ކުލަބުތަކުގެ ގޮތުގައި ހިންގާ ގޭންގްތައް ހުއްޓުވަން މަޖިލީހުން ދެ މިނިސްޓްރީއަކަށް ހުށަހަޅަނީ
ކުލަބު ޖަމިއިއްޔާ ޖަމާއަތްތަކުގެ ގޮތުގައި ރާއްޖޭގައި އޮޕަރޭޓްކުރަމުންދާ ގޭންގް ގުރޫޕުތައް ހުއްޓުވަން ފިޔަވަޅު އެޅޭނެ ނިޒާމެއް ގާއިމް ކުރުމަށް ހޯމް މިނިސްޓްރީއާއި، ޔޫތު މިނިސްޓްރީއަށް ހުށަހަޅަން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ނިންމައިފިއެވެ.
ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ކޮމެޓީއަށް ހުށަހެޅުއްވި އެ މައްސަލައިގައި އޭނާ ވިދާޅުވީ، ގޭންގްތަކުގެ މައްސަލައަކީވެސް ކުޑަކުދިންގެ ނާޖާއިޒް މަންފާ ނެގުމާއި، ކުށްތައް ކުރުމުގައި ކުޑަކުދިން ބައިވެރިވުމަށް މަގުފަހިވާ ކަމެއް ކަމަށެވެ. އެހެންކަމުން ސްކޫލާއި ރަށުފެންވަރުގައި އެއްވެސް ގޭންގެއްގެ ނަމުގައި ކުޅިވަރުތަކުގައި ބައިވެރިވުން މަނާކުރަން ޖެހޭ ކަމަށް ނާޒިމް ވިދާޅުވިއެވެ.
މިއަދު ބޭއްވި ކޮމެޓީ ބައްދަލުވުމުގައި ކުރިއަށްދިޔަ ބަހުސްގައި އެފަދަ ކަންކަން ގާތުން ބަލައި ފިޔަވަޅު އެޅޭނެ ނިޒާމެއް ގާއިމުކުރުމަށް އެ މިނިސްޓްރީތަކަށް އެންގުމަށްވެސް ކޮމިޓީން ވަނީ ފާސް ކޮށްފައެވެ.
އަދި ތަފާތު ނަންތަކުގައި ހަރަކާތްތެރިވާ ގޭންގުތައް ޕްރޮމޯޓުވާގޮތަށް މަދަނީ ހަރަކާތްތަކާއި، ކުޅިވަރު ހަރަކާތްތަކުގައި ބައިވެރިވުން މަނާކުރުމަށްވެސް ހުށަހަޅައިފައިވެއެވެ.
އެބައްދަލުވުމުގައި ވާހަކަދައްކަވަމުން، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވީ، ކޮމިޓީއަށް ފުލުހުން ހާޒިރުކޮށް، ގޭންގް ވަޔަލެންސް ގައި ބައިވެރިވާކަން ފާހަގަވާ ޖަމާއަތްތައް ފާހަގަކޮށް، އެފަދަ ޖަމާއަތްތައް ދެނެގަތުމުގެ މަސައްކަތް ފުލުހުންް މެދުވެރިކޮށް ކުރަންޖެހޭ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް