ސްކޫލް ދަބަސް މާބޮޑަށް ބަރުވެއްޖެނަމަ ދަރިފުޅަށް ގެއްލުން ވެދާނެތަ؟
ބަރު ދަބަސް ކޮނޑުގައި އަޅައިގެން މަދަރުސާއަށް ދަރިވަރުން ކިޔަވަންދާ މަންޒަރަކީ ފެނި ފެނި ބާވެފައިވާ މަންޒަރެކެވެ.
ހައްޓަށް ބަރު ދަބަސް ހިފައިގެން މަދަރުސާއަށް ދެވޭއިރު، އިންތިހާއަށް ވަރުބަލިވެފައިހުރެ ދަރިވަރަށް މިޖެހެނީ ކިޔެވުމާއިގެން މަޝްއޫލުވާށެވެ. އެއަށްވުރެވެސް ދެރަކަމަކީ ހަގީގަތުގައި ކުއްޖާއަށް ސިއްހީ ގޮތުން ލިބޭ ގެއްލުމެވެ. ބަރު ދަބަސް އުފުލުމުގެ ސަބަބުން ކުދިންގެ ކޮނޑަށާއި ބުރަކައްޓަށް ބޮޑޑެތި ގެއްލުންތަކެއް ވެދާނެ ކަމަށް ސިއްހީ މާހިރުން ބުނެއެވެ.
އިންޑިއާގެ ކިޔުއައި ސްޕައިން ކްލިނިކްގެ ސީނިއާ ސްޕައިން ސްޕެޝަލިސްޓަކު ވިދާޅުވީ، ދަރިވަރަކު އުފުލާ ދަބަހުގެ ބަރުދަނުގައި އެކުއްޖާގެ ބަރުދަނުގެ 10 އިންސައްތައަށްވުރެ ގިނައިން ހުރެގެން ނުވާނެ ކަމަށެވެ. އަދި އެއަށްވުރެ ބަރުވެއްޖެނަމަ، ސިއްހީ ގޮތުން އެ ދަރިވަރެއްގެ މައިބަދައަށް ގެއްލުންވުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ އާންމުކޮށް ދަރިވަރުން އުފުލާ ބަރު ބެކްޕެކްތަކަކީވެސް އެހާ ރަނގަޅު އެއްޗެއް ނޫން ކަމަށެވެ. އޭގެ ސަބަބުން މައިބަދައަށް ގެއްލުން ލިބި ހަށިގަނޑު ގުދުވުމަށް މަގުފަހިވާ ކަމަށް ވިދާޅުވިއެވެ. އަދި ވަރަށް ބަރު ދަބަހެއް އެއް ކޮނޑުގައި އެލުވައިގެން ހިނގާނަމަ، ކަރަށް ތަދުވުމަކީ ދިމާވާނެ މައްސަލައެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ތިމާގެ ދަރިފުޅަށް އެކަށީގެންވާ ވަރަށް ވުރެ ބަރު ދަބަހެއް އުފުލައިގެން ގެއްލުންވާކަން ދެނެގަނެވޭނެ ގޮތްތަކެއް އެބަހުއްޓެވެ. އެގޮތުން ކަރަށް ތަދުވާ ކަމުގެ ޝަކުވާއާއި، އިށީންނައިރު ބުރަކަށީގައި ރިއްސާކަމުގެ ޝަކުވާ ކުރާނަމަ، ދަރިފުޅުގެ ސްކޫލް ދަބަސް ބަރުވާ މައްސަލައަށް ހައްލެއް ހޯދައިދޭން އެބަޖެހެއެވެ.
އެކަން ހައްލު ކުރުމަށްޓަކައި ކުރެވިދާނެ އެއް ކަމަކީ ދަރިފުޅުގެ ދަބަސް އުފުލައި ދިނުމެވެ. ނޫން ނަމަ ދަރިފުޅުގެ ދެކޮނޑަށް ލުއި ލިބޭނެ ފަދަ ދަބަހެއް ހޯދައިދިނުމެވެ. އެއީ ދެކޮނޑަށް ޝޯލްޑަރޕެޑް ލައްވާފައިވާ ދަބަހެވެ. އެފަދަ ދަބަސް ބޭނުން ކުރުމުން އެއްކޮނޑަށް ބަރުވާ މައްސަލަ ހައްލުވާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް