ސަރުކާރުން ސަސްޕެންޑް ކުރި ސިޔާސީ ބޭފުޅުންނާ ގުޅޭ ރިޕޯޓެއް އޭސީސީން ރައީސަށް ފޮނުވައިފި
އެންޓި ކޮރަޕްޝަން ކޮމިޝަނުން(އޭސީސީ) ނެރެފައިވާ އެމްއެމްޕީއާރްސީގެ ތަހުގީގް ރިޕޯޓާއި ގުޅިގެން ސަރުކާރުން ސަސްޕެންޑްކޮށްފައިވާ ބައެއް ސިޔާސީ ބޭފުޅުންނާއި ގުޅޭ ރިޕޯޓެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އަރުވައިފިއެވެ.
އޭސީސީ އިން ނެރުނު ރިޕޯޓުގައި އެސްއޯއެފް ކުންފުންޏާއި އެކު މުއާމަލާތް ކޮށްފައިވާތީ ސަރުކާރުން ސަސްޕެންޑް ކޮށްފައިވާ ބޭފުޅުންގެ ތެރޭގައި ހިމެނެނީ ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފާއި، ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނާއި ފެން ކުންފުނީގެ ޗެއާމަން އަހްމަދު މައުސޫމެވެ. މި ތިންބޭފުޅުންނާބެހޭ ރިޕޯޓް އޭސީސީން މިތައްޔާރުކުރީ އެބޭފުޅުން ބައިވެރިވާތޯ ނުވަތަ ނޫންތޯ އަވަހަށް ބަލައިދޭން ރައީސް ސާލިހް އޭސީސީއަށް ގޮވާލާފައިވަނިކޮށެވެ.
އެހުރިހާ ބޭފުޅުން ވެސް ވިދާޅުވާ ގޮތުގައި އެސްއޯއެފް އާއި އެކު ހިންގާފައި ވަނީ ސައްހަ މުއާމަލާތްތަކެއް ކަމަށާއި އެއީ ޑޮލަރު ގަންނަން ވެގެން ހިންގި ސައްޚަ ވިޔަފާރީގެ މުއާމަލާތްތަކެއް ކަމަށެވެ.
ފަހުގެ ތާރީޚެއްގައި ރާއްޖޭގައި ހިނގި އެންމެ ބޮޑު ޚިޔާނާތާއި ގުޅިގެން އޭސީސީން ނެރުނު ރިޕޯޓުގައި އެސްއޯއެފް އިން ފައިސާ ޖަމާކުރި 155 މީހެއްގެ ނަން ހާމަކޮށްފައިވެއެވެ.
އެމްއެމްޕީއާރްސީގެ ފައިސާ އެހެން މީހުންގެ އެކައުންޓްތަކަށް ޖަމާކޮށްފައި ވަނީ އެސްއޯއެފް ކުންފުނީގެ އެކައުންޓަށް ޖަމާކުރުމަށް ފަހުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް