މިދިވެހި ބިމުގައި ސަލަފިސްޓް އިސްލާމުންނާ ލާދީނީ އިސްލާމުންގެ މެދުގައި ހިގަމުންދާ ކްލޭޝް: ނުރައްކަލުގެ ސިގްނަލެއް
މިއާޓިކަލް ފެށުމުގެ ކުރިން، ސަލަފިސްޓް އިސްލާމުންނާއި ލާދީނީ އިސްލާމުން ނިސްބަތްކުރެވެނީ ކޮންބަޔަކަށްކަން ބަލާލާނަމެވެ. ސަލަފިސްޓުންނަކީ އިސްލާމުންނާމެދު ވަކި ތަސައްވުރެއް ޚާއްސަކޮށް ހައްދުފަހަނައަޅާފައިވާ ހަރުކަށި ވިސްނުމުގެ ބައެއްކަން ދެއްކުމަށްޓަކައި އިސްލާމުން ނޫން ޚާއްސަކޮށް ހުޅަނގުގެ އަހުލުވެރިން ބޭނުންކުރާ އިބާރާތެކެވެ. ސަލަފުންކަމަށް މުސްލިމުން ނިސްބަތްކުރަނީ ރަސޫލު ސައްލަﷲ އަލައިހި ވަސައްލަމްގެ ލޮބެތި ސަހާބީންނާއި ތާބިއީންނާއި އެޔާއިޖެހިގެން ދެގަރުނާއިހަމައަށްއުޅުނު މުސްލިމުންނަށެވެ. ސަލަފުއްސާލިހުން ނިސްބަތްކުރެވެނީ އެބޭކަލުންނަށެވެ. އެއީ އުއްމަތުގެ އެންމެ ސާފު ސީދާގޮތުގައި ތިއްބެވި ބޭލަކުންކަމާމެދު އުއްމަތުގެ އަހުލުވެރިންގެތެރޭގައި ދެބަސްވުމެއްނެތެވެ. އެއަށްފަހު އިސްލާމީ އުއްމަތުގެ އަހުލުވެރިންނަށް މުސްލިމުންނަށް ވިޔަސް އަދި ކިތަންމެ ތަގްވާވެރި ހެޔޮލަފާ މުސްލިމަކަށްވިޔަސް އަދި ސަހާބީން އުޅުނުގޮތަށް އުޅެވޭތޯބަލާމީހަކުކަމުގައިވިޔަސް ސަލަފުއްސާލިހުންނެކޭ ނުވަތަ ސަލަފުންނެކޭ ނިސްބަތެއް ނުކުރެވެއެވެ.
ލާދީނީ މީހުންނަކީ ޝަހާދަތްކިޔައި ނަމާދުކޮށް ރޯދަ ހިފައި އުޅުނުނަމަވެސް އިސްލާމްދީނުގެ ޝަރީއަތާމެދު އަހައްމިޔަތުކަމެއް ނުދީ ހުކުމްތަކަށް ބޭއިހްތިރާމް އަދާކޮށްއުޅޭ މީހުންނަށް ނިސްބަތްކުރެވޭ ނަމެކެވެ. ލާދީނިއްޔަތުގެ ނަން އެންމެ ބޮޑަށް އެޅުވޭ އެއްފަރާތަކީ ދެވަނަ ބޮޑު ހަގުރާމައިގައި އޮޓަމަން އެމްޕަޔަރ ބަލިވެ ޔޫރަޕްގެ ލަޝްކަރުތަކުގެ ބާރުގެދަށަށް ތުރުކީ ދިޔުން ސަލާމަތްކޮށްދިން ޖެނެރަލް އަދި މޮޑަން ތުރުކީގެ ރައީސް އަތާތުރުކު އެވެ. އޭނާވަނީ ތުރުކީއަކީ ހުޅަނގުގެ ވެލިޔުސްތައްގަބޫލުކުރާ ހުޅަނގުގެ އިސްލާމީ ގައުމަކަށްވޭތޯ ތުރުކީގައި ބަނގުރާ ހުއްދަކޮށް މިސްކިތްތަކުގެ ތާޅަފިލިތައް ނަގައި ދީނީ ތައުލީމް އުގަންނައިދިނުން ހުއްޓުވައި ޖުވާކުޅޭ ތަންތަން އުފައްދައި ތުރުކީގެ އަންހެނުން ޔޫރަޕްގެ އަންހެނުންފަދައިން ބަރަހަނާކޮށް އުޅުމަށް ހިއްވަރުދޭ ވަރުގަދަ އުސޫލުތަކެއް ހިންގާފައެވެ. އެހެންކަމުން ތުރުކީގެ ޖެހިގެން އައިޖީލުތަކުގެ ގިނަމީހުން ލާދީނީ މީހުންނަށްވިއެވެ. ބަނގުރާ ހުއްދަކުރިކުރީނުން ރާބުއިމާއި ޒިނޭކުރުމަކީ ތުރުކީގެ މިލާދީނިއްޔަތުގެ އަހުލުވެރިންގެ ލައިފްސްޓައިލާ މިއަދު ގުޅިފައިވާ ކަމެކެވެ.
ދިވެހި ރާއްޖޭގައި އަޅުގަނޑުމެންގެތެރޭގައި މިއަދު މިވަނީ ލާދީނީ އިސްލާމުންނާއި ސަލަފިސްޓް އިސްލާމުންގެތެރޭގައި އަޅުގަނޑުމެންގެ ދިވެހި މުޖްތަމައު ދެބައިވެފައެވެ. އެކަމަކު މިދެބައިމީހުންގެތެރެއަށްވެސް ނުވަންނަ ޚަވާރިޖުންފަދަ ހަރުކަށި ހައްދުފަހަނައަޅާފައިވާ މަދުބަޔަކު އުފެދި އިތުރުވަމުންދެއެވެ.
އަޅުގަނޑުމެންގެތެރޭގައި ލާދީނީ އިސްލާމުންގެ ދަންމަރު އުފުލައިދެނީ ހަޔާތުގެ ވަރަށް ގިނަ ދުވަސްތައް ޔޫރަޕްގައި ޚާއްސަކޮށް އިގިރޭސިވިލާތުގައި ހޭދަކުރެއްވި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. ސަބަބަކީ އިސްލާމީ ޝަރީއާގައި ކަނޑައެޅިފައިވާ ވަރަށް ގިނަ ހުކުމްތަކާމެދު ފާޅުގައި އިލްމުވެރިންނާ ޖަދަލުކޮށް މުސްލިމް ވެލިޔުސްތަކަށް ބޭއިހްތިރާމްކޮށް އިލްމުވެރިންނަށް ބަދުބަސް ރައްދުކޮށް އެމީހުންގެ އަގުވަށްޓާލުމަށް ހުއްޓުމެއްނެތި ވާހާކަދައްކާ ފަރާތަކަށް ވުމުގެ އިތުރަށް ދިވެހިންގެ ވަރަށް ގިނަބަޔަކު އޭނާގެ ލާދިނިއްޔަތުގެ ފިކުރަށް ތަބާވާތީއެވެ. އިލްމީ ބަހުސެއްކުރެވޭއިރު މުހައްމަދު ނަޝީދުއަށް ތާއީދުކުރަނީ ލާދީނީ އިސްލާމުންކަމަށް ބުނެގެން ރުޅިއައުމުގެ ޖާގައެއްނެތެވެ. އެހެނީ އޭނާއަށްތާއީދުކުރަނީ އޭނާއަކީ ރާއްޖޭގެ ވެރިކަމުގެ ބާރުގަދަ އާއިލާއަކަށް ނިސްބަތްވާ މީހަކަށް ވެގެންނެއްނޫނެވެ. އެކަމަކު އޭނާ ގެނެސްގެންފައިވާ ދީނުގެ އަސްލުތަކާދުރު ފިކުރަކަށް ތާއީދުކުރެވޭތީއެވެ. އިންތިޚާބުގައި އޭނާއަށް ވޯޓްދެނީ އޭނާގެ ލާދީނިއްޔަތުގެ ފިކުރަށް ތާއީދުކުރާތީނޫންކަމަށްބުންޏަސް ދިވެހި ގައުމުގެ ފަސްގަނޑުގައި އޭނާ ލައްވައި އާލާކޮށް ދިރުވަނީ ލާދީނިއްޔަތުގެ މަންހަޖެވެ. ޑިމޮކްރަސީގެ ނަން ދުލުކުރިން ކިޔަސް އޭގެތެރެއިން ޕްރޮމޯޓް ކުރަނީ ލާދީނީ ފިކުރެވެ. ދީނީއަޅުކަންތައް އަދާކުރުމަކީ ލާދީނިއްޔަތުން ބަރީއަވެވޭކަމަކަށް ނުވެއެވެ. ހަމައެހެން ދީނީކަންތައްތައް ކޮށްއުޅުމަކީ މީހާ ޚަވާރިޖްކަމުން މިންޖުކޮށްދޭ ކަމަކަށްވެސް ނުވެއެވެ. ޝަހާދަތުގެ ދެކަލިމަ ކިޔައިގެން ހުރުމާއެކުވެސް ޚަވާރިޖަކަށްވެ އޭނާގެ އީމާންކަން ﷲ ތައާލާގެ ހަޟުރަތުގައި ގަބޫލު ނުކުރެއްވެވޭ ދަރަޖައަކަށް ދެއެވެ. އެކަމަކު ނަމާދުކޮށް ރޯދަހިފައި ހުރިހައި އަޅުކަމެއްގައި ޚަވާރިޖް އުޅެއެވެ.
ދިވެހިންގެތެރެއިން ސަލަފިސްޓް އަދި ވައްހާބީންކަމަށް ބޭރުގެ ލިޔުންތެރިންނާ އަދި ރައީސް މުހައްމަދު ނަޝީދު ނިސްބަތްކުރަނީ މަދީނާ ޔުނިވަރސިޓީން ކިޔަވައިގެންތިބި ދީނީ އިލްމުވެރިންނާ ޕާކިސްތާނުގެ ޖާމިއްޔާ ސަލަފިއްޔާއިން ކިޔެވި އިލްމުވެރިންނަށެވެ. މިމީހުން ފޮލޯކުރާ މީހުންނަކީވެސް ސަލަފިސްޓުންނެވެ. ވެސްޓަން މީޑިއާގައި މުހައްމަދު ނަޝީދު ސިފަކުރަނީ ލިބަރަލިސްޓެއްގެ ގޮތުގައެވެ. ސަލަފިސްޓުން އޭނާދެކެ ރުޅި އަންނަނީ އޭނާ މާބޮޑަށް ލިބަރަލްވެގެންކަމަށް ޗެނަލްނިއުސްއޭޝިޔާއަށް ޑޮކިއުމަންޓްރީ ހަދައިދިން ނޫސްވެރިން ބުނެއެވެ
އަޅުގަނޑުމެންގެ އަމިއްލަ އަތުން ކޮންނަމުންދާ އަނދަވަޅެއް
ރާއްޖޭގައި އާއްމު އިންތިޚާބުގެ ކެމްޕެއިން ފޯރިގަދަވެ އެއްބަޔަކު އަނެއްބަޔަކާ ދެކޮޅަށް ހިންގާ ހަރަކާތްތަކަށްބަލާއިރު އެންމެ އަޅައިގަންނަކަމަކީ ސަލަފިސްޓް އިސްލާމުންނާއި ލާދީނިއްޔަތަށް ތާއީދުކުރާ މީހުންނާދެމެދު ހިގަމުންދާ ކޯޅުމެވެ. މިކޯޅުން ވަރަށް ބޮޑަށް ޒާތީވެ މިއީ އަންނަން އޮތް ކައިރި މުސްތަގްބަލެއްގައި ވަރުގަދަ ކްލޭޝެއް ހިގާފާނެ ކަމަކަށްބަދަލުވެދާނެފަދަ ކަންކަން ދަނީ ތިލަވަމުންނެވެ. އޭގެ އެންމެ ވަރުގަދަ ސިގްނަލަކީ ބޭރުބަޔަކު ދިވެހި ރާއްޖެއަކީ ދީނީގޮތުން ހައްދުފަހަނައަޅާފައިވާ ބިރުވެރި ތަނެއްގެގޮތުގައި ސިފަކޮށް ޗެނަލްނިއުސްއޭޝިޔާއަށް ހަދައިދިން ޑޮކިއުމަންޓްރީގައި މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅެވެ. އެމްޑީޕީގެ ފުރިހަމަ ކޮންޓްރޯލްހިގާ ސަރުކާރެއް އައުމަށްފަހު ދީނީ އިލްމުވެރިންނަށް ދޭ މެސެޖެއްގެގޮތުން އޭނާ ވިދާޅުވެފައިވަނީ " އަޅުގަނޑުބުނަންއޮތީ އޯކޭއޭ ކަލޭމެންބުނާއެއްޗެއް ކަލޭމެންބުނާށޭ. އަހަރެމެންބުނާއެއްޗެއް އަހަރެމެންބުނާނަމޭ"
ދީނީ ޝިއާރުތަކާމެދު ނަޝީދު ދައްކާ ވާހަކަތަކަށް ދީނީ އިލްމުވެރިން ވަރަށް ބޮޑަށް ފާޑުކިޔައިހަދައެވެ. ކެމްޕެއިންތެރޭގައި ނ ކުޑަފަރީގައި ނަޝީދު އެންމެފަހުން ދެއްކެވިކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ވާހަކައަކީ ޒާތީ ވުމުގައި ހައްދުފަހަނައަޅައިދިއުމެވެ. އޭނާ ވިދާޅުވެފައިވާކަމަށް ނޫހުގައި ލިޔެފައިވެއެވެ. "މާލޭ ތެރޭގައި އުޅެއުޅެފައި ސަލަފިއްޔާއަށް ގޮސްފައި، އެތަނުގައި އެއްޖިންސުން ގުޅުން އުފައްދަން އުޅެއުޅެފައި ދެން ތިމަންނާމީ އެވެނިއެއްޗެކޭ މިވެނި އެއްޗެކޭ ކިޔާފައި އަންނަ ގޮތަށް ރާއްޖެ އައިސް މާ ދީނީ ބޭފުޅެކޭ ކިޔައިގެން ރާއްޖޭގެ ރައްޔިތުންގެ ހިތްތަކުގައި ނަފްރަތު އުފެއްދުން ނޫންކަމެއް މިއަދު ނުކުރޭ" އޭނާގެ މިތުހުމަތުތަކަށް އޭނާއަށް ތާއީދުކުރާ މީހުންގެތެރެއިން އެއްބަޔަކު ފަރުވާލެއް ބަހައްޓަންބޭނުންނުވާއިރު އަނެއްބަޔަކު ފާޅުގައި ތާއީދުކުރެތެވެ. އޭނާގެ މިބޮޑު ތުހުމަތު ދީނީ އިލްމުވެރިން ވަރަށް ބޮޑަށް ކުށްވެރިކޮށް އެބަހަދައެވެ. މިވާހަކަޔަށްބަލާއިރު މިއީ ތަސައްރަފް ފުދިފައިވާ ސިޔާސީ މީހަކު ރައްޔިތުންގެ ކުރިމަތީގައި ހުރެގެން ދައްކާވަރަށްވުރެ ދަށު ދަރަޖައިގެ ވާހަކައެކެވެ. ހަގީގަތުގައި އެއްޖިންސުން ގުޅުންހިންގުމުގެ މިނިވަންކަމަށް ވާހަކަދައްކައިހަދަނީ ލާދީނިއްޔަތުގެ އަހުލުވެރިންގެތެރެއިން އުފެދިގެން އުޅޭ ބައެކެވެ. މިއީ ސަލަފިސްޓުންނާ ދުރު އަމަލެކެވެ.
ކޮންމެއަކަސް އަޅުގަނޑުމެންގެ ދިވެހި ރާއްޖޭގައި ކޮންމެވެސް ބަޔަކު ކޮންމެވެސް ތަދުބީރެއް ކުރަން ޖެހިއްޖެއެވެ. ލާދީނިއްޔަތަށް ތާއީދުކުރާ ދިވެހިންނާއި ސަލަފިސްޓުންނާ ދެމެދު ސީރިއަސް ކްލޭޝްއެއް ހިގުމުގެ ކުރިން ކޮންމެވެސް ހައްލެއް ހޯދަން ޖެހިއްޖެ ނޫންތޯއެވެ. މިއީ އޅުގަނޑުމެންގެތެރޭގައި އެއްބަޔަކު އަނެއްބަޔަކަށް ލޭއޮހޮރުވުން ހިންގައިފާނެފަދަ ސީރިއަސް މައްސަލައަކަށް މިދަނީ ވަމުންނެވެ. ކަންކަން ގޯހުން ގޯހަށް ވެ ހުޅުރޯވަމުންދާއިރު ވަރަށް ގިނަ މީހުންތިބީ އަޅާލަން ބޭނުންނުވެފައެވެ. ކޮންމެވެސް ލައްގަޑެއް ތިމާމެންގެ މޫނުމަތީގައި ޖެހިދާނެތީ ވާކަންބޮޑުވުމަކާހެދިއެވެ. ހިތާމަހުއްޓެވެ. އިސްލާމްދީންމަތީގައި ސާބިތުވެ 700 އަހަރުވަންދެން ބޭރުގެ އެއްވެސް ބާރަކަށް ގުޑުވާނުލެވިފައި ތިބި ދިވެހިންނަށް މިއަދު ވެފައިމިވަނީ ކީއްހެއްޔެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް