ރައީސް ނަޝީދުގެ ހޫނު ރައްދެއް ޤާސިމަށް!
ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް ލިބިއްޖެ ނަމަ ރާއްޖޭގައި ބުދުފައްޅި އަޅާނެ ކަމަށް ވިދާޅުވެ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ދެއްކެވި ވާހަކަތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ހޫނު ރައްދެއް ދެއްވައިފިއެވެ.
މިފަހަކަށް އައިސް އެމްޑީޕީއަށާއި ރައީސް ނަޝީދަށް ބަހުގެ ހަމަލާތައް ޤާސިމް ރައްދު ކުރައްވައެވެ. އެމްޑީޕީން ރާއްޖޭގައި ބުދުފައްޅި އަޅާނެ ކަމަށް ވިދާޅުވީ އެޕާޓީގެ އެޖެންޑާ19 ސިޔާސަތަށް ރައްދު ދެއްވައި ކެމްޕެއިން ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ.
ޤާސިމްގެ ވާހަކަތަކަށް ރައްދު ދެއްވައި މިއަދު ރައީސް ނަޝީދު ވިދާޅުވި ގޮތުގައިރާއްޖޭގައި ބުދުފައްޅި ހަދާނެ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާ ބޭފުޅުން އެބޭފުޅުންގެ އަމިއްލަ ހަޔާތަށް ބަލަން ޖެހޭ ކަމަށެވެ.
ސީދާ ޤާސިމް އިބްރާހިމްގެ ނަން ވިދާޅު ނުވެ ރައީސް ނަޝީދު ވިދާޅުވީ އެފަދަ ވާހަކަތައް ދައްކާ ބޭފުޅުންގެ ރިސޯޓުތަކުގައި ރަލާ އޫރު މަހުގެ ވިޔަފާރި ފިޔަވައި އެހެން އެއްޗަކުން ފައިދާ ނުނަގާ ކަމަށެވެ.
""އެ ބޭފުޅުންގެ މުޅި ހަޔާތުގެ މުއްސަނދިކަން ބިނާވެފައި އޮތީ ރަލާ އޫރު މަހުގެ ފައިދާ އަށް." ރައީސް ނަޝީދު ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ނަޝީދު ވަނީ ރިސޯޓުތަކުގައި ސްޕާތައް ހިންގުމާއި ބުދު ބަހައްޓައި އެއަށް އަޅުކަން ކުރެވޭ ގޮތް ހަދާފައިވާ ކަން ވެސް ފާހަގަކުރައްވާފައެވެ.
ރައީސް ނަޝީދު ވިދާޅުވި ގޮތުގައި ނަފްރަތު އުފެދޭ ގޮތަށް ވާހަކަ ދައްކަވަން އެމަނިކުފާނު ބޭނުންފުޅު ނުވާ ކަމަށެވެ. އެހެން ނަމަވެސް އެގޮތަށް ވާހަކަ ދައްކަވަން މަޖުބޫރުވީ އެމްޑީޕީއަށް ތުހުމަތުކޮށް އެޕާޓީ ބަދުނާމު ކުރަމުން ގެންދާތީ ރައްޔިތުންނަށް ކަންތައް ސާފުކޮށްދިނުމަށް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް