ކޮމަންވެލްތްގެ އެސެސްމަންޓް ޓީމްއެއް ރާއްޖެއަށް އަތުވެއްޖެ
ކޮމަންވެލްތްއާއި ރާއްޖެ އަލުން ގުޅުމުގެ ކަންކަން ބަލައި ދެނެގަތުމަށް ރާއްޖެއަށް އެ ޖަމްއިއްޔާގެ އެސެސްމަންޓް ޓީމްއެއް އަތުވެއްޖެއެވެ.
ފޮރިން މިނިސްޓްރީން މައުލޫމާތު ދޭގޮތުގައި މި ޓީމުން މިއަދު ވަނީ ޚާރިޖިއްޔާއަށް ޒިޔާރަތްކޮށްފައެވެ. ފޮރިން މިނިސްޓްރީން މި ފަރާތްތަކަށް މަރުހަބާ ވިދާޅުވީ ސްޓޭޓް މިނިސްޓަރ އަބްދުލްޣަފޫރު މުހައްމަދެވެ.
މި ފަރާތްތަކާއި ބައްދަލުކުރައްވައި ވާހަކަފުުޅު ދައްކަވަމުން ސްޓޭޓް މިނިސްޓަރ އަބްދުލްޣަފޫރު ވިދާޅުވީ މީގެ ކުރިން ކޮމަންވެލްތްގެ މެންބަރެއްގެ ގޮތުގައި އޮތުމުން ރާއްޖެއަށް އޭގެން ގިނަގުނަ ފައިދާތަކެއް ވެފައިވާ ކަމަށެވެ. އެގޮތުން ކޮމަންވެލްތް މެދުވެރިކޮށް އިންސާނީ ހައްގުތަކާއި މޫސުމަށް އަންނަ ބަދަލުތަކުގެ ވާހަކަ ރާއްޖެއިން ދައްކާފައިވާނެކަމަށް އަބްދުލްޣަފޫރު ފާހަގަކުރެއްވިއެވެ.
ކޮަމަންވެލްތްގެ މި ޓީމްގެ ޒިޔާރަތުގެ މަގްސަދަކީ ކޮމަންވެލްތްގެ މެންބަރަކަށް އަލުން ވުމަށް ރާއްޖޭގެ ޝަރުތު ހަމަވާތޯ ބަލައި، ދައުލަތުގެ އިސްވެރިންނާއި ބައްދަލުކުރުމެވެ.
އެގޮތުން ރައީސް ސޯލިހު، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އުއްތަަމަ ފަނޑިޔާރާއި މިޓީމުން ބައްދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް