އަޅުގަނޑުގެ އެކައުންޓަށް އެއްލައްކަ ޑޮލަރު ޖަމާކުރީ އަސްވާޑް: ރީކޯ މޫސަ
އެސްއޯއެފްގެ އެކައުންޓުން އެބޭފުޅާގެ އަމިއްލަ އެކައުންޓަށް ފޮނުވިކަމަށް ބުނާ ފައިސާތަކަކީ ސަންގުޓީވީގެ މެނޭޖިންގް ޑިރެކްޓަރ އިބްރާހިމް ވަހީދު (އަސްވާޑް) ފޮނުއްވި ފައިސާތަކެއްކަމަށް ހުޅުހެންވޭރު ދާއިރާގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު (ރީކޯ މޫސަ) ވިދާޅުވެއްޖެ އެވެ.
ދުވަހުނޫސް ވަންއޮންލައިންއިން ރިޕޯޓްކުރާ ގޮތުގައި ރީކޯ މޫސާ މަނިކު ފޮނުއްވި ސިޓީގައި އެބޭފުޅާ ވަނީ އަސްވާޑާއި ޔާމީން ރަޝީދުގެ އަލަށް ހަދާ ޓީވީ ޗެނަލަކަށް ބޭނުންވާ އިކުޕްމަންޓްތައް ސިންގަޕޫރުން ގަންނަން ބޭނުންވެ ސިންގަޕޫރަށް ފުރަންޖެހިއްޖެ ކަމަށާއި، ސިންގަޕޫރުގައި އެކައުންޓެއް ނެތުމުން ފައިސާ ޓްރާންސްފާކޮށް ފިހާރަތަކުން އިކުއިޕްމަންޓްތައް ގަނެވޭނެ ގޮތެއް ނެތްކަމަށް މޫސައާއި ބައްދަލުކޮށް އަސްވާޑު ބުނުމުން މޫސަގެ ބީއެމްއެލް އެކައުންޓް ނަންބަރު އަސްވާޑަށް ދެއްވި ކަމަށް ވިދާޅުވެފަ އެވެ.
އަދި އެ އެކައުންޓަށް ޑޮލަރ ޖަމާކުރުމުން ސިންގަޕޫރުން އެ އަދަދަށް ފައިސާލިބޭނެ އިންތިޒާމް ހަމަޖައްސައިދޭނެކަމަށް ބުނިކަމަށް އަސްވާޑް ބުނިކަމަށް ރީކޯ މޫސަ ވިދާޅުވިއެވެ.
މޫސަ ވިދާޅުވީ ފައިސާ ޖަމާކޮށްފައި ވަނީ އިންޓަނެޓު ބޭންކު މެދުވެރިކޮށް ކަމަށް ވާތީ، އެ ފައިސާ ޖަމާކުރީ އަސްވާޑުގެ އަމިއްލަ އެކައުންޓުން ކަމަށް ނިންމަވައިގެން ހުންނެވިކަމަށާއި އެ މުއާމަލާތް ހިންގެވީ ރަހުމަތްތެރިކަމުގެ ތެެރެއިންކަމަށެވެ. އަދި މިމައްސަލައިގެ ތަހުގީގަށް ދައުލަތުގެ އެއްވެސް އިދާރާއަކުން މޫސައާއި ސުވާލުކުރައްވާފައިނުވާތީ މޫސާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
މިކަމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައި އަސްވާޑް ބުނީ އޭނާގެ އެކައުންްޓްގެ ފުލް ޓްރާންސެކްޝަން އެއް އޭސީސީއަށް ހިއްސާކުރުމަށް ނިންމާފައިވާނެކަމަށެވެ. އަދި އެބޭފުޅާގެ އެކައުންޓަށް އެސްއޯއެފްގެ ލޯ ލާރިއެއްވެސް، އަދި އެބޭފުޅާގެ އެކައުންޓުން އެހެންފަރާތެއްގެ އެކައުންޓަށް އެއްލައްކަ ޑޮލަރުވެސް ޖަމާކޮށްފައިނުވާނެކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް