މާފަރު އެއާޕޯޓު ބޮޑު ނުކުރަން އީޕީއޭއިން ލަފާ ދީފި
ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓު އިތުރަށް ބޮޑުކުރަން ނިންމާފައިވާ މަޝްރޫއު ކުރިއަށް ނުގެންދިޔުމަށް އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ލަފާދީފި އެވެ.
އީޕީއޭއިން އެގޮތަށް ލަފާ ދީފައިވަނީ މާފަރު އެއާޕޯޓު އިތުރަށް ތަރައްގީކޮށް، ބޯއިން 777 ޓްވިން ޖެޓް ލޭންޑު ކުރެވޭ ވަރަށް އެއާޕޯޓް ރަންވޭ ބޮޑު ކުރަން ނިންމުމާއި ގުޅިގެންނެވެ.
އީޕީއެއިން ހެދި ދިރާސާއަށްފަހު ލަފާ ދީފައިވަނީ، އެއާޕޯޓުގެ ރަންވޭ ބޮޑުކުރުމަކީ ދުރު ރާސްތާ އަށް ބަލާއިރު ލިބޭނެ ސޯޝިއޯ އިކޮނޮމިކް އަދި ތިމާވެށީގެ މައްސަލަތަކާ އަޅާބަލާއިރު، އެކަށީގެންވާ ސަބަބެއް ނޫން ކަމަށެވެ.
މާފަރު އެއާޕޯޓަށް ބޯއިން 777 ގެ މަރުކާގެ ބޯޓް ޖައްސާނީ ކިހާ ގިނައިންކަން ޔަގީންނުވާ ކަމަށާއި މިއީ ދުރުރާސްތާ އަށް ބަލާއިރު ލަފާކުރަން ނޭނގޭ ކަމެއް ކަމަށް އީޕީއޭ އިން ބުނެފައިވެއެވެ.
އޭގެއިތުރުން މާފަރު އެއާޕޯޓު ބޮޑުކުރުމަށް ކުރިއަށްގެންދަން ނިންމާފައިވާ މަޝްރޫއަށް 22،000 ރުއްގަސް ކަނޑަށް ޖެހޭ ކަން ވަނީ ފާހަގަ ކޮށްފަ އެވެ.
އަދި އެއާޕޯޓު މަޝްރޫއު ކުރިއަށްގެންދަން ނިންމާފައިވާ ސަރަހައްދަކީ ބައެއް މީހުންނަށް ގޯތި ދޫކޮށްފައިވާ ސަރަހައްދެއް ކަމަށާއި މިކަމަށްވެސް ގިނަ އަދަދެއްގެ ގަސް ކަނޑަން ޖެހޭތީ މިއީ ތިމާވެށީގެ ގޮތުން ބަލާއިރު ރަށުގެ ފެހިކަަމަށާއި ބިންގަނޑަށް އަސަރު ކުރާނެ ކަމެއް ކަމަށް އީޕީއޭ އިން ބުނެފައިވެ އެވެ.
މީގެ އިތުރުން އެއާޕޯޓު ބޮޑުކުރުމަށް މާފަރު ފަޅުން ހިއްކަންޖެހޭ ސަރަހައްދަކީ ރަށުގެ ފަޅުން ތާ އަބަދަށް ބޮޑު ބައެއް ގެއްލިގެން ދިޔުން ކަމަށާއި މިއީ އެ ސަރަހައްދުގެ ކަނޑުގެ ދިރުންތައް އެއްކޮށް ނެތިދާނެ ކަމެއްކަމަށް އީޕީއޭ އިން ބުނެފައިވެ އެވެ.
މާފަރު އެއާޕޯޓަށް ރަށުން ނަގާފައިވާ ބިމުގެ ބަދަލުގައި ރަށުގެ ފަޅުން ބޮޑު ބަޔެއް ހިއްކުމަށް ރައްޔިތުންނާއި ރަށު ކައުންސިލުން އެދެމުންދާއިރު އެއާޕޯޓު ބޮޑުކުރުމުގެ ނިޔަތުގައި ރަށުގެ ފަޅުން ބޮޑުބައެއް ހިއްކުމަކީ ކުރަން ރަނގަޅު ކަމެއް ކަމަށް ނުފެންނަ ކަމަށް އީޕީއޭ އިން ބުނެފައިވެ އެވެ.
އީޕީއޭ އިން ބުނީ، މާފަރަކީ ވެލާ ބިސްއަޅާ ރަށަކަށް ވެފައި، އެރަށުގެ ފަޅުން ބޮޑު ބަޔެއް ހިއްކުމަކީ ވެލާތަކަށް ބިސްއަޅަން ބޭނުންކުރާ ސަރަހައްދު ގެއްލޭނެ ކަމަކަށް ވާތީ، މިއީ ސީދާ ގޮތުން ކަނޑުގެ ދިރުންތަކަށާއި ވެލާކަހަނބަށް އަސަރު ކުރާނެ ކަމެއް ކަމަށެވެ.
އަބޫދާބީ ފަންޑުގެ އެހީގައި ތަރައްގީކޮށްފައިވާ މާފަރު އެއާޕޯޓަކީ އެއާބަސް އޭ320 އަދި ބޮއިންގް 737ޖެއްސޭ ފެންވަރަށް ތަރައްގީކޮށްފައިވާ އެއާޕޯޓެކެވެ.
މާފަރު އެއާޕޯޓަކީ އޭ380 ޖެއްސޭ ފެންވަރުގެ އެއާޕޯޓަކަށް ހަދަން އެ އެއާޕޯޓު ތަރައްގީކުރި ކުންފުނިން ބޭނުންވާކަން ވަނީ ހާމަކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް