މާދަމާއިން ފެށިގެން ދިވެހިންނަށް އިންޑިޔާއިން އޮން-އެރައިވަލް ވިސާ ލިބޭނެ!
އިންޑިޔާއާއި ރާއްޖެއާއި ދެމެދުގައި ސޮއިކުރެވުނު ވިިސާގެ ލުއިފަސޭހައިގެ އެއްބަސްވުމަށް މާދަމާއިން ފެށިގެން އަމަލުކުރަން ފަށާނެއެވެ.
މިއާއި އެކު އިންޑިޔާއަށް ދަތުރުކުރާ ދިވެހިންނަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.
މި އެއްބަސްވުމުގެ ދަށުން ފަތުރުވެރިކަމަށާއި ބޭސްފަރުވާއަށާއި ތައުލީމް ހާސިލްކުރުމަށާއި ވިޔަފާރިއާއި ވަޒީފާގެ ބޭނުމުގައި، އިންޑިއާއަށް ދަތުރުކުރައްވާ ދިވެހިންނަށް ވިސާގައި މިހާރު ކުރިމަތިވާ ގޮންޖެހުންތައް ނެތި ފަސޭހަކަމާއެކު އިންޑިއާއަށް ދަތުރުކުރުމަށް މަގުފަހި ވެގެންދާނެއެވެ.
އެގޮތުން ބަލާލާއިރު ބޭސްފަރުވާގެ ކަންކަމަށް މާދަމާއިން ފެށިގެން އިންޑިއާއަށް ދަތުރުކުރާ ދިވެހީންނަށް ވިސާއާ ނުލައި 90 ދުވަހަށް އިންޑިއާގައި ހުރެވޭނެއެވެ. އެހެންކަމުން 90 ދުވަހަށް ވުރެ ކުރު މުއްދަތަކަށް އިންޑިއާއަށް ބޭހަށް ދާން ބޭނުންވާ މީހުން، މީގެ ފަހުން އިންޑިއާގެ އެމްބަސީން ވިސާއަށް އެދޭކަށް ނުޖެހޭނެއެވެ.
އެހެން ނަމަވެސް އެއަށް ވުރެ ދިގު މުއްދަތަށް މެޑިކަލް ވިސާ ބޭނުންވާ މީހުންނަށް މާލޭގައި ހުންނަ އިންޑިއާ އެމްބަސީއަށް ހުށަހަޅައިގެން ހަ މަސް ދުވަހަށް ނުވަތަ އެއް އަހަރާ ހަމައަށް ވިސާ ލިބޭނެއެވެ.
އަދި ސަރުކާރު ގަބޫލުކުރާ މަރުކަޒެއްގައި ފުލްޓައިމް ޕްރޮގްރާމެއްގައި ބައިވެރިވާ ދަރިވަރުންނަށް، ކޯހުގެ މުއްދަތަށް (ގިނަވެގެން ފަސް އަހަރު ދުވަހަށް) މަލްޓިޕަލް އެންޓްރީ ސްޓޫޑަންޓް ވިސާ ހަމަޖެހިގެން ދާނެއެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިދިޔަ ޑިސެމްބަރު މަހު އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރޭގައި ސޮއިކުރެވުނު އެއްބަސްވުމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް