ރައީސް އަޒުލުކުރަން އެމްޑީޕީން އުޅޭ ވާހަކައިން އިންޑިއާގެ ނޫސްތަކަށްވަނީ އީދެއް އައިސްފައި
މި ދެ ތިން ދުވަހަކު އަވަށްޓެރި އިންޑިއާގެ މީޑިއާތަކުގެ ފަލަ ސުރުޚީތަކުން ފެންނަމުންދަނީ ރާއްޖޭގެ އިދިކޮޅު ދެޕާޓީ ގުޅިގެން ރައީސް ޑޮކްޓަރ މުޙައްމަދު މުއިއްޒުގެ މައްޗަށް ގާނޫން ހަދާ މަޖިލީހުގެތެރެއިން އިތުބާރު ނެތްކަމަށް ހުށަހަޅަން ތައްޔާރުވަމުންދާ ވާހަކައާއި އެންޓި އިންޑިއާ ރައީސް ކަމަށް އެމީހުން ދެކޭ ރައީސް މަގާމުން ދުރުކުރަން އުޅޭ ޚަބަރެވެ.
އިންޑިއާގެ ނޫސްތަކަށް އެމްޑީޕީން މި ކުރަން އުޅޭ ކަންތަކުން
އީދެއް އައިސްގެން އުޅޭ ފަދައެވެ. އެކިއެކި އެންގަލްތަކުން މިޚަބަރު ލިޔެ ބަހުސްކުރަމުންދާ
ގޮތުން ހީވަނީ އިންޑިއާގެ އެތެރޭގެ ސްޓޭޓެއްގެ މައްސަލަ ގަނޑެއް ފެންމަތިވެގެން
އުޅޭހެންނެވެ.
ރާއްޖޭގެ ރައީސްކަމުން ޑޮކްޓަރ މުއިއްޒު ވަކިކުރަން މި ނޫސްތަކުން
ފެންބޮވައިގެންފައިވާ ކަހަލައެވެ. މިކަންކުރަން އުޅޭ ރާއްޖޭގެ އިދކޮޅު ޕާޓީ އެމްޑީޕީއަކީ
އިންޑިއާގެ ނޫސްތައް ސިފަކުރާ ގޮތުގައި ދިވެހިރާއްޖޭގެ ޕްރޯ އިންޑިއާ ޕާޓީއެވެ. ނުވަތަ އިންޑިއާގެ ވަފާތްތެރިންނެވެ.
އިންޑިއާ ޕްރޯ ނުވަތަ އިންޑިއާއަށް ވަފާތްތެރި ރައީސް އިބްރާހީމް މުހައްމަދު ސާލިހާމެދު ދިވެހި ރައްޔިތުންގެ ގިނަ ބަޔަކު ނުރުހި މިދިޔަ އަހަރު ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިޚާބުގައި އެމަނިކުފާނުގެ މައްޗަށް ދިވެހިރައްޔިތުން އިންތިޚާބު ކުރީ ބޮޑު އަޣްލަބިއްޔަތަކުން މިހާރުގެ ރައީސް ޑޮކްޓަރ މުޙައްމަދު މުއިއްޒެވެ.
ދިވެހި ރައްޔިތުން ނިންމި ނިންމުން އަދި ތަންފީޒު ނުވަނީސް، ނުވަތަ އަދި ސަރުކާރުވެސް ރަނގަޅަށް ނުއުފެދެނީސް، އެނިންމުމަށް ޗެލެންޖުކޮށް ވަރަށް ޚުދުމުޚްތާރު ނުރައްކާތެރި ގޮތަކަށް ސަރުކާރު ވައްޓާލަން އެމްޑީޕީކަހަލަ ޑިމޮކްރަސީގެ ވާހަކަ ދައްކާ ބަޔަކު ތެދުވެދާނެ ކަމަށް އެއްވެސް ދިވެއްސަކަށް ޚިޔާލަކަށްވެސް ނުގެނެވޭނެއެވެ.
ޚުދު އެޕާޓީގެ އާއްމު މެންބަރުންނަށްވެސް މިވާން އުޅޭ ގޮތެއް ނޭގެއެވެ. އެންމެންނަށްވެސް އެގޭ ކަމަކީ ވަރުގަދަ އަތެއް ފަހަތުގައި އޮވެގެން ނޫނީ މިވަރުގެ ކަމެއް ކުރަން ގާނޫން ހަދާ މަޖިލީހުގައި ތިބި ޕާޓީގެ މެންބަރުން ތެޅި ނުގަންނާނެކަމެވެ.
ފެންނަ ފެނުމަށް ރައީސުލްޖުމްހޫރިއްޔާ ވެރިކަމުން އަޒުލުކުރުމަށް އެމްޑީޕީގެ ލީޑަރޝިޕުން ނުކުމެގެން މިއުޅެނީ ރޭވިފައިވާ އެޖެންޑާއެއްގެ ތެރެއިންނެވެ. މިއީ ބޭރުގެ ބާރުގަދަ ގައުމެއްގެ ތާއީދު ލިބިގެން ނޫނީ އެޕާޓީން ކުރާނެ ޒާތުގެ ކަމެއް ނޫންކަން އެންމެންނަށްވެސް އެނގެއެވެ.
އިއްޔެ އެމްޑީޕީން ވަކިވެގެން މުހައްމަދު ނަޝީދު އުފެއްދެވި ޑިމޮކްރެޓިކް ޕާޓީ އެމްޑީޕީގެ މިހާރުގެ ސިޔާސަތު ތަކަށް ހިފެހެއްޓުމެއް އަދި އިމެއްނެތި ކިޔަމުންދިޔަ ފާޑުކިއުންތައް ކުއްލިއަކަށް ހުއްޓާލައި، އެއްމޭޒެއްގެ މަތިން ސައިބޮއިގެން ރައީސް އަޒުލުކުރުމަށް އެމްޑީޕީއާއި އަތާއި އަތްގުޅައިލާނީ ކީއްވެގެންކަން ހަމަ ބުއްދިން ވިސްނައިލާ ކޮންމެ މީހަކަށް ސާފުވެއެވެ. ރައީސް އަޒުލުކުރުމަށް ހިތްވަރުދޭ ބާރަކީ ކޮބައިކަން ދިވެހިންނަށް ދުވާލުގެ އިރުފަދައިން ސާފެވެ.
މިރޭވުން ތަންކޮޅެއް ދުރާލައި އެޕާޓީން ރާވާފައިވާ ކަން ދޭހައެވެ. ރައީސުލް ޖުމްހޫރިއްޔާގެ ބާރު ކަނޑުވާލުމަށްޓަކައި ދައުލަތުގެ ތެރެއިން ނަގަންޖެހޭ ބާރުތައް އެޕާޓީގެ ވެރިކަން ނިމެމުންދަނިކޮށް ވަނީ ކަށަވަރުކޮށްފައެވެ. އެޕާޓީގެ ސިޔާސަތު ނަގަހައްޓައިދޭނެ ޕްރޮސެކިއުޓަރ ޖެނެރަލަކު އެބަހުންނެވިއެވެ.
އޭނާގެ ރުހުމުގައި ނޫނީ މީހެއްގެ ގައިގައި އަތެއްވެސް ނުލެވޭނެއެވެ. ޖުޑިޝަލް ސާވިސަސް ކޮމިޝަންގެތެރެއިން ކުޅެފައިވަނީ ކޯޓްތަކާއެވެ. ދަށު ކޯޓުންފެށިގެން ސުޕްރީމް ކޯޓާއި ހަމައަށް އެމްޑީޕީއަށް ނުފޫޒު ފޯރުވައިދޭނެ ފަނޑިޔާރުންވަނީ ހަމަޖައްސައިފައެވެ. ވެރިކަން ނިމެމުންދަނިކޮށް ކުއްލިގޮތަކަށް ހައިކޯޓަށް ނެގި ފަނޑިޔާރުންނާއެކު އެކޯޓުވެސް ވަނީ މިދެންނެވި ނުފޫޒުގެ ތެރެއަށް ވައްދާފައެވެ.
ގާނޫން ހެދުމުގެ ބާރުގެ ބޭނުން ނަހަމަގޮތުގައި ހިފައިގެން ސަރުކާރު ވައްޓާލަން އެމްޑީޕީން ރާވައިގެން މިއުޅޭ ރޭވުން ދައުލަތް ހިންގުމުގެ ބާރުން ބަލައި އަވަސް ތަހްގީގެއް ފަށަން އެބަޖެހެއެވެ.
މިކަމުގެ އަޑީގައި ތިބި ބަޔަކާއި އެބަޔަކަށް ސަޕޯޓްދޭ ބޭރުގެ
ބާރުތަކަކީ ކޮބައިކަން ދިވެހިރައްޔިތުންނަށް ހާމަކޮށްދެއްވަން ރައީސުލް ޖުމްހޫރިއްޔާއަށް
ޖެހިވަޑައިގަންނަވައެވެ. ގާނޫން އަސާސީގެ ބާރުތައް ނެގެހެއްޓުމުގެ އެންމެ އިސްފަރާތަކީ
ރައީސުލް ޖުމްހޫރިއްޔާއެވެ.
ދިވެހިރާއްޖޭގެ ޤާނޫން އަސާސީއާއި ޚިލާފަށް
ވެރިކަންކޮށްފައި ތިބި ފަރާތްތައްވިޔަސް ހިންގާފައިވާ ޖަރީމާތައް ބަލައި ހަރުކަށި
ފިޔަވަޅު އަޅަންޖެހެއެވެ. ދިވެހިރާއްޖޭގެ ސރަހައްދުން ބައެއް ދޫކޮށްލާފައިވަނީ
ގާނޫން އަސާސީއާއި ޚިލާފަށްކަން އެބަސާފުވެއެވެ. އެކަން ކުރެއްވި ފަރާތްތައް
ޝަރީއަތުގެ ކުރިމައްޗަށް ހާޒިރުކުރެވެން ޖެހެއެވެ.
މިސާލުތަކާއި ދަރުސްތައް ނަގަންވީ އިހަށްދުވަހު ދުނިޔޭގެ ބާރަކުން އަޑީގައި އޮވެގެން ވެރިކަން ބަދަލުކޮށްލި ޕާކިސްތާނަކުން ނޫނެވެ. ތުރުކީންނެވެ. ބޭރުގެ ނުފޫޒުތަކުގެތެރެއަށް ތުރުކީ ވަށްޓާލަން އުޅުނު އެގައުމުގެ އަސްކަރީ ފަރާތްތަކާއި ސިޔާސީ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމުގައި ތުރުކީގެ ރައީސް އޮރްދޮޣާން ދެއްކި ހިތްވަރުންނެވެ. ގައުމަށް ނުރައްކާވި މިފަދަ ދަނޑިވަޅުތަކުގައި ރައީސް އަބްދުﷲ ޔާމީނަކީވެސް ހިތްވަރުގަދަ ލީޑަރެކެވެ. ބޭރުގެ ބާރަކުން އަޑީގައި އޮވެގެން އެމަނިކުފާނުގެ ސަރުކާރު ވަށްޓާލަން ގެންނަން އުޅުނު ޖުޑިޝަލް ކޫ ރޫޅައިލެއްވީ ފިސާރި ހުށިޔާރުކަމާއެކު ކެރިވަޑައިގެންނެވެ. ގޮވާނީ އެންމެ އެއްޗެކެވެ. އަނިޔާވެރިއެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް