ޔާމީންގެ ސިޔާސީ ކުރިމަގު ބަނަކަމެއްގައި!
ކުރީގެ ރައީސް އަބްދުﷲ ޔާމީން ދޭތެރެ ދޭތެރެއިން ފުލުސްއޮފީހަށް ހާޒިރުކުރެއެވެ. ހައްޔަރުކުރާނެ މަގެއް ފެނޭތޯއެވެ. މިހާރު ނޫހުން ބުނަނީ ޔާމީންގެ މައްޗަށް މަނީލޯންޑަރިންގެ ތުމަހުމަތެއް ކުރެވޭކަމަށެވެ. އެކަމަކު އެފަދަ ތުހުމަތެއް ފުލުހުން މިހާތަނަށް ކޮށްފައިނުވާކަމަށް މީޑިއާގައި ޔާމީން ގެންދަވަނީ ވިދާޅުވަމުންނެވެ.
ރިޔާސީ އިންތިޚާބަށްފަހު ސިޔާސީގޮތުން ހަރަކާތްތެރިވުމަށް ޕީޕީއެމްގެ ކޮންގްރެސް ބޭއްވުމުން ޔާމީން އެޕާޓީގެ ރައީސަކަށް ހުންނެވީތީ އިލެކްޝަންސް ކޮމިޝަނުން އެކޮންގްރެސް ގަބޫލެއް ނުކުރިއެވެ. ހައިކޯޓުން އަމުރުކުރީމާވެސް ކޮންގްރެސް ގަބޫލުކުރާން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ބޭނުންފުޅެއް ނުވިއެވެ. އޭނާ އެމައްސަލަ ވެއްދީ ސުޕްރީމް ކޯޓަށެވެ. ސުޕްރީމް ކޯޓަށް އެމައްސަލަ ވެއްދިތާ ކިތަންމެ ދުވަހެކެވެ. ރާއްޖޭގެ 40 ހާސް ރައްޔިތުންނާ ގުޅޭ މައްސަލައެއް އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ގާތްވެ އެ 40 ހާސް ރައްޔިތުން، ދެންވާނެގޮތެއް ނޭގި އިންތިޚާބުގައި އެރައްޔިތުން ތަމްސީލުކުރާނެ މެމްބަރުން ހޮވާނެ ފުރުސަތު ވަރަށް ބޮޑަށް ހަނިވެ ކަންބޮޑުވެފައިވާ މައްސަލައަކަށް ވެފައިވާއިރު ކޯޓުން ފަރުވާއެއް ހޯދައިދިނުމުގައި މިވަނީ ވަރަށް ބޮޑަށް ލަސްވެފައޭ ބުނެވޭނެ ޖާގަ މިހާރު އެބައޮތެވެ.
އެއަށްވުރެ ސީރިއަސް މައްސަލައަކީ އެޕާޓީގެ 40 ހާސް މެމްބަރުންގެތެރެއިން މެމްބަރަކު އެޕާޓީގެ ލީޑަރޝިޕް ޕާޓީގެ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ހަވާލުކުރަން ސިވިލްކޯޓަށް ވެއްދި މައްސަލައެއް ސުޕްރީމް ކޯޓަށް މައްސަލައިގެ ފައިލް ގެންދިއުމަށްފަހު މައްސަލަ ކުރިއަށް ނުގޮސް ގިނަ ދުވަސްތަކެއް ވެގެންދިއުމެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބޯމަތިވެފައި އޮތްއިރު މައްސަލަ ނުހިގައިދާ އެންމެ ދުވަހަކީވެސް ޕާޓީގެ 40 ހާސް މެމްބަރުންނަށް ނުތަނަވަސްކަން ގެނުވާނެ ދިގުލައިގެން ދިއުމެކެވެ. މިއީ ވަރަށް ސާފުކޮށް މީގެކުރިން ފެނިގެންގޮސްފައިވާ މައްސަލައެކެވެ. ރިޔާސީ އިންތިޚާބުގެ ކުރިން ޕާޓީގެ ލީޑަރޝިޕް ޖުޑިޝަރީގެ ތެރެއިން ކަނޑައަޅައިނިމި ރިޔާސީ އިންތިޚާބު އިލެކްޝަންސް ކޮމިޝަނުން ބޭއްވީ ގާނޫނީ ހުރިހައި ކަމެއް ފުރިހަމަ ވުމުންނެވެ.
އެއަށްފަހު މިއަދު ޝަރީއަތެއް ހިންގައި އެނޫންގޮތަކަށް ބަދަލުވެގެންގޮސްފިނަމަ ރިޔާސީ އިންތިޚާބުގައި ޕީޕީއެމުން ނެރުނު ކެންޑިޑޭޓްގެ ސައްހަ ކަމާމެދު ސުވާލު އުފެއްދުމުގެ ޖާގަ ނޯންނާނެތޯއެވެ. އެއީ އެޕާޓީގެ ލީޑަރޝިޕުން ނިންމާފައިވާ ނިންމުންތައް ގާނޫނާއި ޚިލާފްވާނެތީއެވެ. ސައްހަ ނޫން ކެންޑިޑޭޓެއްކަމަށްވަންޏާ އެކަމުގެ ޒިންމާ އިލެކްޝަންސް ކޮމިޝަނުންވެސް އުފުލަންޖެހޭނެއެވެ.
ފާހަގަކުރެވޭކަމަކީ ރިޔާސީ އިންތިޚާބު ނިމުމާއެކު ދިގުމުއްދަތެއްގެ ޖަލުހުކުމްތަކެއްގައި ތިބި ބަޔެއްގެ ހުކުމް ފަޓާސްބަރިއެއްހެން ނިމި މީގެ އެތައް އަހަރެއް ކުރިން ތަފާތު ސަބަބުތަކާހުރެ ވަޒީފާގެއްލިފައިވާ ބަޔަކަށް ކުއްލިގޮތަކަށް ކޯޓުން ވަޒީފާ އަބުރައި ރުޖޫއަކޮށްދިން އިރު އެތައް ހާސް ރައްޔިތުންނާ ގުޅިފައިވާ މައްސަލައެއް ދިގުލައިގެންދާގޮތް ވެފައި އޮތުމެވެ.
ޔާމީން އަތުން ޕީޕީއެމް އަތުލުމަކީ ރިޔާސީ ވައުދެއް
ސުޕްރީމް ކޯޓުގައި އޮތް ޕީޕީއެމްގެ ލީޑަރ ޝިޕްގެ މައްސަލައާއިމެދު ވިސްނާއިރު އެހެންކަމެއްވެސް އެބައާދެއެވެ. އެއީ ޕާޓީގެ މިހާރުގެ ރައީސް އަބްދުﷲ ޔާމީންއަތުން ޕާޓީ އަތުލައި ޕާޓީގެ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އެޕާޓީ ހަވާލުކުރުމަކީ ޕީޕީއެމްގެ އެންމެ ބޮޑު ސިޔާސީ ދުޝްމަން ނުވަތަ ވާދަވެރި އެމްޑީޕީން ނުކުތް ރިޔާސީ ކެންޑިޑޭޓްގެ ރިޔާސީ ވައުދަކަށްވުމެވެ.
މައުމޫންއާއި ޕާޓީ ހަވާލު ނުވެދިއުމަކީ ރިޔާސީ ވައުދު ފުރިހަމަ ނުވުމެވެ. އެހެންކަމުން ސުޕްރީމް ކޯޓުގެ ޝަރީއަތާއިމެދު ޝައުގުވެރި ނަޒަރަކުން ބެލެވެއެވެ. ޖަލުގައި ތިއްބެވި ސިޔާސީ ބޭފުޅުން މިނިވަންކުރުމަކީ އެންމެ ފުރަތަމަވެސް ފުއްދަވާނެ ރިޔާސީ ވައުދުގެ ގޮތުގައި ހާމަކުރައްވާފައި އޮތުމުން ކޯޓުން އަލުން ޝަރީއަތް ބާއްވައި އެމީހުންނަކީ ކުށެއް ނެތްބައެއްކަމަށް ނިންމުމުން އެވައުދު މިހާރުވަނީ ފުރިހަމަވެފައެވެ.
ދެން މިހާރު ދިމާވެފައި އޮތް ގޮތަކީ އެހެންކަހަލަ ކަމެކޭ ބުނެވިދާނެއެވެ. ކަންކަން ބަދަލުވަމުންދާގޮތުން ޕީޕީއެމާއިގެން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރަން ފުރުސަތު ނުލިބިދާނެތީ އާ ޕާޓީއެއް ހަދަން ޕީޕީއެމްގެތެރެއިން ނުކުތް ބަޔަކު މަސައްކަތް ފެށުމުން އެމަސައްކަތްވެސް އިލެކްޝަންސް ކޮމިޝަނުން އެވަނީ ގޮތަކަށް ހުއްޓުން އަރުވާފައެވެ. އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ހުންނެވީ ގަވާއިދުގައި އަލުން ބައިތަކެއް ލިޔެގެންވެސް އެޕާޓީ އުފެއްދުނަ ނުދިނުމަށް ކަނޑައަޅައި ނިންމައިގެންކަން އޭނާ މީޑިއާގައި ވަރަށް ސާފު ބަހުރުވަޔަކުން އެބަ ވިދާޅުވެއެވެ.
އެހެންވީމާ ރާއްޖޭގެ މަސްރަހަށް ކަޅިއެއް ފުންކޮށް ހިންގާލީމާ ދުރުން ފާޅުވަމުން ހާމަވަމުންއައިސް މިފެންނަނީ ރައީސް އަބްދުﷲ ޔާމީން ހަތަރު ފަރާތުން އައިސް ބަންނަމުންދާތަނެވެ. ސިޔާސީގޮތުން އަލުން ނުކުމެވެންހުރި ހުރިހައި ދޮރުތަކެއް ގެންދަނީ ބަންދުކުރަމުންނެވެ. އެކަމަށްޓަކައި ރީތިކޮށް ޑިޒައިންކޮށްފައިވާ މީޑިއާ ޕްރޮޕެގެންޑާއެއްވެސް ކުރިއަށްދާތީ ފެނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް