ރައީސް ޔާމީން މާފުށީ ޖަލަށް ބަދަލުކޮށްފި
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރުމަށްޓަކައި، އެމަނިކުފާނު މިއަދު މާފުށި ޖަލަށް ބަދަލުކޮށްފިއެވެ.
ކުރިމިނަލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު އިއްވި ޖަލު ހުކުމަށްފަހު ރެޔާއި ހަމައަށް ރައީސް ޔާމީން ހުންނެވީ މާލޭ ޖަލުގައެވެ.
ކަރެކްޝަނަލް ސާވިސްގެ މީޑީއާ އޮފިޝަލު އަހުމަދު ނަސީމު ''ވޮއިސް'' އަށް މައުލޫމާތު ދެއްވަމުން ދާދި ދެންމެ ވިދާޅުވީ، ރައީސް ޔާމީންގެ މައްޗަށް އިއްވި ހުކުމް ތަންފީޒު ކުރުމަށްޓަކައި މިއަދު މާފުށި ޖަލަށް އެމަނިކުފާނު ބަދަލުކޮށްފައިވާ ކަމަށެވެ.
ރައީސް ޔާމީނަށް ލިބިދޭންޖެހޭ ރައްކާތެރިކަން ލިބޭނެ ކަމަށް ނަސީމު ވިދާޅުވިއެވެ.
ރައީސް ޔާމީނުގެ މައްޗަށް ކުރި މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެ، ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް، ފަސް އަހަރަށް ޖަލަށް ލާން މިދިޔަ ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.
ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ކުރީ އެމްއެމްޕީއާރްސީ މެދުވެރިކޮށް، ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް އެ ފައިސާ ލޯންޑާ ކުރި ކަމުގެ ތުހުމަތުގަ އެވެ.
ނަމަވެސް އިދިކޮޅު ކޯލިޝަނުން ވަނީ އެހުކުމަކީ ސިޔާސީ ހުކުމެއް ކަމަށް ބުނެ، ހުކުމް ބަލައި ނުގަތުމަށް ގަރާރެއް ފާސްކޮށްފައެވެ.
ރައީސް ޔާމީން ޖަލަށް ހުކުމް ކުރުމާއެކު އެންމެ ފިރަތަމަ އެމަނިކުފާނު ބެހެއްޓީ މާލޭ ޖަލުގައެވެ. ނަމަވެސް މާލޭ ޖަލުގައި އެމަނިކުފާނު ހުންނެވި ހަ ފޫޓުގެ ގޮޅީގައި ވައިބަންދުވެފައި ހުރުމާއި ފާޚާނާގައި ފުލަޝްކުރެވެން ނެތުމާއި ޓައްޕެއްގައި ފެން އުފުލަން ޖެހުމާއި ގޮޅީގައި އޮށޯވެ ނުލެވޭވަރުގެ ކުޑަ ދަގަނޑު އެނދެއް ހުރުމާއި އެޖަލަކީ ނުރައްކާތެރި ބޮޑެތި ކުށްވެރިން ތިބޭ ޖަލެއް ކަމަށް ބުނެ، އިދިކޮޅުން އެމައްސަލަ ވަނީ އެޗްއާރުސީއެމް އަށް ހުށަހަޅާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް