އެމްއެމްޕީއާރްސީގެ މައްސަލައިގައި ހިމެނޭ އެންމެން ހާމަކުރުމަށް ގޮވާލައިފި
އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތުގެ މައްސަލައިގައި ހިމެނޭ ހުރިހާ ފަރާތްތަކުގެ ނަން ހާމަކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ވައްދައިފިއެވެ.
މި މައްސަލަ ހުށައަޅުއްވާފައިވަނީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފެވެ. މި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ބަަލައިގެންފައިވަނީ 42 މެންބަރުންގެ ވޯޓުންނެވެ.
މެންބަރު ހަސަން ލަތީފް ހުށައެޅުއްވި ކުއްލި މައްސަލައިގައި ބުނެފައިވަނީ މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބުގަޔާއި 2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ދިވެހި ރައްޔިތުން އެމްޑީޕީއަށް އަހުލަބިއްޔަތު ދީ ތާއީދު ކުރި އެންމު މުހިންމު ސަބަބަކީ ދައުލަތުގެ ހަޒާނާއިން ވައްކަން ކުރި މީހުންނާއި ގޮތް ނޭނގޭ ގޮތަށް މަރާލާ އަދި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތަކުގައި ޝާމިލްވާ މީހުން ދެނެގަނެ އެމީހުންނާ ދޭތެރޭ ފިޔަވަޅު އެޅުން ކަމަށެވެ.
އަދި އެމްއެމްޕީއާރްސީގެ ޚިޔާނާތުގައި ގިނަ ފަރާތްތަކެއް ބައިވެެރިވާކަން ޕީީޖީ ބިޝާމް ދާާދިފަހުން ހާމަކުރައްވާފައިވާ ކަމަށް ހަސަން ލަތީފް ވަނީ ފާހަގަކުރައްވާފައެވެ.
އެމްއެމްޕީއާރުސީގެ މައްސަލައިގައި ހިމެނޭ އެންމެހާ ފަރާތްތަކުގެ ނަންތަކާއި ގޮތް ނޭނގޭ ގޮތަށް މަރާލާ އަދި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތަކުގައި އެކި ގޮތްގޮތުން ޝާމިލުވާ ފަރާތްތަކުގެ ނަންތައް ހާމަކޮށް، އެފަރާތްތަކުގެ މައްޗަށް ވަގުތުން ފިޔަވަޅު އެޅުމަށް ސަރުކާރަށް ވަނީ ގޮވާލާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް