ނޫސްވެރިޔާ ރިލްވާން ގެއްލުވާލި މައްސަލައިގެ ތަހުޤީގީ ރިޕޯޓް މަޖިލީހަށް ހުށަހަޅައިފި
ގެއްލިފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާނުގެ މައްސަލަ، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ތަހުގީގު ކުރުމަށްފަހު އެކުލަވައިލި ރިޕޯޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
އެޗްއާރުސީއެމުން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ، ރިލްވާނުގެ މައްސަލައިގައި އެކޮމިޝަނުން މިހާތަނަށް ބެލި ބެލުމުން ފާހަގަކުރެވުނު ކަންކަން ހިމަނާފައިވާނެ ކަމަށެވެ. އެގޮތުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއެކު ބޭއްވި ބައްދަލުވުންތަކުން ލުބުނު މައުލޫމާތާއި ފުލުހުންގެ ތަހުގީގާއި ގުޅޭ ގޮތުން ކޮމިޝަނަށް ފާހަގަ ކުރެވުނު ކަންތައްތަކުގެ މައުލޫމާތު ހިމަނާފައިވާނެ ކަމަށެވެ.
އަދި ކޯޓުން ކޮށްފައިވާ ހުކުމާއި ފުލުހުން ހިންގި ތަހުގީގާ ގުޅޭގޮތުން ކޮމިޝަނަށް ފާހަގަ ކުރެވިފައިވާ ކަންކަން ހިމަނައިގެން ތައްޔާރުކުރި އެރިޕޯޓް މިހާރު މަޖިލީހަށް ފޮނުވާފައިވާކަމަށް ބުންޏެވެ.
ރިލްވާން ގެއްލުވާލި މައްސަލަ މިހާރު ގެންދަނީ މަރާލެވިފައިވާ މީހުންނާއި ގެއްލުވައިލާފައިވާ މީހުންގެ މައްސަލަތައް ބަލައި ކޮމިޝަނުން ތަހުގީގު ކުރަމުންނެވެ.
އަދި ރިލްވާންގެ މައްސަލާގައި ފުލުހުން ވެފައިވާ އިހުމާލުތައް ބަލަން މަޖިލީހުން ނިންމައި، މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް ފުލުހުންގެ އިސްވެރިން ހާޒިރު ކުރަން ވެސް މިހާރު ވަނީ ނިންމައިފައެވެ.
ރިލްވާން ގެއްލިގެން ހޯދަން ފެށީ 2014 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ. އޭގެ ފަހުން މިހާތަނަށްވެސް ރިލުވާންގެ އެއްވެސް ހަބަރެއް ނުވެއެވެ. ރިލްވާން ގެއްލުވާލުމުގެ ޒިންމާ އާއިލާއިން ސިޔާސީ ބައެއް ފަރާތްތަކަށް ތުހުމަތުކޮށް، އެކަންކަން ބަލައި ދިނުމަށް ކަމާބެހޭ ފަރާތްތަަކަށް ތަކުރާރުކޮށް ގޮވައިލައިފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް