ޑިފެންސް މިނިސްޓަރ މާރިޔާގެ ވާހަކަ އިވިފައި އަޅުގަނޑުގެ ހިތަށްއެރި އެއްޗެއް
އިންޑިޔާގެ ވައިގެ ސިފައިންނާ ކަނޑުގެ ސިފައިން ރާއްޖެއަށް ހަމަލާދީ އަރައިފިނަމަ ހަދާނެގޮތެއް އެނގިވަޑައިނުގަންނަވާކަމަށް އިންޑިޔާގެ މީޑިއާގައި ވިދާޅުވެ ރާއްޖޭގެ ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ އުފެއްދެވި ކޮންޓްރެވަސީ އަޅުގަނޑުމެންގެތެރޭގައި ފާޑެއްގެ ބަހުސަކަށް މިހާރުވަނީ ވެފައެވެ.
އެއްބަޔަކު ގެންދަނީ އެއީ ދެއްކިޔަސް ނުދެއްކިޔަސް ހަގީގަތްކަމަށްބުނެ މާރިޔާ ދިފާއުކުރަމުންނެވެ. ޑިފެންސް މިނިސްޓްރީންވެސް މިނިސްޓަރުގެ ދިފާއުގައި ބަޔާނެއް ނެރެފައިވެއެވެ. އަނެއްބަޔަކު ސިފަކުރަނީ އެއީ ގައުމީ ލޯތްބެއް ނެތް އަދި ދިވެހި ގައުމުގެ ދިފާއީ ބާރު ލީޑުކުރައްވަން ހުންނެވި ވެރިއެއްގެ ފަރާތުން ފެނިގެންނުވާނެ، އެއްގޮތަކަށްވެސް ގަބޫލުނުކުރެވޭނެ ވާހަކައެއްގެ ގޮތުގައެވެ. މިސަބަބަށްޓަކައި، އަދި ބޭރުގެ ބާރަކުން ހަމަލާދީފިނަމަ ހަދާނެގޮތެއް އެގިވަޑައިނުގަންނަވާނަމަ ޑިފެންސް މިނިސްޓަރުކަމުގެ މަގާމުން އިސްތިއުފާދޭންޖެހޭނެ ކަމަށް އެމީހުން ދެކެއެވެ.
މިދެބަހުސްގެތެރެއިން ސޯޝަލް މީޑިއާގައި ރާއްޖޭގެ ކުރީގެ ޚާރިޖީވަޒީރު ޑޮކްޓަރ ޝަހީދުގެ ވާހަކަފުޅު އަޅުގަނޑު ފާހަގަކޮށްލަމެވެ. އޭނާގެ ނަން މިގެނައީ ޑޮކްޓަރ ޝަހީދުވެގެންނެއް ނޫނެވެ. ރާއްޖޭގެ ޚާރިޖީދާއިރާގައި ވަރަށް ގިނަ ދުވަހު ދެ ސަރުކާރެއްގައި ޚާރިޖީވަޒީރުކަންވެސް ކުރައްވާފައިވާ ޑިޕްލޮމެސީ ރަނގަޅަށް ދެނެވަޑައިގަންނަވާ ބޭފުޅަކަށް ވާނެތީއެވެ.
ޝަހީދުގެ ނަޒަރުގައި މާރިޔާގެ ވާހަކަ ރަނގަޅެވެ. މާރިޔާ އެދެއްކެވީ ކްލެސިކަލް ރިއަލިސްޓް ޕޮސިޝަންއެވެ. މިއީ އީސާގެފާނު ދުނިޔެއަށް ވަޑައިގަތުމުގެ ކުރިން ހިނގާފައިވާކަމަށް ބެލެވޭ ހަގުރާމައެއްގެ ވާހާކަ ލިޔުނު ހުޅަނގުގެ ތާރީޚްލިޔުންތެރިޔަކު ގެންގުޅުނު ފިލޯސަފީއަކަށް ނިސްބަތްކޮށް ޝަހީދު ވިދާޅުވިއެއްޗެކެވެ. އަދި ޑިފެންސް މިނިސްޓަރ މާރިޔާދީދީ އަކީ އިގިރޭސިވިލާތުގެ ސްޓްރެޓެޖިކް ސްޓަޑީޒްއާއި އިންޓަރނޭޝަނަލް ރިލޭޝަންސް ކިޔަވައިދޭ އެންމެ ރަނގަޅު އެއް ޔުނިވަރސިޓީން ގުރެޖުއޭޓްވެފައިވާ މީހެއްކަން ހަދާން ނައްތާލައިގެން ނުވާނެކަމަށް ޝަހީދު ވިދާޅުވެއެވެ.
މާރިޔާދައްކަވާފައިވަނީ ފެންނަންހުރި ހަގީގަތެކެވެ. އޭނާގެ ވާހަކައާއި ބައިވެރިވެވަޑައިގަތް ޔޫކޭގައި ދިރިއުޅުއްވާ އެމްބެސެޑަރ ފަރަހަނާޒް ފައިސަލްވެސް މާރިޔާގެ ވާހަކައަށް ތާއީދެވެ. އޭނާގެ ނަޒަރުގައި މާރިޔާއަށް ފާޑުކިޔާ ގިނަ މީހުންނަށް ރިއަލިޒަމް އަންޑަސްޓޭންޑެއް ނުވެއެވެ.
އިންޑިޔާއަށް ދިވެހި ރާއްޖެ ނުހިފޭނެ
މިދެބޭފުޅުންގެ ވާހަކަތައް ބަލާފައި އަޅުގަނޑުގެ ހިތަށްއެރިއެވެ. ގިނަ މީހުންގެ ތެރޭގައިވެ އަޅުގަނޑަކަށްވެސް ރިއަލިޒަމް އަންޑަސްޓޭންޑް ނުވިއެވެ. ސަބަބަކީ ދިވެހި ރާއްޖެ ކުޑައެއްކަމަކު އިންޑިއާގެ މައިޓީ ޕަވަރއައިސް ދިވެހި ރާއްޖެ ހިފާފާނެކަމަށް އަޅުގަނޑަށް އެއްގޮތަކަށްވެސް ގަބޫލުނުކުރެވޭތީއެވެ. އެއީ ވާހަކަ ދައްކަން ފެކްޓަކަށްވެސް ނުވެއެވެ. އެކަމަކު މިހެން ދަންނަވާއިރުވެސް އެމެރިކާ ފުރިހަމަ އާރާއިބާރާއެކު 1983 ވަނަ އަހަރު ކެރީބިއަންގެ ކުޑަކުޑަ ގައުމެއްކަމަށްވާ ގްރެނޭޑާއަށް އަރައި އެތަން ހިފިކަން އަޅުގަނޑަށް އެގެއެވެ. އޭގެފަހުން އަރަބީންގެ އެންމެ ވަރުގަދަ ލަޝްކަރުކަމަށްވާ އިރާގުސިފައިން އެއްގަމާއި ވައިގެމަގުން ގޮސް ކުޑަކުޑަ ކުވޭތު ހިފީ އިހަށްދުވަހު ނޫންތޯއެވެ.
ޑޮކްޓަރ ޝަހީދު ނެންގެވީ އީސާގެފާނު ދުނިޔެއަށް ވަޑައިގަތުމުގެ ކުރީގެ ހަނގުރާމައަކުން މިސާލެއް ނޫންތޯއެވެ. އަޅުގަނޑުގެ ހިތަށް އަންނަނީ މީގެ 1400 އަހަރު ކުރިން އަރަބިކަރައިގެ މަދީނާގައި އުފެދުނު ހަޟާރަތެއްގެ، ކަނޑެއްފަޅެއްނުދަންނަ، ސަހަރާގެ ފަގީރު ބަދަވީންގެ ކުޑަކުޑަ ލަޝްކަރެއް، ކިހާ ކުޑަތޯ، ކަށިތައް ހިކި އަނަރޫފަވެފައިވާ އެންމެ 700 ފިރިހެނުންގެ މައްޗަށް އުފެދުނު ލަޝްކަރު، އެންމެ 10 ވަރަކަށް އަހަރު ދުވަހުގެތެރޭގައި ރޯމަނުންނާ ފާރިސީންގެ އެއޮތް ވަރުގަދަ ލަޝްކަރު ބަލިކޮށް އެހަޟާރަތުގެ މައްޗަށް ގަދަވެ އިސްލާމީ ދިދަ ވިހުރުވައިލުމަކީވެސް އަންޑަސްޓޭންޑްވާން ހަމަ ވަރަށް އުދަގޫ ކަމެކެވެ.
ދިވެހިރާއްޖެ އިސްލާމްވީއްސުރެ މިވީ 700 އަހަރުތެރޭގައި ހިންދުކަރައިގެ، މިހާރުގެ އިންޑިޔާގެ ކިތަށްކިތަށް ރަސްރަސްކަލުން، ކަންނަން ނޫރު އަލީ ރާޖާފަދަ، ގޯވާގެ ރަސްގެފާނުފަދަ ދިވެހި ރާއްޖެއާ ނުބައްދަލު ބާރުގަދަ، ކިތަންމެ ބާރުތަކަކުން، ދިވެހި ރާއްޖެ ހިފަން އެތައްބައިވަރު ގުރާބުތަކުގައި ކަނޑިއާއި ބަޑިއާއި އަދިވެސް އެމީހުންގެ އަތުގައިހުރި އެޒަމާނުގެ މޮޅެތި ހަތިޔާރުތަކާއެކު ދިވެހި ރާއްޖެއަށް ހަމަލާދީފައިވޭތޯއެވެ. އަޅުގަނޑުމެންގެ ކާބަފައިންތިބީ ހަދާނެގޮތް ހުސްވެފައެއްނޫނެވެ. މާލޭގެ އަތިރިމަތީގެ ވިނަތަކުގެތެރޭގައި ތިބެ ގަލާއި ލޮންސިއުކައި، ކުރެދިބުރިއާއި އަލިފާން ބޯޅަ އުކައި ހަމަބަލިކޮށް ފައްސައިލައެވެ. އަލިރަސްގެފާނުގެ ޖިހާދުގެ މަތިން ހަދާންނުވޭތޯވެ.
މިޒަމާނުގެ މިއޮތް ގްލޯބަލައިޒް ދުނިޔޭގައި އދގެ ނިޒާމުގެތެރޭގައި ގައުމުތައްވަނިކޮށް، ކުޑަޔަކަސް ބޮޑަކަސް، އދގައި ހިމެނޭ ގައުމުތަކުގެ މިނިވަންކަމަށް އިހްތިރާމްކުރަން އެންމެން އެއްބަސްކިޔައި މުއާހަދާކޮށްހަދައިގެންތިބެ، ބޮޑުމަސް ކުޑަމަސް ކާލާ އުސޫލު ނުވަތަ ޖަންގަލީގެ އުސޫލު ނުހިންގޭނެކަން ކްލެސިކަލް ރިއަލިޒަމް ނޭގުނަސް މިއޮތް ސާބިތުވަނީ ނޫންތޯއެވެ.
އިރާގަކަށްވެސް ކުވޭތުގައި ނޯވެވުނުނޫންތޯއެވެ. ރާއްޖެއަށް އެރި ތަމަޅަ ބާޣީންނަށްވެސް ނުވިނޫންތޯއެވެ. އިންޑިޔާ ނެތްނަމަ އދގެ ތެރެއިން ދިވެހި ރާއްޖެ ސަލާމަތްކުރަން ކިތަންމެކިތަންމެ ގައުމެއް ތައްޔާރަށް އޮތެވެ. އިންޑިޔާއިން ތެޅިގަތީމާ އެމީހުންނަށް ދޫކޮށްލައިގެން ތިބީއެވެ.
އެޒަމާނަކަށް ފެތޭވަރުގެ ބަތަލެއް މިފަސްގަނޑުގައި އަބަދުވެސް އުފެދެއެވެ. ތަމަޅަ ބާޣީންގެ ކުރިމައްޗަށް ނުކުމެވަޑައިގަތީ ޝަހީދު ހުސައިން އާދަމެވެ. ދިވެހިން ކޮންމެހެން ތަމަޅަ ބާޣީންނާ ހަގުރާމަކުރާކަށް ނޫޅެއެވެ. އިންޑިޔާސިފައިންނާ ހަގުރާމަކުރާކަށް ނޫޅެއެވެ. އެކަމަކު ދިވެހި ފަސްގަނޑުގައި ގައުމާ ދީނަށްޓަކައި ފުރާނަ ދޫކޮށްލާނެ ކިތަންމެ ކިތަންމެ ބަތަލުންނެއް ޑިފެންސް މިނިސްޓަރ މާރިޔާގެ ކޮމާންޑްގެ ދަށުގައިވާ ފައުޖުތަކުގައިވެސް ތިބޭނެއެވެ.
އެހެންވީމާ އިންޑިޔާމިނިވަންކަމަށް ހަގުރާމަކުރި މީހެއްގެ މަހާނަމަތީގައި މާބޮޑިއެއްބާއްވަވާފައި އޭނާކުރި ޚިދުމަތްތަކުގެ އަގުވަޒަންކުރައްވައި ޓްވީޓްކުރެއްވުމަށްފަހު އަޅުގަނޑުމެންގެ ގައުމު ކުޑަވެގެން އިންޑިޔާގެ ފައިބުޑުގައި ދޫލަންޖެހޭ ދަރަޖައަށް ނިކަމެތި ބަސްތައް ރައްދުކުރުމަކީ ދެރަކަމެކެވެ. އަމިއްލަ ގައުމާއި އަމިއްލަ ސިފައިންނަށް ނިސްބަތްކުރަންޖެހޭނީ ހިއްވަރުގަދަ ބަސްތަކެވެ. އިހަށްދުވަހު މީޑިއާގައި އާމީޗީފް ޖެނެރަލް ޝަމާލް އެވިދާޅުވީނޫންތޯއެވެ. ސިފައިންތިބޭނީ ވަތަނަށްޓަކައި ގުރުބާންވާން ތައްޔާރަށެވެ.

ފައިބެ އަހަރުގައި އިންޑިޔާގެ މައިޓީ އެއަރފޯސް ދިވެހި ރާއްޖެ އަރަން ސަފުތައް ރުކުރުވިކަމަށް އެގައުމުން ހާމަކޮށްފައިވެއެވެ. އެކަމަކު އދގެ ސަލާމަތީ މަޖިލީހުގެ ދާއިމީ މެމްބަރަކު ހުއްޓާލަންބުނީމާ ނުކެރުނެވެ.
މިހާރު ގައުމުތައްހިފަނީ ކަނޑިއާއި ބަޑިޔާއި ބޮންއަޅާ ބޯޓްތަކުންނެއް ނޫނެވެ. އެހެންގައުމުތަކުގެ ތައްޕާހަށް ހުށަހެޅިގަތީމާ ލިބޭ ދެރަ ނަތީޖާ ޖަޕާނާއި ދެކުނުކޮރެޔާއިން އެފެންނަނީ ރިވެތި ކޮށެވެ. އެއޮތް ޒަމާނީ ޓެކްނޮލޮޖީއާއި މުއްސަނދި ދެގައުމު ހިމާޔަތްކުރުމުގެ ޒިންމާ އެމެރިކާއާއި ހަވާލުކުރީމާ، ބަލަބަލައި ތިއްބާ ތެދުވެ އެއޮތް ހިންދެމިލާ އަލިފާން އަރުވާ ޑްރެގަން ޗައިނާއާ ކުރިމަތިލެވޭނެ ގޮތެއް މިއަދަކު ނެތެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް