ޖުމްހޫރީ ޕާޓީން ވަކިވެދާނެ ކަމުގެ އިންޒާރު އަލީ ވަހީދު ދީފި
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަން ނިމުމަކަށް ގެނެސް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ގެނައުމަށް ކުރި އިހުލާސްތެރި މަސައްކަތް ގަބޫލު ނުކުރާނަމަ އެ ޕާޓީގައި ހުންނާކަށް ބޭނުން ނުވާކަމަށް އެ ޕާޓީގެ ރައީސް އަދި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
ހުޅުމާލެ ދާއިރާއަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާ އެޕާޓީގެ ޑެޕިއުޓީ ޗެއާ އަލީ ނިޔާޒުގެ ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުން އަލީ ވަހީދު ވިދާޅުވީ ޔާމީންގެ ސަރުކާރު ބަދަލުކުރުމަށް އޭރު އިދިކޮޅު ކޯލިޝަނުންގެ ބައިވެރިން ކުރި އިޚްލާސް ތެރި މަސައްކަތްތައް ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމު ގަބޫލު ނުކުރާނަމަ އެޕާޓީގައި ހުންނަން ބޭނުންފުޅު ނުވާކަމަށެވެ. އަދި ގާސިމް އޭނާއަށް އިތުބާރު ނުކުރާ ކަމުގައި ވާނަމަވެސް ޖުމުހޫރީ ޕާޓީގައި ހުންނަން ބޭނުންފުޅު ނުވާކަމަށް އަލީވަހީދު ވަނީ ވިދާޅުވެފައެވެ.
އަލީ ވަހީދު ވިދާޅުވީ ގާސިމް އިބްރާހިމް އާއި އޭނާއި އެއްވެސް މައްސަލައެއް ނެތްކަމަށެވެ. ހަމައެކަނި އޮތް މައްސަލައަކީ ރައީސް ޔާމީންގެ ތާއީދާއެކު މަޖިލީހަށް ނިކުންނަން ބޭނުންވާ ބައެއް ކެނޑިޑޭޓުންނަށް ގާސިމް އިބްރާހިމް ތާއީދު ކުރައްވަން ނިންމެވީތީކަމަށެވެ. އަދި އެއީ އޭނާ ބަލައިގަންނާނެ ކަމެއް ނޫންކަމަށް އަލީވަހީދު ވަނީ ވިދާޅުވެފައެވެ.
ގާސިމް އިބްރާހިމް ރައީސް ޔާމީންގެ ކެނޑިޑޭޓުންނަށް ތާއީދުކުރަން ނިންމުމާއިކއު އެންމެ ފުރަތަަމަ އެކަމަށް ނުރުހުން ފާޅުކުރި ފަރާތްތަކުގެ ތެރޭގައި އަލީވަހީދު ހިމެނެއެވެ. އަލީ ވަހީދުގެ އިތުރުން ވެސް ޖުމުހޫރީ ޕާޓީގެ ބައެއް މެންބަރުންނާއި ޖުމުހޫރީ ޕާޓީގެ އިސްމަގާމުތަކުގައި ތިބި މީހުން އަންނަނީ އެކަމާއި ދެކޮޅު ހައްދަވަމުންނެވެ. އެގޮތުން ޖުމުހޫރީ ޕާޓީގެ ސްލޮޓެއްގައި ވަޒީރުކަަމަށް ވަޑައިގެންނެވި ގާސިމް އިބްރާހިމްގެ އަނބިކަބަލުން އައިޝަތު ނަހުލާވެސް ވަނީ ޔާމީނަށް މައާފު ނުކުރައްވާނެ ކަމަށާއި، އަދި އެބޭފުޅާގެ ތާއީދާއެކު މަޖިލީހަށް ނިކުންނަ އެއްވެސް ކެނޑިޑޭޓަކަށް ވޯޓް ނުދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް