ފިޓްނަސް ސެންޓަރތަކާއި އިންސްޓްރަކްޓަރުން ރަޖިސްޓަރކުރަނީ
ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ ފިޓްނަސް އިންސްޓްރަކްޓަރުންނާއި ހިންގަމުންދާ ފިޓްނަސް ސެންޓަރތައް ޔޫތު މިނިސްޓްރީގައި ރަޖިސްޓަރކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ޔޫތު މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވަނީ ރާއްޖޭގައި މަރުވާ މީހުންގެ %84 އަކީ ގައިންގަޔަށް ނާރާ ބަލިތަކުގެ ސަބަބުން މަރުވާ މީހުންކަމަށެވެ. މީގެ އިތުރުން ރާއްޖޭގެ އާބާދީގެ 49 އިންސައްތަ އަންހެނުން އަދި 35 އިންސައްތަ ފިރިހެނުންނަކީ އޯވަރވެއިޓް ނުވަތަ އޮބީސް ކަމަށް ޑަބްލިއު،އެޗް،އޯ ގެ ތަފާސް ހިސާބުން ދައްކާ ކަމަށް ވަނީ ބުނެފައެވެ.
އެ މިނިސްޓްރީން ބުނީ ފިޓްނަސް ސެންޓަރތަކާއި މިދާއިރާގެ މަސައްކަތް ކުރައްވާ އިންސްޓްރަކްޓަރުންނަކީ ދުޅަހެޔޮ ހަށިހެޔޮ މުޖުތަމަޢުއެއް ބިނާކުރުމުގައި މުހިއްމު ދައުރެއް އަދާ ކުރާފަރާތްތަކެއް ކަމުން، މިދާއިރާގައި މަސައްކަތްކުރައްވާ ފަރާތްތަކާއި މިމިނިސްޓްރީ އާއި ގުޅިގެން މިކަމަށް ހައްލެއް ހޯދުމަށް މަސައްކަތްކުރުމަށް ބޭނުންވާ ކަމަށެވެ.
އެހެންކަމުން ޔޫތު މިނިސްޓްރީން ވަނީ ފިޓްނަސް ސެންޓަރ ތަކާއި އަދި އިންސްޓްރަކްޓަރުން 16 ޖަނަވަރީ 2020ވާ ބުރާސްފަތި ދުވަހުގެ ކުރިން އެ މިނިސްޓްރީގައި ރަޖިސްޓަރވުމަށް އެދިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް