުގެ ކިޔެވުން ފަށާނީ އަންނަ ހޯމަދުވަހުއެވެ. ރޯދަމަހުގެ ފަހު ދިހައެއްގެ އިތުރުން އީދު ބަންދާއެކު، ސަރުކާރުގައި ވަޒީފާ އަދާކުރާ މީހުންނަށް ވަނީ ދެ ހަފްތާގެ ޗުއްޓީ ލިބިފައެވެ. ނިމިގެންދިޔަ ދިރާސީ އަހަރުގެ ކިޔެވުން ނިންމައި ދަރިވަރުންނަށް ބޮޑުޗުއްޓީ ލިބުނީ ފެބުރުއަރީމަހުގެ 27 ވަނަ ދުވަހުއެވެ.

ތައުލީމީ ވުޒާރާގެ ކަލަންޑަރަށް ބަލާއިރު މިއަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ހޯމަދުވަހު ފެށުމަށްފަހު ދަރިވަރުންނަށް ދެން ޓާމު ޗުއްޓީއެއް ލިބޭނީ، ޖުލައިމަހުގެ 24 ވަނަ ދުވަހުއެވެ. ކުރިއަށްއޮތް އަހަރުގެ ދިރާސީ އަހަރުގެ ބޮޑު ޗުއްޓީ ޑިސެމްބަރުގައި ލިބޭއިރު، ސަރުކާރުން ދަނީ ގަޑިތައް ނުގެއްލޭނޭހެން ކުރިއަށްއޮތް ރަމަޟާންމަހު ސްކޫލް ބަންދު ދުަވަސްތަކެއްގެ ގޮތުގައި ހަމަޖެއްސުމަށް މަސައްކަތްކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް