މާލޭގެ ގިނަ ފިހާރަތަކުން ހެލްމެޓް ހުސްވެއްޖެ
ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅާފައިވާ ގަވާއިދަށް ފެތޭ ހެލްމެޓް މާލޭގެ ގިނަ ފިހާރަތަކުން ހުސްވެއްޖެއެވެ.
މިރޭ ބާރައިން ފެށިގެން ހެލްމެޓް އަޅަން ސަރުކާރުން މަޖުބޫރު ކުރުމާއި ގުޅިގެން ހެލްމެޓް ގަތުމަށް އެންމެން މަސައްކަތް ކުރަމުން އަންނަ އިރު މާލޭގެ ގިނަ ފިހާރަތަކުނ ހެލްމެޓް ވަނީ ހުސްވެފައެވެ.
ހުސްވެފައިވަނީ ޓްރާންޕޯޓް މިނިސްޓްރީން ކަނޑައަޅާފައިވާ ގަވާއިދަށް ފެތޭ ހެލްމެޓް ތަކެކެވެ. އެގޮތުން ޓްރާންސްޕޭރެންޓްކޮށް މޫނު ފެންނަން ހުންނަ ހެލްމެޓް ގިނަ ފިހާރަތަކުން ހުސްވެފައިވާކަމަށް އެ ފިހާރަތަކުގައި މަސައްކަތް ކުރާ ފަރާތްތަކުން ބުނެފައިވެއެވެ.
އެގޮތުން ވިޔަފާރިވެރިން ބުނެފައިވަނީ އިއްޔެއާއި މިއަދު ގިނަ އަދަދެއްގެ މީހުން ހެލްމެޓް ގަނެފައިވާކަމަށާއި، އަދި ގިނަ ބަޔަކު ހެލްމެޓް ގަންނަން ފިހާރައަށް އަންނަމުން ދާ ކަމަށް ވެސް އެމީހުން ބުނެފައިވެއެވެ. ނަމަވެސް ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅާފައިވާ ގަވާއިދަށް ފެތޭ ހެލްމެޓްތައް ހުސްވެފައިވާކަމަށް ފިހާރަތަކުގައި މަސައްކަރް ކުރާ ފަރާތްތަކުން ބުނެފައިވެއެވެ.
ހެލްމެޓްގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ، ސައިކަލް ދުއްވާއިރު އެކަމަށް ހާއްސަ ހެލްމެޓަކަށްވެފައި ބޮލަށް ހެޔޮވަރު ވާން ޖެހޭނެ ކަމަށާއި ހެލްމެޓްގައި ދަތްދޮޅި ދަށުގައި ހަރުކުރެވޭ ގޮތަށް ކަމަރެއް އިންނަން ޖެހޭނެ ކަމަށެވެ. އަދި ދަތްދޮޅި ދަށަށް އިންނަ ކަމަރަކީ އެކަތި ގަނޑަކަށް ހުންނަ ކަމަރަކަށްވުމާއި ހެލްމެޓާއި އޭގައި ބޭނުންކޮށްފައިވާ ކަމަރުގައި އެއްވެސް ތޫނު އެއްޗެއް ނުވަތަ ތޫނު ތަނެއް ނުވަތަ ޖޮއިންޓެއް ހަރުކޮށްފައި ހުރެގެން ނުވާނެ ކަމަށެވެ.

ޓިންޓެޑް މެޓީރިއަލް ނުވަތަ ކުލަ މެޓީރިއަލް ބޭނުންކޮށްފައިނުވާ ހެލްމެޓަކަށް ނުވުމާއި ހެލްމެޓުގައި ހަރުކޮށްފައި ހުންނަ ސްކުރީނަކީ މޫނުފެންނަ މެޓީރިއަލަކުން ހަދާފައި ހުންނަ ސްކްރީނަކަށް ވާންޖެހޭނެ ކަމަށެވެ. އަދި ހެލްމެޓްގެ ކުލައަކީ ލޮލަށް އުނދަގޫނުވާ ކުލައަކަށްވުމާއި ކާކުކަން ނޭންގޭ ގޮތަށް މޫނުގެ އެއްބައި ފޮރުވައި މީހުންނަށް އޮޅޭ ގޮތަށް ހެލްމެޓް ނޭޅުމަށްވެސް ޝަރުތުތަކުގައި ހިމެނެ އެވެ.
މިރެއިން ފެށިގެން ހެލްމެޓް އެޅުމަށް މަޖުބޫރު ކުރި ނަމަވެސް ހެލްމެޓް ނާޅާ ބުރިޖާއި ހައިވޭއިން ދަތުރުކުރާ މީހުންނާއި މެދު ޖޫރިމަނާ ކުރަން ފަށާނީ އެޕްރީލް މަހުން ފެށިގެންނެވެ.
ޖޫރިމަނާ ނުކުރިނަމަވެސް، ގަވައިދަށް ނުފެތޭ ހެލްމެޓް އަޅައިގެން ބްރިޖަށް އަރާ މީހުންގެ ނަން ނޯޓް ކުރުން ފަދަ ކަންކަން ފުލުހުން ކުރާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް