ޕާކިސްތާނުގެ ކުރީގެ ރައީސް ޕަރްވޭޒް މުޝައްރަފަށް މަރުގެ ހުކުމް އިއްވައިފި
ޕާކިސްތާާނުގެ ކުރީގެ ޒައީމް އަދި ރައީސް ޕަރްވޭޒް މުޝައްރަފްގެ ޣައިރު ހާޒިރުގައި އޭނާގެ މައްޗަށް މަރުގެ ހުކުމް އިއްވައިފިއެވެ.
ޚާއްސަ ކޯޓަކުން އޭނާގެ މައްޗަށް މަރުގެ ހުކުމް އިއްވާފައިވަނީ ގައުމަށް ޣައްދާރުވުމާއި ގާނޫނު އަސާސީގެ ބާރު ކަނޑުވާލި މައްސަލައެއްގައެވެ.
މުޝައްރަފްގެ މައްޗަށް މި ދައުވާ އުފުލިފައިވަނީ 2007ވަނަ އަހަރު އެގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާއި ގުޅިގެންނެވެ. އޭނާގެ ސަރުކާރުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ގާނޫނު އަސާސީ ސަސްޕެންޑްކޮށް ގިނަ އަދަދެއްގެ ސިޔާސީ ފަރާތްތަކާއި ފަނޑިޔާރުންތަކެއް ހައްޔަރުކުރިއެވެ.
ޕާކިސްތާނުގެ ވެރިކަމާއި މުޝައްރަފް 1999ވަނަ އަހަރުގެ ތެރޭގައި ހަވާލުވެފައިވަނީ އަސްކަރީ ބަޣާވާތަކުންނެވެ. އެއަށްފަހު އޭނާ ވަނީ އެގައުމުގެ ވެރިކަން ނުވަ އަހަރު ވަންދެން ކުރައްވާފައެވެ.
މި ދައުވާތަކަށް މުޝައްރަފް ވަނީ މީގެ ކުރިން އިންކާރު ކުރައްވާފައެވެ. އޭނާ ދަނީ އަމިއްލައަށް އަރުވާލެވިގެން އެކުވެރި އަރަބި އިމާރާތުގެ ދުބާއީގައި ދިރިއުޅެމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް