ކޯހެއް ހަދާލައިގެން ހިލޭ ހެލްމެޓް ލިބޭނެ: ނަހުލާ
އެކްސިޑެންޓްތައް ކުޑަކުރުމުގެ މަގްސަދުގައި ސަރުކާރުން ދޭ ހެލްމެޓްތައް ދޫކުރާނީ ކުރު ކޯހެއް ފުރިހަމަކުރުމުންކަމަށް ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.
ނަހުލާ ވިދާޅުވީ ހެލްމެޓް ދޫކުރާނީ މި ކޯސް ފުރިހަމަ ކުރާ ފަރާތްތަކަށްކަމަށާއި މިއީ 3 – 4 ގަޑިއިރުގެ ކޯހެއްކަމަށެވެ. އަދި މި ކޯހުގައި ބައިވެރިވެވޭނީ އެކަމަށް އެދި ނަންނޯޓު ކުރާ ފަރާތްތަކަށްކަމަށްވެސް މިނިސްޓަރ ނަހުލާ ފާހަގަކުރެއްވިއެވެ.
މި ކޯހުގެ ޒަރިއްޔާއިން އެކްސިޑެންޓްތައް މަދުކުރުމަށް ބާރުއަޅައި އަދި އެފަދަ ހާދިސާއެއް ހިނގައިފި ނަމަ، އަމަލުކުރާނެ ގޮތް ދަސްކޮށްދެވޭނެއެވެ.
މިނިސްޓަރު ވިދާޅުވީ 5000 ހެލްމެޓްގެ ތެރެއިން މިހާތަނަށް ލިބިފައިވަނީ 3500 ހެލްމެޓްކަމަށެވެ. ޔުނިސެފްގެ އެހީތެރިކަމާއެކު ލިބުނު މި ހެލްމެޓްތައް ފިޔަވައި ބާކީ 1500 ހެލްމެޓް ހޯދުމަށް ބިޑަށް ހުޅުވާލެވިފައިވާ ކަމަށާއި، ވަރަށް އަވަހަށް އެ ހެލްމެޓްތައް ވެސް ލިބިގެންދާނެ ކަމަށް އެކަމަނާ ވިދާޅުވިއެވެ.
ސަރުކާރުން ވަނީ އަންނަ މާޗް މަހުގެ 10 ވަނަ ދުވަހުން ފެށިގެން ބުރިޖް އަދި ހައިވޭގައި ހެލްމެޓް އެޅުން މަޖުބޫރުކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް