ރަޖަމްކުރަން އިއްވި ހުކުމް ސުޕްރީމްކޯޓުން ބާތިލްކޮށްފި
ޒިނޭކުރި އަންހެނަކު ރަޖަމްކުރުމަށް ޅ.ނައިފަރު މެޖިސްޓްރޭޓް ކޯޓުން އިއްވި ހުކުމް ސުޕްރީމް ކޯޓުން މިއަދު ބާތިލްކޮށްފިއެވެ.
މި ހުކުމް ބާތިލްކޮށް ސުޕްރީމް ކޯޓުން ނެރުނު އަމުރުގައިވަނީ ނައިފަރު މެޖިސްޓްރޭޓް ކޯޓުން އެހުކުމް ކޮށްފައިވަނީ ދައުވާކޮށްފައިވާ ގަޟިއްޔާގައި ހަވާލާދީފައިވާ ގާނޫނުގެ މާއްދާއާއި ހިލާފަށް ކަމަށެވެ.
އެ އަންހެންމީހާއާއި ދެކޮޅަށް ދައުވާ އުފުލިފައިވަނީ ޖިންސީ ކުށުގެ ޤާނޫނުގެ 27 ވަނަ މާއްދާގެ ދަށުންނެވެ. އެ ގާނޫނުގެ ހ ގައި ބުނެފައި އޮންނަނީ ޒިނޭ ކުރުމަކީ ކުށެކެވެ. އެމާއްދާގެ (ށ) ގައި ބުނެފައި އޮންނަނީ ޒިނޭ ކުރި މީހެއްގެ އަދަބަކީ 100 އެތިފަހަރުން ހައްދު ޖެހުމާއި އެކު އެއް އަހަރާއި ތިން އަހަރާއި ދެމެދުގެ މުއްދަތަކަށް ގޭގައި ބަންދު ކުރުމެވެ.
ނަމަވެސް މެޖިސްޓްރޭޓް ކޯޓުގެ ގާޟީ ކުރި ހުކުމްގައި ވަނީ ގާނޫނުލް އުގޫބާތުގެ 1205 ގެ ދަށުން އިސްލާމީ ޝަރީޢަތުގައި ހައްދު ކަނޑައެޅިފައިވާ ކުށެއް މީހެއްގެ މައްޗަށް ސާބިތުވެއްޖެ ނަމަ އިސްލާމީ ޝަރީއަތުގެ އަސްލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން އެ ގާނޫނާއި ކީރިތި ޤްރުޢާނުގައި ކަނޑައަޅާފައިވާ ހުކުމެއް އެމީހެއްގެ މައްޗަށް އިއްވޭނެތީ، ރަޖަމްކުރުމަށް ހުކުމްކޮށްފައެވެ.
ރަޖަމްކުރުމަކީ ކައިވެންޏެއްގެ މަތީގައި ހުރި މީހަކު ޒިނޭކުރިކަން އަމިއްލަ އިއުތިރާފުން ނުވަތަ ހަތަރު ހެކިންގެ ހެކިބަހުން ސާބިތުވުމުން އަންނަ ހައްދެއްގެ ގޮތުން އުނަގަނޑާ ހަމައަށް ވަޅުލައި ކުދިގަލުން ތަޅައި މެރުމަށް ކުރެވޭ ހުކުމެކެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި އެ އަންހެންމީހާ ވަނީ ޒިނޭކުރިކަމަށް އަމިއްލައަށް އިއުތިރާފުވެފައެވެ. މި ކަމުގައި ހިމެނޭ ފިރިހެންމީހާގެ މައްޗަށް ހުކުމެއް އައިކަން އަދި ޔަގީންވެފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް