ގަވަރނަރކަމަށް އަލީ ހާޝިމަށް މަޖިލީހުގެ ކޮމެޓީން ރުހުންދީފި
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭގެ ގަވަރނަރކަމަށް އަލީ ހާޝިމްގެ ނަން އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ރުހުންދީފިއެވެ.
ގަވަރުނަރކަމުގެ މަގާމަށް ހާޝިމް އައްޔަން ކުރުމަށް އެ ކޮމިޓީން ފާސްކޮށްފައިވަނީ މިއަދު ބޭއްވި ކޮމެޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ.
މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ވަނީ ހާޝިމްއާއި އިންޓަރވިއުވެސް ކުރައްވައިފައެވެ.
އަލީ ހާޝިމްއަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި 2008ވަނަ އަހަރުން ފެށިގެން 2010ވަނަ އަހަރާއި ހަމައަށް ފިނޭންސް މިނިސްޓަރކަމުގެ މަގާމު އަދާކުރެއްވި ފަރާތެކެެވެ.
އެމްއެމްއޭގެ ގަވަރނަރގެ މަގާމުގައި އެންމެފަހުން ހުންނެވީ އަހުމަދު ނަސީރެވެ. ނަސީރު އެމަގާމުން އިސްތިއުފާ ދެއްވީ އެމްއެމްއޭގެ ފައިނޭންޝިއަލް އިންޓެލިޖެންސް ޔުނިޓްގެ ކުރީގެ އިސްވެރިޔާ އަހުމަދު އަޝްރަފްގެ މަސައްކަތަށް ނުފޫޒު ފޯރުވި މައްސަލައެއް ބަލަމުންދިޔަ ދަނޑިވަޅެއްގައެވެ. އިސްތިއުފާ ދެއްވަމުން ނަސީރު ވިދާޅުވީ އެ މަގާމުގައި ހުންނަަވައިގެން އެ ތުހުމަތުތަކަށް ޖަވާބުދެއްވަން ބޭނުންފުޅު ނުވާކަމަށެވެ.
ނަސީރު އިތުރަށް ވިދާޅުވީ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ އަސްލު ބައިވެރިން އަދިވެސް އެކިއެކި މަގާމުތަކުގައި ތިއްބެވި ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް