ނިޝާން އިއްޒުއްދީންގެ ޝަރަފު ސޯދުބެއާއި ހިކަރީ އަހުމަދު އާދަމަށް!
ދިވެހި ދައުލަތުން ފޯރުކޮށްދޭ އެންމެ މަތީ ޝަރަފުކަމުގައިވާ ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ޝަރަފު ހ.އާމުލީގޭ އަބްދުﷲ ޞާދިގު (ސޯދުބެ) އަދި މަޝްހޫރު އިންޖީނިއަރު ހ.ހިކަރީ އަހުމަދު އާދަމަށް އަރުވައިފިއެވެ.
މި ދެބޭފުޅުންނަށް މި ޝަރަފު އެރުވުން އޮތީ މިރޭ ކުރިއަށްދިޔަ ގައުމީ ދުވަހުގެ ރަސްމީ އިހްތިފާލުގައެވެ. މިދެބޭފުޅުންނަށް މި ޝަަރަފު އެރުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ އަތްޕުޅުންނެވެ.
އަބްދުﷲ ޞާދިގު، ހ.އާމުލީގެ:
އަބްދުﷲ ޞާދިގު ނުވަތަ ގިނަބަޔަކު މުޚާތަބުކުރާނަމުންނަމަ ސޯދުބެއަކީ ދިވެހި ސަރުކާރަށް 55 އަހަރަށް ވުރެ ދިގު މުއްދަތަކަށް ހިދުމަތްކުރެއްވި ބޭފުޅެކެވެ. ސޯދުބޭގެ ޚިދުމަތްތައް އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ އަދަބިއްޔާތުގެ ފަންނުންނެވެ. ބަހުގެ އަދީބެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ސޯދުބެ ވަނީ އަދަބީ ގިނަ މަސައްކަތްތަކެއް ކުރައްވައިފައެވެ. އެގޮތުން ޞޯދުބެ ވަނީ ފާހަގަކޮށްލެވޭ ޅެންތަކަކާއި ލަވަތަކަކާއި ރައިވަރު އަދި ބަނދިތަކެއް ވެސް ހައްދަވައިފައެވެ. ޅެންވެރިކަމަށް ސޯދުބެ ނުކުމެވަޑައިގެންނެވީ އުމުރުން އެންމެ 8 އަހަރުގައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ސޯދުބެއަށް 1980 އަދި 1983 ގައި އާންމު ހިދުމަތުގެ ހިތްވަރުދިނުމުގެ އިނާމު ލިބިވަޑައިގެންފައެވެ. އަދި 1992 ގައި ޅެންވެރިކަމުގެ ރޮނގުން ހިތްވަރުދިނުމުގެ އިނާމާއި، 1998 ގައި ދިވެހި ބަހަށް ހިދުމަތްކުރުމުގެ ރޮނގުން ޝަރަފުވެރިކަމުގެ އިނާމާއި މިނިވަން 25 ގެ އާންމު ހިދުމަތުގެ އިނާމުވެސް ވަނީ ލިބިވަޑައިގެންފައެވެ.
އަހުމަދު އާދަމް، ހ.ހިކަރީ:
އަހްމަދު އާދަމަކީ އިންޖިނިއަރިންގެ ދާއިރާގައި ފާހަގަކޮށްލެވޭފަދަ ބޭފުޅެކެވެ. އިންޖީނިއަރިންްގެ ދާއިރާއިން ސްރީލަންކާއިންނާއި އިނގިރޭސިވިލާތުން އެބޭފުޅާ ތައުލީމް ހާސިލްކުރައްވާފައިވާއިރު، އަހުމަދު އާދަމަކީ ދިވެހިރާާއްޖޭގެ ފުރަތަމަ ސެޓިފައިޑް އިންޖީނިއަރެވެ. އިނގިރޭސިވިލާތުން ކިޔަވައިވިދާޅުވުމަށްފަހު ސަރުކާރުގެ އިންޖިނިއަރިން ޑިޕާޓްމަންޓްގައި އެބޭފުޅާ ވަނީ މުހިންމު މަސައްކަތްތަކެއް ކުރައްވާފައެެވެ.
އަހްމަދު އާދަމް ވަނީ މޯލްޑިވްސް ޝިޕިންގް ލިމިޓެޑުގެ ޑިރެކްޓަރުކަމާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިންޖިނިއަރިން ކޮންސަލްޓަންޓުކަމާއި، އެމްޓީސީސީގެ މެނޭޖިންގް ޑިރެކްޓަރުކަން ކުރައްވާފައެވެ.
މީގެ އިތުރުން އޭނާ ވަނީ ރާއްޖޭގައި ޓެލެވިޜަންގެ ހިދުމަތް ފެށުމަށް ކުރި މަސައްކަތުގައި ވަރަށް ބޮޑު ދައުރެއް އަދާކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް