ހުޅުމާލޭގައި ޤަވާއިދާ ހިލާފަށް މަގުތައްމަތީ ބަހައްޓާފައިހުރި ވެހިކަލްތައް ނަގަންފަށައިފި
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ޤަވާއިދާ ހިލާފަށް ބަހައްޓާފައި ހުރި ވެހިކަލްތައް ނެގުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
ސަރުކާރުގެ ކަމާބެހޭ ކުންފުނިތަކާ ގުޅިގެން ފުލުހުން އުޅަނދުތައް ނެގުމުގެ މަސައްކަތް މިއަދު ހެނދުނު ފަށާފައިވާއިރު، ޓޯކުރަނީ މަގުމަތީގައި ޤަވާއިދާ ހިލާފަށް ގިނަ ދުވަސްތަކެއް ވަންދެން ބަހައްޓާފައިހުރި ވެހިކަލްތަކެވެ.
މި މަސައްކަތް ފެށުމުގެ ގޮތުން ފުލުހުން ވަނީ ހުޅުމާލޭ ފޭސް ދޭއްގައި ހުންނަ ޓޯޔާޑުގައި ރަސްމިއްޔާތެއް ކުރިއަށްގެންގޮސްފައެވެ. މި ރަސްމިއްޔާތުގައި ދަތުރުފަތުރާ ބެހޭ ވަޒީރު މުޙައްމަދު އަމީން، ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢިލް ނަވީންގެ އިތުރުން އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ޢަލީ ޒުހެއިރު ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރު އަމީން ވިދާޅުވީ ހުޅުމާލޭގެ މަގުތައް މައްޗަށް އެއްވެސް އުސޫލެއްނެތި ދޫކޮށްލާފައި ހުންނަ ވެހިކަލްތަކުގެ ސަބަބުން އާއްމުންނަށް އުނދަގޫވާ ކަމަށާއި، އެކަމުގެ ސަބަބުން މަގުތައް ބޭނުންކުރާ ފަރާތްތަކަށް ދަތިތަކާ ކުރިމަތިވާކަމަށެވެ.

ވަޒީރު ވިދާޅުވީ އަމިއްލަ އުޅަނދެއް ބަހައްޓަން ޖެހޭނީ އެމީހެއްގެ އަމިއްލަ ތަނުގައި ކަމަށާއި ރަޖިސްޓްރީނުކޮށް އަދި އެނޫންވެސް ގޮތަކަށް މަގުތައްމަތީ އުލަނދުތައް ބެހެއްޓުމަކީ އެކަން ކުރެވިގެންވާނެ ގޮތެއް ނޫންކަމަށެވެ.
މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީން ވިދާޅުވީ ގަވާއިދާ ހިލާފަށް މަގުތައްމަތީ ބަހައްޓާފައިހުރި އުޅަނދުތައް ނެގުމަށް ފުލުހުން ފެށި މި ޕްރޮގްރާމަށް ގިނަ ފަރާތްތަކެއްގެ އެއްބާރުލުން ލިބެމުންދާކަމަށެވެ. އެގޮތުން ޓޯކުރާ ވެހިކަލްތައް ބެހެއްޓުމަށް މިނިސްޓްރީ އަދި އެޗްޑީސީގެ ފަރާތުން ތަން ހަމަޖައްސައިދީފައިވާކަން ސީޕީ ފާހަގަކުރެއްވިއެވެ.
ވެހިކަލްތައް ނެގުމުގެ ޕްރޮގްރާމް ފެށުމުގެ ކުރިން ފުލުހުން ވަނީ ހުޅުމާލެ ފޭސް އެކެއް އަދި ދެއްގައި މަގުތައްމަތީ ބަހައްޓާފައި ހުރި ވެހިކަލްތައް ނަގުމަށް އަންގާފައެވެ. އެގޮތުން ޓޯކުރާ ވެހިކަލްތަކާ މެދު އަމަލުކުރަމުންދާނީ އެކަމަށް އޮންނަ އުސޫލްތަކުގެ ތެރެއިންކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް