އިންކްލޫސިވިޓީ ނެތްނަަމަ އެއީ ތަހުޒީބުވެފައިވާ މުޖުތަމައުއެއް ނޫން: ޝިދާތާާ
ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ބައިވެރިވުން ނުވަަތަ އިންކްލޫސިވިޓީ ނެތްނަމަ އެ މުޖުތަމައުއަކީ ތަހުޒީބުވެފައިވާ މުޖުތަމައުއެއް ނޫންކަމަށް ޖެންޑާ މިނިސްޓަރ ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ 2019ވަނަ އަހަރުގެ ރިވެލި އެވޯޑް ދިނުމަށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މިއަދު ހެނދުނު އޮތް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިނިސްޓަރ ޝިދާތާ ވިދާޅުވީ ޒަމާންވީ 2020ގެ ތަޞައްވުރަށް ދިވެހިރާއްޖެ މަރުޙަބާ ކިޔަން ތައްޔާރުވާ އިރު، ނުކުޅެދުންތެރިކަން ހުންނަ މީހަކަށް އެހެން ފަރާތެއްގެ އެހީތެރިކަމެއް ނެތި ހިނގާބިނގާވެ އުޅުމާއި، ދަތުރުފަތުރުކުރުމާއި، އިމާރާތްތަކަށް ވާސިލުވެވޭނޭ މިންވަރަށް އިންތިޒާމުތައް ހަމަޖެއްސިފައި ނެތް ކަމީ ލަދުގަންނަން ޖެހޭ ކަމެކެވެ.
އަދި ތަހުޒީބަކީ އިންސާނާގެ ވިސްނުމާއި ފިކުރަށް އަންނަ ކުރިއެރުމެއް ކަމުގައިވާ ނަމަ، އެ ކަން މުޅި މުޖުތަމަޢުގެ ތެރެއިން ފެންނަން ޖެހޭ ކަމަށް އެ ކަމަނާ ވިދާޅުވިއެވެ. އެ ގޮތުން މުޖުތަމަޢުގައި "އިންކްލޫސިވިޓީ" އަދި "އެކްސެސިބިލިޓީ" ނެތް ކަމުގައި ވަނީ ނަމަ އެއީ ތަހުޒީބުވެފައިވާ މުޖުތަމަޢުއެކޭ ނުދެންނެވޭނެ ކަމަށް ވެސް މިނިސްޓަރ ޝިދާތާ ވިދާޅުވިއެވެ.
މިނިސްޓަރ ޝިދާތާގެ ވާހަކަފުޅުގައި އަދުގެ ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވައިގެން މި ކަންކަން އިޞްލާޙުކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވިއެވެ. އެއީ ރިޔާސީ އިންތިޚާބުގެ ތެރެއިން ރައްޔިތުންނަށް ވެފައިވާ ވަޢުދެއް ކަން ފާހަގަކުރައްވައި، އެ ވަޢުދު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ފުއްދަވައިދެއްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އަރުވާ ކަމަށް މިނިސްޓަރ ޝިދާތާ ވިދާޅުވިއެވެ. އެ ގޮތުން މި ދައުރު ހަމަވެގެންދާ އިރު، ސަރުކާރުން ގެނެސްދޭ ތަރައްޤީގެ ނަތީޖާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދިރިއުޅުމުން ފެނިގެންދާނެ ކަމަށް އެ ކަމަނާ ވިދާޅުވިއެވެ.
މިނިސްޓަރ ޝިދާތާ އިތުރަށް ވިދާޅުވި ގޮތުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތެއް ކާމިޔާބީއާ ހަމައަށް ވާސިލުވެވެނީ، އެ ނޫން މީހަކު އެ ފަދަ ކާމިޔާބީއެއް ހޯދުމަށް ވާ ޤުރުބާނީއަށް ވުރެ އެތައް ގުނަ ބޮޑު ޤުރުބާނީތަކެއް ވެގެންނެވެ. އެ ގޮތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން ގިނަ ފަރާތްތައް އެންމެ ފުރަތަމަ ކަޑައްތުކުރާ ހުރަހަކީ ޢާއިލާގެ ތެރޭގައި އެ ފަރާތްތަކުގެ ޤާބިލުކަމާ މެދު އޮންނަ ވިސްނުން ކަމަށާއި، އެއަށް ފަހު، މުޖުތަމަޢުގެ ތެރެއިން ކުރިމަތިވާ ގޮންޖެހުންތައް ކަމަށް އެ ކަމަނާ ވިދާޅުވިއެވެ. މި ހުރިހާ މަރުޙަލާތަކެއް ކަޑައްތުކުރުމަށް ފަހު ކާމިޔާބީއާ ހަމައަށް ވާސިލުވެވެނީ ކެތްތެރިކަމާއެކު ކުރެވޭ ދިގު އިންތިޒާރާއި މިންނެއް މަސައްކަތުން ހޯދޭ ހަނި ފުރުޞަތެއްގެ ތެރެއިން ކަމަށް ވެސް މިނިސްޓަރ ޝިދާތާ ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް