މަސްތުވާތަކެތި ފޯރުކޮށްދޭ "ކެފޭ" ތަކެއް ބަލާފާސްކޮށް ގިނަބަޔަކު ހައްޔަރުކޮށްފި
މަސްތުވާތަކެތި ވިއްކުމަށްފަހު އެތަނުގައި ތިބެގެން ބޭނުންކުރެވޭނެގޮތަށް، ކެފޭގެ އުސޫލުން ހަދާފައިވާ ބައެއް ތަންތަން ފުލުހުން ބަލާފާސްކޮށް ގިނަބަޔަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ ޚާއްސަ އޮޕަރޭޝަނެއްގައި ވަނީ މިފަދަ ފަސް ގެޔެއް ބަލާފާސްކޮށް 33މީހަކު ހައްޔަރުކޮށްފައެވެ.
ފުލުހުން ބުނިގޮތުގައި މިތަންތަނަކީ މަސްތުވާތަކެތި ބޭނުންކޮށް ވިއްކާ، ވިޔަފާރިކޮށް އެގެތަކުގައި ކެފޭ އުސޫލުން މަސްތުވާތަކެތީގެ ޚިދުމަތް ލިބޭގޮތަށް ތައްޔާރު ކޮށްފައިވާ ތަންތަނެވެ. އަދި މިގެތަކުގައި މި އަމަލު ހިންގަމުންދަނީ ގޭގެ ވެރިފަރާތް ނުވަތަ ކުއްޔަށް ހިފާފައިވާ ފަރާތުގެ ރުހުމުގައި މާލީ މަންފާ ލިބޭގޮތަށްކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
މި އޮަޕަރޭޝަންގައި ފުލުހުން ބަލާފާސްކުރި ގެތަކުގެ ތަފްސީލްތަކަށް ބަލާލާއިރު، 05 ޑިސެންބަރު 2019 ވަނަ ދުވަހު މ.ފެޝަންމީޑް ބަލާފާސްކޮށް، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗިއްސާ އެކު 11 މީހުން ހައްޔަރުކުރެވިފައިވެއެވެ. އަދި 12 ޑިސެންބަރު 2019 ވަނަ ދުވަހު މ. ނަދީއިރުމަތީބައި ބަލާފާސްކޮށް، މިގެ މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗިއްސާއި އެކު 04 މީހުން ހައްޔަރުކުރެވިފައިވެއެވެ.
މީގެ އިތުރުން 16 ޑިސެންބަރު 2019 ވަނަ ދުވަހު ހ. ވެލިރަންގެ ބަލާފާސްކުރެވި، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗިއްސާ އެކު 10 މީހުން ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. އަދި ގ. މެމޮރީވިލާ 18 ޑިސެންބަރު 2019 ވަނަ ދުވަހު ބަލާފާސްކޮށް، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗިއްސާ އެކު 04 މީހުން ހައްޔަރުކުރެވިފައިވެއެވެ.
މި އޮަޕަރޭޝަންގެ ދަށުން މިރޭ ދަނީ މ.ލޮނުމިދިލިގެވެސް ބަލާފާސްކުރަމުންނެވެ. މިގެެއިން ވަނީ 4ކުޑަކުއްޖަކު ހައްޔަރުކޮށްފައެެވެ.
ފޮޓޯ: ސަން
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް