މަޑުއްވަރީގައި ފުލުހުން ހަރަކާތްތެރިވަނީ އަންހެނުންނާއި ކުޑަކުދިންގެ ހައްގުގައި: ފުލުހުން
ރ. މަޑުއްވަރީގައި ހަރުކަށި ފިކުރު ފަތުރާ ފަރާތްތަކުން އެއާއިލާތަކުގެ އަންހެނުންނާއި ކުޑަކުދިން ހައްގުތަކުން މަހުރޫމްކޮށްފައިވާ ކަމަށް ބުނެ، ފުލުހުންގެ ހާއްސަ އޮޕަރޭޝަނެއް މަޑުއްވަރީގައި ފަށައިފިއެވެ.
ކޯޓު އަމުރެއްގެ ދަށުން ފުލުހުން މަޑުއްވަރީ ގެތައް ބަލައި ފާސްކުރަމުން ދާކަމަށް ހޯމް މިނިސްޓްރީން ބުނެފައިވަނިކޮށް، މިއަދު ފުލުހުންގެ އިދާރާއިން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ، ރަށުގައި ހަރުކަށި ފިކުރު ފަތުރައި، ދައުލަތުގެ އާންމު ނިޒާމާއި އިދާރީ އިންތިޒާމްތަކުން ބޭރުން ވަކި ޖަމާއަތް ހަދައިގެން އުޅޭ ބަޔަކު އަންހެނުންނާއި ކުޑަކުދިން ހައްގުތަކުން މަހުރޫމްކޮށް, އެ ފަރާތްތަކުގެ ނާޖާއިޒް ފައިދާ ނަގަމުންދާ ކަމަށެވެ.
އެގޮތުން އަންހެނުނާއި ކުޑަކުދިން މުޖުތަމައުއިން ވަކިކޮށް، ސިއްހީ ގޮތުން ދިނުމަށް ލާޒިމްކުރާ ވެކްސިން ނުދީ ތައުލީމް ހާސިލް ކުރުމުގެ ހައްގުން މަހުރޫމްކޮށްފައިވާ ކަމަށެވެ.
އޭގެއިތުރުން ކުޑަކުދިންނާއި މީހުން ކައިވެނިކޮށްގެން ކަމަށް ބުނެ ގެތަކުގައި ބަންދުކޮށްގެން ގެންގުޅޭ ކަމަށް ފުލުހުންގެ ބަޔާނުގައި ވެއެވެ.
ދަރިމައިވުމާއި އުފަންވަނިވި ސިއްހަތާ ގުޅޭ ސިއްހީ އިންތިޒާމްތަކުން އަންހެނުން މަހުރޫމްކޮށް އެފަދަ އަންހެނުންގެ ފުރާނަ ނުރައްކަލަކަށް ހުށަހެޅިފައިވާ ކަމަށް ބުނެފައި ވެއެވެ.
''ލިބެމުންދާ މައުލޫމާތާ ގުޅިގެން މިކަންކަން ކުރުމުގައި އިސްވެ ހަރަކާތްތެރިވާ ފަރާތްތައް ހޯދައި ދެނެގަނެ، މިތަންތަނުގައި ތިބި އަންހެނުންނާއި ކުޑަކުދިންގެ ހާލަތު ބަލައި، އެ ފަރާތްތަކުގެ ހައްގުތައް ރައްކާތެރިކޮށްދިނުމަށްޓަކައި ހިންގޭ އޮޕަރޭޝަނެކެވެ." ފުލުހުންގެ ބަޔާނުގައިވެ އެވެ.
ފުލުހުން ބުނިގޮތުގައި، ހައްދުފަހަނަ އަޅާފައިވާ ފިކުރުގެ ތެރެއިން ހައްގަކާއި ނުލައި މީހުންގެ މުދަލާއި ތަކެއްޗަށް އަރައިގަނެ ޖިނާއީ އަމަލުތައް ހިންގާ މީހުންނާ ދޭތެރޭގައި އެ އޮޕަރޭޝަންގައި ފިޔަވަޅު އަޅާނެ އެވެ. އޭގެތެރޭގައި، އެކަންކަން ދިފާއުކޮށް، ހިތްވަރުދޭން މަސައްކަތް ކުރާ މީހުން ހިމެނޭނެ ކަމަށް ބަޔާނުގައި ވެއެވެ.
ބަޔާނުގައި ބުނެފައިވަނީ، ފުލުހުން އެ ރަށަށް އެރީ ރާއްޖޭގެ ގާނޫނާއި ގަވާއިދުތަކާ ޚިލާފުވެ، ޓެރަރިސްޓު ޖަމާއަތްތަކަށް މީހުން ރެކްރޫޓްކޮށް ހިންގުމުގެ މަސައްކަތާ ދެކޮޅަށެވެ.
އެ ރަށުގައި ހަރުކަށި ފިކުރު ފަތުރާ މީހުން އަނިޔާވެރި ގިނަ އަމަލުތަކެއް ހިންގާ ކަމަށް ފުލުހުން ތުހުމަތުކޮށްފައިވެ އެވެ.
މަޑުއްވަރީގައި ވަކި ޖަމާއަތް ހަދައިގެން ނަމާދުކުރާތާ ވަރަށް ގިނަ ދުވަސްވެއްޖެ ކަމަށް އެރަށުގެ ބައެއް މީހުން ބުނެއެވެ.
ދާދި ފަހުން ވަނީ މަޑުއްވަރީގައި 12 އަހަރުގެ އަންހެންކުއްޖަކު ކޯޓުން ބޭރުން ކައިވެނިކޮށް، ބަލިވެ އިނދެ ވިހޭ މައްސަލައެއް ފެންމަތިވެފައެވެ.
އެމައްސަލައިގައި އެކުއްޖާގެ މައިން ބަފައިން ހައްޔަރުކޮށް، އެ އާއިލާގައި ތިބި ހަ ކުދިން މިހާރު ވަނީ ދައުލަތަށް ނަގައިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް