އެމްއޭސީއެލްއަށް ސީޕްލޭން ޓާރމިނަލް ހިންގޭނެ: ފައްޔާޒް
ވެލާާނާ އިންޓަރނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ހަދަމުންދާ އާ ސީޕްލޭން ޓާމިނަލް، އެމްއޭސީއެލްއަށް ހިންގޭނެކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.
ފައްޔާޒު މިހެން ވިދާޅުވީ ކުރެއްވި ޓްވީޓެއްގައެވެ.
އެބޭފުޅާ ވިދާޅުވީ އެއީ ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން ޓާމިނަލް ކަމުގައިވިޔަސް، އެއީ އެއާޕޯޓްގެ ޖުމްލަ އޮޕަރޭޝަންސްއާއި މެނޭޖްމަންޓާއި އަޅާބަލާއިރު ކުޑަ ބައެއް ކަމަށެވެ.
އެހެންކަމުން ސީޕްލޭން އޮޕަރޭޝަންސްތައް އެމްއޭސީއެލްއަށް ނުހިންގޭނެ ސަބަބެއް ނެތްކަމަށް ފައްޔާޒް ވިދާޅުވިއެވެ.
މި ސީޕްލޭން ޓާމިނަލް ކުއްޔަށް ދިނުމާއި ދެކޮޅަށް އޭސީސީއަށް ވަނީ މައްސަލައެއްވެސް ހުށައަޅާފައެވެ.
އޭސީސީ އަށް ހުށަހެޅި މައްސަލައިގައި، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އެދިގެން އޮޑިޓަ ޖެނެރަލްގެ އޮފީހުން ހެދި ސީ ޕްލޭން ޓާމިނަލާއި ގުޅޭ އޮޑިޓް ރިޕޯޓުގައި ހުރި ކަންބޮޑުވުންތައް ވެސް ހިއްސާކޮށްފައިވެ އެވެ.
އޭސީސީއަށް ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ އެމްއޭސީއެލުން 55 މިލިއަން ޑޮލަރު ހޭދަކޮށްގެން ހަދާ ޓާމިނަލް، މިހާރު އެމްއޭސީއެލް އިން މަޝްވަރާކުރަމުން އަންނަ ގޮތަށް މާކެޓް އަގަށް ވުރެ ކުޑަކޮށް ޓީއެމްއޭއަށް ދީފި ނަމަ، އަހަރަކު 41 މިލިއަން ޑޮލަރު (632 މިލިއަން ރުފިޔާ)ގެ އާމްދަނީއެއް އެމްއޭސީއެލް އަށް ގެއްލިދާނެ ކަން އޮޑިޓުން ވެސް ފެންނަން އޮތް ކަމަށެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކުޑަ އަގުގައި ބިން ނަގައިގެން ޓޫރިސްޓު ލައުންޖް ހަދަން ރިސޯޓްތަކަށް ދީގެން ކުލީގެ ގޮތުގައި މިހާރު ވެސް އަހަރަކު 20 މިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ޓީއެމްއޭ އިން ނަގަ އެވެ. އަދި ވަކިވަކި ލައުންޖްތަކުން ޓީއެމްއޭ އަށް ލިބޭ އާމްދަނީގެ ތަފްސީލް ވެސް އޭސީސީ އަށް ހުށަހަޅާފައިވެ އެވެ.
މާކެޓް އަގުގައި، އާ ސީ ޕްލޭން ޓާމިނަލް އިން އޮފީސް ހިންގުމާއި ލައުންޖް ހިންގަން ޖާގަ ދީގެން އެމްއޭސީއެލް އަށް ބޮޑު އާމްދަނީއެއް ލިބެން އޮއްވައި، ބޭރުގެ ގައުމެއްގެ ބޮޑު ހިއްސާއެއް އޮންނަ އަދި ދިވެހި އެންމެ ފަރުދެއްގެ ކުޑަ ހިއްސާއެއް އޮންނަ ޓީއެމްއޭ އަށް ހޯދައިދިނުމަށް އެމްއޭސީއެލްގެ މެނޭޖްމެންޓުން ނިންމާފައިވާ މައްސަލައަކީ ބޮޑު ހިޔާނާތެއް ކަން މައްސަލައިގައި ފާހަގަކޮށްފައި ވެއެވެ.
އަދި އެގޮތަށް ދީފި ނަމަ އެމްއެމްޕީއާރުސީގެ ޚިޔާނާތާ އެއްވަރުގެ އަދަދެއް ގެއްލިދާނެ ކަމަށް ބުނެ އެކަން ހުއްޓުވައިދޭން އޭސީސީ އަށް ވަނީ އެދިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް